ޓްރަމްޕްގެ އެންގެވުމާ އެކު އީރާނާއި އިސްރާއީލުން ހަމަލާތައް މެދުކަނޑާލައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގެވުމަކާ ގުޅިގެން އީރާނާއި އިސްރާއީލުން އެއް ގައުމުން އަނެއް ގައުމަށް ދެމުންދިޔަ ހަމަލާތައް މެދުކަނޑާލައިފި ކަމަށް ދެ ގައުމުން ވެސް ހާމަކޮށްފިއެވެ. މިއީ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު ވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށް ފަހު، މި ދެ ގައުމުގެ މެދުގައި ހިނގި އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު ކުރިމަތިލުމެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާތައް ހުއްޓާލުމަށް ޓްރަމްޕް ގޮވާލެއްވީ ދެ ފަރާތުން ވެސް ހަމަލާތައް ހުއްޓާލުމަށް އަންގަވަމުންނެވެ. އީރާނުން ބުނެފައިވަނީ އިސްރާއީލަށް ދެމުންދިޔަ ހަމަލާތައް މި ވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް، އީރާނުގެ ތާއީދު އޮންނަ ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތައް ކުރިއަށްގެންދާ ނަމަ، އަލުން ހަމަލާދޭން ފަށާނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. މީގެ އިތުރުން، އިސްރާއީލުން ވެސް އީރާނަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލަން ނިންމާފައިވާ ކަމަށް ކަމާބެހޭ މަސްދަރުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ކުރިމަތިލުންތަކުގެ ސަބަބުން ފެބްރުއަރީ 28 ގައި ފެށި ތިން މަސް ދުވަހަށް ދެމިގެންގޮސްފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ. ޓްރަމްޕް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވާ ގޮތުގައި، ދެ ގައުމުން ވެސް ބޭނުންވަނީ ވަގުތުން ހަމަލާތައް މެދުކަނޑާލައި ސުލްހައިގެ ފަހުގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށެވެ. އިސްރާއީލުން އީރަނަށް ދިން ހަމަލާއެއްގައި އިމާރާތެއް ހަލާކުވެފައި. ފޮޓޯ/ގެޓީ މި ފަހަރުގެ ހަމަލާ ބަދަލުކުރުންތައް ފެށުނީ އާދީއްތަ ދުވަހުގެ ރޭ އީރާނުން އިސްރާއީލުގެ ސަރަހައްދުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލްތަކެއް ފޮނުވާލުމާ ގުޅިގެންނެވެ. އީރާނުން ބުނި ގޮތުގައި މިއީ ބެއިރޫތުގެ ބޭރުގައިވާ ސަރަހައްދުތަކުގައި ހިޒްބުﷲ އަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. އެ ހަމަލާތަކުގެ ރައްދުގައި އިސްރާއީލުން ވަނީ އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި ޕެޓްރޯކެމިކަލް ކާރުޚާނާއަކަށް ހަމަލާދީފައެވެ. އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި އެ ކާރުޚާނާއަކީ ބެލިސްޓިކް މިސައިލް އުފެއްދުމަށް ބޭނުންކުރާ ތަނެކެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)އިން ބުނެފައިވަނީ، އިސްރާއީލުގެ ހަމަލާއަށް ރައްދުދިނުމުގެ ގޮތުން ހައިފާގައި ހުރި އެފަދަ ކާރުޚާނާއަކަށް އަމާޒުކޮށް ހަމަލާދީފައިވާނެ ކަމަށެވެ. އީރާނުގެ ވެރިރަށް ތެހެރާނުގައި ބާރުގަދަ ގޮވުންތަކެއްގެ އަޑުއިވުނު ކަމަށް ރިޕޯޓުކޮށްފައިވާއިރު، ވައިގެ ދިފާއީ ނިޒާމުން ވަނީ ތެހެރާނުގެ މަތިން ޑްރޯނެއް ވައްޓާލާފައެވެ. ނަމަވެސް، މި ހަމަލާބަދަލުކުރުންތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވި ކަމަށް ދެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި، ބޮޑު ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް ވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އިސްރާއީލަށް ދިން ފުރަތަމަ ބުރުގެ ހަމަލާތައް މިހާރު ނިމިފައިވާ ކަމަށެވެ. މި ހަމަނުޖެހުންތަކުގެ ތެރެއިން ޑިޕްލޮމެޓިކް މަސްރަހުގައި ވެސް ބޮޑެތި ކަންތައްތަކެއް ވަނީ ހިނގާފައެވެ. އެކްސިއޯސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަލުން އީރާނާ ދެކޮޅަށް ހަނގުރާމައަކަށް ވަޑައިގެންފިނަމަ، އެކަނިމާއެކަނި ހަނގުރާމަކުރަން ޖެހިދާނެކަމުގެ އިންޒާރު ދެއްވާފައެވެ. ނަމަވެސް ޓްރަމްޕް، ނަތަންޔާހޫއަށް ފިއްތުންތައް ކުރިމަތިކުރައްވާ ކަމަށް ދެކެވޭ ވާހަކަތައް، އެމެރިކާގައި ހުންނަވާ އިސްރާއީލުގެ ސަފީރު ޔެހިއެލް ލެއިޓާ ވަނީ ދޮގުކުރައްވާފައެވެ. ފޮކްސް ނޫހުގެ "ސްޕެޝަލް ރިޕޯޓް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ލެއިޓާ ވިދާޅުވީ، ދެ ލީޑަރުންގެ މެދުގައި އޮތީ އެއްބާރުލުންދޭ ގުޅުމެއް ކަމަށާއި ނޫސްވެރިން މަސައްކަތްކުރަނީ އޮޅުވާލުމެއްގެ ތެރެއިން ވާހަކަތައް ފަތުރަން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ދެ ބޭފުޅުންގެ މެދުގައި 40 އަކަށް އަހަރުވީ ގާތް ރަހުމަތްތެރިކަމެއް އޮންނަ ކަމަށާއި "ބައެއް ފަހަރު ލޯބިވެރިންގެ މެދުގައި ވެސް މައްސަލަ ޖެހޭ" ފަދައިން، ވާހަކަދައްކާއިރު ބައެއް ފަހަރު ހޫނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ