ޚިޔާނާތްތެރިވި މައްސަލަ ކްރިމިނަލް ކޯޓަށް ނުބެލޭނެ ކަމަށް ބައްސާމްގެ ފަރާތުން ނެގި ދިފާއު ބަލައިނުގަތް

އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެ، މިހާރުވެސް ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފީފާގެ ބަހެއް ނެތި ފީފާގެ ފައިސާއަށް ޚިޔާނަތްތެރިވީ މައްސަލަ ކްރިމިނަލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ނެގި ދިފާއު ބަލައި ނުގަންނަން އެ ކޯޓުން މިއަދު ނިންމައިފިއެވެ. ބައްސާމް މިހާރުވެސް ހުރީ ޖަލުގައެވެ. އެއީ، އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއެކު ޖުމްލަ ނުވަ އަހަރެވެ. ބައްސާމްއާ ދެކޮޅަށް ކޯޓުގައި މިހާރު ހިނގަމުންދާ އަނެއް މައްސަލައަކީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ނުވަތަ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބައްސާމް ޚިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ވެސް ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ކޮށްފައެވެ. އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި ބައްސާމްގެ ލީގަލް ޓީމުން ދިފާއުގައި ބުނީ ޚިޔާނާތްތެރިވި ކަމަށް ބުނަނީ ފީފާއިން ފޮނުވި ފައިސާތަކަކަށް ކަމަށާއި، ފީފާގެ އުސޫލުތައް އޮންނަ ގޮތުން ފީފާގެ ހުއްދަ ނެތި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށެވެ. އެކަމަކު އެ ދިފާއު ކޯޓުން ބަލައެއްނުގަތެވެ. ބައްސާމްގެ ވަކީލުން ވިދާޅުވީ، ފައިސާ ދިނީ އެފްއޭއެމްއަށް ކަމަށް ވިޔަސް، އެއީ ފީފާގެ ފައިސާތަކަކަށް ވާތީ އެ މައްސަލަ ބެލުމުގައި ފީފާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ގައުމުތަކުގެ އިދާރާތަކަށް ނުވަދެވޭނެ ކަމަށް ވެސް ވަކީލުން ވިދާޅުވިއެވެ. ޖަލުގައި އިނދެ، އޮންލައިންކޮށް ޝަރިއަތުގައި ބައިވެރިވެ، ބައްސާމްވެސް ވިދާޅުވީ، އެފްއޭއެމްގެ ކަންކަމަކީ ފީފާއިން ވަރަށް ހަރުކަށިކޮށް ބަލާ ކަންކަން ކަމަށާއި އެގޮތުން ތިން ވަނަ ފަރާތެއްގެ އެއްވެސް ނުފޫޒެއް އެފްއޭއެމްގެ މައްޗަށް އައިސްގެން ނުވާނެ ކަމަށެވެ. އަދި އެ އެންގުމާ ޚިލާފުވި ގައުމުތައް މީގެ ކުރިން ފީފާއިން ސަސްޕެންޑް ކުރި ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ. ބައްސާމްގެ ވާހަކަތަކުގެ ރައްދުގައި ދައުލަތުން ވިދާޅުވީ، ފީފާއަށް ބާރު ލިބިގެން ވަނީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ކަމަށާއި ނަމަވެސް ޖިނާއީ ކަންކަން ހިނގާ ނަމަ ދިވެހި ފުލުހުންނަށް އެ މައްސަލަ ބެލޭނެ ކަމަށެވެ. މި މައްސަލައިގައި ދެން އޮންނާނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. މި މައްސަލައިގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންނާއި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ