ކިޑްނީގެ ތަފާތު ބަލިތަކުގައި ދިގު މުއްދަތެއް ހޭދަކުރަންޖެހިފައިވާ މީހުންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވެ، އެކަން ހައްލުކުރުމަށް އެކަށޭނަ ފިޔަވަޅުތަކެއް ނޭޅޭތީ ސިއްހީ ދާއިރާގެ ސައެންސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ބައިނަލްއަގުވާމީ ފެންވަރެއްގައި އެއްކުރި މައުލޫމާތުތައް ތަހުލީލުކޮށްގެން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ދިގު މުއްދަތަށް ކިޑްނީ ބަލި ތަހައްމަލުކުރަންޖެހިފައިވާ މީހުންގެ އަދަދު 800 މިލިއަނާ ކައިރިވެއްޖެއެވެ. އަދި މިއީ އެންމެ ގިނައިން މީހުން މަރުވާ ދިހަ ބަލީގެ ތެރޭގައި މިހާރު ހިމެނޭ ބައްޔެއް ކަމަށް ވެސް ސައެންސްވެރިން ބުނެއެވެ.
ކިޑްނީ ފުރިހަމައަށް މަސައްކަތް ނުކުރުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންގެ އަދަދު 1990 ވަނަ އަހަރު ހުރީ 378 މިލިއަންގައެވެ. ނަމަވެސް އޭރު ދުނިޔޭގައި ދިރިއުޅެމުން ދިޔަ ޖީލު، މިހާރު މުސްކުޅިވެ ދުނިޔޭގެ އާބާދީ ވެސް މިހާރު އިތުރުވެފައިވާ އިރު، 2023 ވަނަ އަހަރު އެ އަދަދު ވަނީ 788 މިލިއަނަށް އަރައިފައެވެ.
މިއަދަދު މައްޗަށް ދިޔުމާއެކު، ދިގު މުއްދަތަށް ތަހައްމަލުކުރަންޖެހޭ ކިޑްނީގެ ބަލިތައް (ކްރޮނިކް ކިޑްނީ ޑިސީސް) މިހާރު ހިމެނިފައިވަނީ، އެންމެ ގިނައިން މީހުން މަރުވުމަށް މެދުވެރިވާ 10 ބަލީގެ ތެރޭގައެވެ.
ޔުނިވަސިޓީ އޮފް ގްލަސްގޯ އާއި ވޮޝިންޓަން ޔުނިވަސިޓީގެ ދިރާސާ ޓީމުތައް ގުޅިގެން ކުދި ދިރާސާއިން ފާހަގަކުރެވުނު ގޮތުގައި، ދާއިމީ ގޮތެއްގައި ކިޑްނީ ބަލިވުމުގެ މައްސަލަ ކުރިމަތިވަނީ، ހަށިގަނޑުގައި ދައުރުވާ ލޭގައި އެކުލެވޭ ކުނިބުންޏާއި ބޭކާރު ދިޔަތައް ލެއިން ވަކިކުރުމުގެ ގާބިލުކަން މަޑުމަޑުން ދަށްވާން ފެށުމުންނެވެ. ނަމަވެސް ވަރަށް އާދައިގެ މިންވަރަކަށް މި މައްސަލަ ކުރިމަތިވިޔަސް، އެކަމުގެ ސަބަބުން ހަށިގަނޑަށް މާ ބޮޑު ވޭނެއް ނުލިބޭތީ ގިނަފަހަރަށް އެކަން ފާހަގައެއް ނުކުރެއެވެ.
ނަމަވެސް ހާލަތު އިތުރަށް ގޯސްވުމުން، ކިޑްނީ ފެއިލްވެ ދާއިމީ ގޮތެއްގައި ޑައިލިސިސް ހަދަން މަޖުބޫރުވެއެވެ. ނުވަތަ ކިޑްނީ ބަދަލުކުރެވޭނެ ގޮތެއް ވެއްޖެ ނަމަ، ކިޑްނީ ބަދަލުކުރަންޖެހެއެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި، މުޅި ދުނިޔޭގެ އާބާދީއަށް ބަލާއިރު، ބޮޑެތި މީހުންނޭ މިކިޔާ އުމުރުފުރާގެ ގާތްގަނޑަކަށް 14 ޕަސެންޓް މީހުންނަކީ ކްރޮނިކް ކިޑްނީ ޑިސީސް ތަހައްމަލުކުރަމުން ދާ މީހުންނެވެ. މިހާތަނަށް ލިބެން ހުރި މައުލޫމާތަށް ބަލާއިރު، 2023 ވަނަ އަހަރު އެކަނިވެސް، މި ބަލީގައި 1.5 މިލިއަން މީހުން މަރުވިއެވެ. މިއީ 1993 ވަނަ އަހަރާ އަޅައި ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ.
ކްރޮނިކް ކިޑްނީ ޑިސީސް އަކީ މިހާރު ވަރަށް އާންމު، އަދި ފުރާނައަށް ގެއްލުން ދެނިވި ބައްޔެއްގެ ގޮތުގައި މިހާރު ގުނަންޖެހޭ ބައްޔެއް ކަމަށް ދިރާސާ ޓީމުން ފާހަގަކުރެއެވެ. މާނައަކީ، ކެންސަރާއި ހިތުގެ ބަލިތަކާއި ސިކުނޑީގެ ބަލިތަކުގެ ގިންތީގައި ގުނަންޖެހިފައިވާ، ގައިން ގަޔަށް ނާރާ ނުރައްކާތެރި ބައްޔެކެވެ. އެހެންކަމުން ދޭދޭ ގައުމުތަކުގެ ސިޔާސަތު ކަނޑައަޅާ މީހުންގެ ސަމާލުކަން މިމައްސަލައަށް ބޭނުންވާ ކަމަށް އެ ޓީމުން ބުނެއެވެ.
ގައިން ގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންގެ ނިސްބަތް މިހާރު ހުރި މިންވަރަށް ބަލައި، 2030 ވަނަ އަހަރާ ހަމައަށް ދާއިރު އެ އަދަދުން ތިން ބައިކުޅަ އެއްބައި މަދުކުރުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމުގެ މަސައްކަތުގައި ކިޑްނީ ބަލިތައް ވެސް، މިދިޔަ މެއި މަހު އެ ޖަމިއްޔާއިން ވަނީ ހިމަނައިފައެވެ.
އެހެން ނަމަވެސް، މިކަމަށް އެކަށޭނަ ހައްލެއް ހޯދޭނީ، މިބާވަތުގެ ބަލިތައް މިހާ ހަލުވިކަމާއެކު ފެތުރެމުންދާ ހަގީގީ ސަބަބުތައް ދެނެގަނެވިގެން ކަމަށް، ދިރާސާ ޓީމުން ބުނެއެވެ.
ކިޑްނީ ބަލީގެ މީހުން 800 މިލިއަނަށް އަރަނީ ކިޑްނީ ބަލީގެ މީހުން 800 މިލިއަނަށް އަރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ