ސޮނީއިން ޕްލޭސްޓޭޝަން ގޭމިން މޮނިޓަރެއް ތައާރަފުކޮށްފި

ސޮނީއިން އެ ކުންފުނީގެ ޕްލޭސްޓޭޝަން 5 (ޕީއެސް5) ބޭނުންކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން އާ ގޭމިން މޮނިޓަރެއް ތަޢާރަފުކޮށްފިއެވެ. ސޮނީގެ "ސްޓޭޓް އޮފް ޕްލޭ ޖަޕާން" ޕްރެޒެންޓޭޝަންގައި ތަޢާރަފުކުރި މި މޮނިޓަރުގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ، މޮނިޓަރުގެ ސްޓޭންޑްގެ ކުރިމަތީގައި ޕީއެސް5 ގެ ޑުއަލްސެންސް ކޮންޓްރޯލާ ޗާޖުކުރުމަށް ޚާއްޞަ "ޗާޖިން ހޫކެއް" ހިމެނުމެވެ. 27-އިންޗީގެ މި މޮނިޓަރަކީ ޑެސްކްޓޮޕް މާހައުލެއްގައި ގޭމް ކުޅެން ބޭނުންވާ ޕީއެސް5 ޔޫޒަރުންނަށް އަމާޒުކޮށްފައިވާ އުފެއްދުމެކެވެ. މި މޮނިޓަރަކީ 2560x1440 ޕިކްސެލްގެ ކިޔުއެޗްޑީ ރިޒޮލިއުޝަނެއް ލިބިދޭ އައިޕީއެސް ޑިސްޕްލޭއެކެވެ. ޕީއެސް5 އަދި ޕީއެސް5 ޕްރޯ އާއެކު 120ހާޓްޒް އާ ހަމައަށް ރިފްރެޝް ރޭޓެއް ލިބޭއިރު، ޕީސީ ނުވަތަ މެކް އަށް ގުޅައިގެން 240ހާޓްޒް ގެ ރިފްރެޝް ރޭޓެއްގައި ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން ހައި ޑައިނެމިކް ރޭންޖް (އެޗްޑީއާރު) އަދި އޮޓޯ އެޗްޑީއާރު ޓޯން މެޕިން ފަދަ ސިފަތައްވެސް ހިމެނެއެވެ. ކަނެކްޓިވިޓީއަށް ބަލާއިރު، ދެ އެޗްޑީއެމްއައި 2.1 ޕޯޓާއި، ޑިސްޕްލޭޕޯޓް 1.4 އަކާއި، ޔޫއެސްބީ ޓައިޕް-އޭ އަދި ޓައިޕް-ސީ ޕޯޓްތަކުގެ އިތުރުން 3.5އެމްއެމް އޯޑިއޯ ޖެކެއްވެސް ހިމެނެއެވެ. ބިލްޓް-އިން ސްޓީރިއޯ ސްޕީކަރު ހިމެނޭ މި މޮނިޓަރުގައި ވެސާ މައުންޓިންއަށްވެސް ސަޕޯޓުކުރެއެވެ. ޔޫއެސްބީ-ސީ ޕޯޓް ބޭނުންކޮށްގެން ސޮނީގެ ޕަލްސް އެލިވޭޓް ވައިރަލެސް ސްޕީކަރު ފަދަ ޕެރިފެރަލްސްތައް ޕްލޭސްޓޭޝަން ލިންކް އެޑެޕްޓަރު މެދުވެރިކޮށް ގުޅުމުގެ ފުރުޞަތު ލިބެއެވެ. ސޮނީއިން ބުނެފައިވާ ގޮތުގައި މި ޕްލޭސްޓޭޝަން ގޭމިން މޮނިޓަރު އެންމެ ފުރަތަމަ ބާޒާރަށް ނެރޭނީ 2026 ވަނަ އަހަރު އެމެރިކާ އަދި ޖަޕާނުގައެވެ. ނަމަވެސް، މޮނިޓަރުގެ އަގާއި އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ ބާޒާރުތަކަށް ނެރޭނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް މަސްތަކުގައި ހިއްސާކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި އާ މޮނިޓަރަކީ ސޮނީއިން ޕީއެސް5 އަށް ޚާއްޞަކޮށް ވަޔާލެސް ހެޑްފޯނާއި، އިއާބަޑްސް، އަދި ޕްލޭސްޓޭޝަން ރިމޯޓް ޕްލޭޔާ ފަދަ ގޭމިން ޕެރިފެރަލްސްތައް ތަޢާރަފުކުރަމުން އަންނަ ސިލްސިލާގެ އެންމެ ފަހުގެ އުފެއްދުމެވެ. މި މޮނިޓަރާއެކު، ޕީއެސް5 ޔޫޒަރުންނަށް ޑެސްކްޓޮޕް ގޭމިންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ