ގޫގުލް ޕިކްސެލް ފޯނުތަކަށް ކޯލް ރެކޯޑިން ފީޗާ ތައާރަފުކޮށްފި
ގޫގުލް ޕިކްސެލް ފޯނުތަކަށް ކޯލް ރެކޯޑިން ފީޗާ ތައާރަފުކޮށްފިއެވެ. ގޫގުލްގެ ޕިކްސެލް ފޯނު ބޭނުންކުރާ ގިނަ ބަޔަކު އެދިއެދި ތިބި ކޯލް ރެކޯޑިންގެ ޚާއްސަ ފީޗާ، ކުރީގެ މޮޑެލްތަކަށް ވެސް ފުޅާކުރަން ފަށައިފައިވާއިރު، މިކަމުގެ ސަބަބުން، އާ ޕިކްސެލް ފޯނުތަކުގެ ވެރިންނަށް ލިބެމުންދިޔަ މި ފަސޭހަކަން، މިހާރު ކުރީގެ މޮޑެލްތައް ބޭނުންކުރާ ފަރާތްތަކަށް ވެސް ލިބޭނެއެވެ. މި އަޕްޑޭޓާއެކު ޕިކްސެލް 6 އިން ފެށިގެން މަތީގެ މޮޑެލްތަކަށް މި ފީޗާ ލިބޭނެއެވެ. މީގެ ތެރޭގައި ޕިކްސެލް 7 އަދި ޕިކްސެލް 8 ސީރީޒް ހިމެނެއެވެ. މީގެ ކުރިން ވެސް ޕިކްސެލް 9 އަދި ޕިކްސެލް 10 ފަދަ ފަހުގެ މޮޑެލްތަކުގައި އޭއައިގެ އެހީގައި ކޯލް ރެކޯޑްކުރުމުގެ ޚިދުމަތް ލިބެމުންދެއެވެ. މި ޚިދުމަތް ލިބިގެންދާނީ "ނޮވެމްބަރު ފީޗާ ޑްރޮޕް" ގެ ދަށުން ގޫގުލް ފޯނު އެޕްލިކޭޝަންގެ 198 ވަނަ ވާޝަނަށް އަޕްޑޭޓްކޮށްފައިވާ ފަރާތްތަކަށެވެ. https://sun.mv/213810 ކޯލް ރެކޯޑްކުރުމުގެ ސެޓިންގްތައް ފޯނު އެޕްލިކޭޝަންގެ "ސެޓިންގްސް" އަށް ގޮސް، "ކޯލް އެސިސްޓް"އިން ހެދޭނެއެވެ. އެގޮތުން ނޭނގޭ ނަންބަރުތަކުން އަންނަ ކޯލްތަކާއި، ޚާއްސަ ކޮންޓެކްޓްތަކުގެ ކޯލްތައް އޮޓޮމެޓިކުން ރެކޯޑްކުރެވޭ ގޮތަށް ހެދުމުގެ އިޚްތިޔާރު ލިބިގެންދެއެވެ. އަދި ކޯލް ކުރިއަށްދާ ވަގުތު ސްކްރީނުގައި ފެންނަ ރެކޯޑް ބަޓަނަށް ފިތާލައިގެން މެނުއަލްކޮށް ވެސް ކޯލް ރެކޯޑްކުރެވޭނެއެވެ. މި ފީޗާ ބޭނުންކުރާއިރު، ކޯލް ރެކޯޑްކުރަން ފަށާކަން އެންގުމުގެ ގޮތުން އަނެއް ފަރާތަށް ވޯނިން މެސެޖެއް ނުވަތަ ބީޕް އަޑެއް އިވޭނެއެވެ. ނަމަވެސް ގިނަ ސަރަހައްދުތަކުގެ ގާނޫނުތަކަށް ތަބާވުމުގެ ގޮތުން މިކަން ލާޒިމްކޮށްފައިވާތީ، މި އިންޒާރު ނިއްވާލުމުގެ ފުރުސަތެއް ނޯންނާނެއެވެ. ގޫގުލްގެ މި ބަދަލަކީ ޕިކްސެލް ފޯނު ބޭނުންކުރާ ގިނަ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ