ޙާޖީން މިރޭ މިނާއަށް، ޓެންޓުތަކުގެ އިންތިޒާމްތައް ނިމިފައި

ޙައްޖުގެ މަތިވެރި އަޅުކަމަށް ޙާޖީން މިރޭގެ ވަގުތެއްގައި މިނާއަށް ދާން ފުރާނެއެވެ. މިނާ އަދި އަރަފާތުގައިވެސް ޙާޖީން ތިބުމުގެ އެންމެހާ އިންތިޒާމްތައް ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސާފައެވެ.
ފަތިސް ވަގުތާ ހަމައަށް ދާއިރު، އެންމެހާ ބަސްތަކުގައި ދަތުރުކުރާ ޙާޖީންނަށްވެސް މިނާގައި ތިބުމަށް ހަމަޖެހިފައިވާ ޓެންޓުތަކަށް ދެވޭނެކަމަށް ބެލެވެއެވެ. ނަމަވެސް ޙައްޖާއި ގުޅިގެން މައްކާގެ ޓްރެފިކް ތޮއްޖެހުން ވަނީ ވަރަށް ބޮޑުވެފައެވެ. ޓްރެފިކް ބެލެހެއްޓުމުގެ ކަންކަން ގެންދަނީ ވަރަށް ތަރުތީބުކޮށްގެންނެވެ. މިނާގައި އަންހެނުން އަދި ފިރިހެނުން ޚާއްސަ ޓެންޓު، ކެއިންބުއިމަށް ޚާއްސަ ބުފޭ ސަރަޙައްދު ވަކިން ހުންނާނެއެވެ.
އަދި ޓެންޓުގައި ކޮންމެ ހާޖީއަކަށް ސޯފާ ބެޑަކާއި ބާލިސް އަދި ބެޑްޝީޓް ހުންނާނެއެވެ. މީގެއިތުރުން މުސައްލަ، ކުޑަ، ފެންފުޅި، ހިލަކޮޅު ހޮވާފައި އަޅާ ކޮތަޅު، ކުޑަ ދަބަހެއް އަދި ބައެއް ކަހަލަ ރީތިވާ ސާމާނުވެސް ކޮންމެ މީހަކަށް ވަކިން، ޕެކޭޖެއްގެ ގޮތުގައި ލިބޭނެއެވެ. ހުރިހާ ޓެންޓްތައް ހުންނާނީ އޭސީކޮށްފައެވެ.
ފާޚާނާގެ އަދަދުވެސް 5 ގުނަ އިތުރުކޮށްފަވާއިރު، އަދަދު 60އަށްވުރެ ވަނީ އިތުރުކޮށްފައެވެ.
މީގެއިތުރުން ޙާޖީންނަށް ތަފާތު ފިނި ބުއިންތައް އެއްވެސް އަގަކާ ނުލާ ލިބޭގޮތަށް، ޓެންޓުތައް ބޭރުގައި ފްރިޖްތައް ބަހައްޓާފައި ހުންނާނެއެވެ.
މިނާއެކޭ އެއްގޮތަށް، އަރަފާތުގައިވެސް ޙާޖީން ތިބުމުގެ އެންމެހާ އިންތިޒާމްތައް މިހާރު ވަނީ ހަމަޖައްސާފައެވެ. ޙައްޖުވެރިން މަޝާއިރުގައި 6 ދުވަސް ހޭދަކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ