އައްޑޫ ރީޖަނަލް ފްރީ ޒޯނުން ވިޔަފާރިތަކަށް ޖާގަ ހޯދުމުގެ ފުރުސަތު މިމަހުގެ 11އާ ހަމައަށް

އައްޑޫ ރީޖަނަލް ފްރީޒޯން ސަރަހައްދުން ޖާގަ ބޭނުންވާ ވިޔަފާރިތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލްއިން ވަނީ ފްރީޒޯނުން ބިން ހޯދުމަށް ޝައުވެރިވާ ވިޔަފާރިވެރިން އީއޯއައި ހުށަހަޅާނެ ގޮތާއި، ޖާގަ ދޫކުރާނެ އަގުތަކުގެ އިތުރުން ޖާގަ ލިބޭ ފަރާތްތައް ކަނޑައަޅާނެ އުސޫލުތައް އާންމުކޮށްފައެވެ.
މީގެ އިތުރުން، ބޮންޑެޑް ގުދަނުގެ ޚިދުމަތާއެކު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަ ހުއްދައެއްގެ ދަށުން އެތެރެކުރާ މުދާތައް ރައްކާތެރިކަމާއެކު ބެހެއްޓުމުގެ ފުރުސަތު ލިބި، ވިޔަފާރިވެރިންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. މިއީ ވިޔަފާރިވެރިންގެ މުދާތައް ވަރަށް ކުޑަ އަގެއްގައި ބެހެއްޓޭނެ ގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެކެވެ.
އައްޑޫ ސިޓީއަކީ ވިޔަފާރިކުރަން ފަސޭހަ ތަނަކަށް ހަދައި، އެ ސިޓީއަކީ އައިޓީ ހަބަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ހިމަނުއްވާފައިވާ މުހިންމު ސިޔާސަތެކެވެ. މި ފްރީ ޒޯނަކީ އެ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ