ބީބީސީން ޓްރަމްޕްގެ ކިބައިން މައާފަށް އެދި، އަބުރުގެ ދައުވާއާ ދެކޮޅު ހަދައިފި
އެމެރިކާގެ ކެޕިޓޮލް އިމާރާތަށް 2021 ވަނަ އަހަރު އެ ގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހަމަނުޖެހުން ހިންގައި ގެއްލުން ދިން ދުވަހު ޓްރަމްޕް ދެއްވި ތަގުރީރެއްގެ މާނަ އޮޅޭ ގޮތަށް އެޑިޓްކޮށް ޑޮކިއުމެންޓްރީއެއްގައި ހިމެނި މައްސަލައިގައި ޓްރަމްޕް ކިބައިން ބީބީސީން މައާފަށް އެދެފިއެވެ. ނަމަވެސް ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބީބީސީން ވަނީ ޓްރަމްޕް ކުރައްވަން އުޅޭ އަބުރުގެ ދައުވާގެ އަސާސް ދޮގުކޮށްފައެވެ. ބީބީސީން ބުނީ އެ ކުންފުނީގެ ޗެއާ ސާމިރު ޝާހު ވައިޓް ހައުސްއަށް ސިޓީއެއް ފޮނުއްވައި، ކަރަންޓް އެފެއާޒް ޝޯއެއް ކަމަށްވާ ޕެނަރޮމާ އިން ދެއްކި ޑޮކިއުމެންޓްރީއެއްގައި ޓްރަމްޕްގެ ވާހަކަ އެޑިޓް ކުރި ގޮތާ މެދު އޭނާ އާއި އެ ކޯޕަރޭޝަނުން މައާފަށް އެދިފައިވާނެ ކަމަށެވެ. "ވީޑިއޯ ކްލިޕް އެޑިޓް ކުރި ގޮތާ މެދު ބީބީސީން ހިތާމަކުރާއިރު، އަބުރުގެ ދައުވާއެއްގެ އަސާސެއް އޮތް ކަމަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ." ބީބީސީން ބުންޏެވެ. ޓްރަމްޕަށް 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމުން ހަމަނުޖެހުންތަކަށް ހިތްވަރުދީ ވާހަކަ ދެއްކެވި ކަމަށް ބުނެ ބީބީސީން ދެއްކީ 2021 ވަނަ އަހަރު ޖެނުއަރީ ހަ ވަނަ ދުވަހު ޓްރަމްޕް ދެއްވި ތަގުރީރެކެވެ. ޓްރަމްޕުގެ ވާހަކަތަކުން އެކި ތަނުން އެކި ތަންކޮޅު ނަގައި މާނަ އޮޅޭ ގޮތަށް ހިމަނައިގެން ޑޮކިއުމެންޓްރީއެއްގައި އެ ތަގުރީރު ދެއްކީ މިދިޔަ އަހަރު އެމެރިކާގެ ރިޔާސީ އިންތިހާބަށް ހަފްތާއަކަށް ވެފައި ވަނިކޮށް ބީބީސީގެ މަޝްހޫރު ޕެނޮރާމާ ޕްރޮގްރާމްގައެވެ. ވީޑިއޯ އެޑިޓްކޮށްފައިވާ ގޮތުން، ކެޕިޓޮލް އިމާރާތަށް އެންމެން އެކުގައި ދިއުމަށާއި ޓްރަމްޕު ވެސް އެ މީހުންނާ އެކު ވަޑައިގަންނަވާނެ ކަމަށާއި ކުރިމަތިލުމަކަށް ވެސް ދާންޖެހޭނެ ކަމަށް ޓްރަމްޕު ވިދާޅުވާ ކަމަށް ދޭހަވެއެވެ. ނުރުހުން ފާޅުކޮށް ކެޕިޓޮލްއަށް ވަންނާނީ ސުލްހަވެރިކަމާ އެކު ކަމަށް ޓްރަމްޕު ވިދާޅުވާ ބައި ވަނީ އުނިކޮށްފައެވެ. ޓްރަމްޕްގެ ވަކީލުން ވަނީ ޕެނޮރޮމާ ޝޯ އަނބުރާ ގެންގޮސް، ޓްރަމްޕް ކިބައިން މައާފަށް ނޭދިއްޖެނަމަ، އެއް ބިލިއަން ޑޮލަރުގެ ގެއްލުމުގެ ބަދަލު ހޯދުމަށް ބީބީސީއާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ބުނެފައެވެ. އެ މައްސަލައާ ގުޅިގެން ބީބީސީގެ ޗީފް އެގްޒެކެޓިވް ޓިވް ޑޭވީއާއި ހެޑް އޮފް ނިއުސް ޑެބޯރާ ޓާނެސް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ