މައިބަދައަށް ކެމެރާ ލައްވައިގެން ކުރާ އޮޕަރޭޝަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮށްފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންޑޯސްކޮޕިކް ސްޕައިން ސާޖަރީ ނުވަތަ މައިބަދައަށް ކެމެރާ ލައްވައިގެން ކުރާ އޮޕަރޭޝަން ކާމިޔާބުކަމާ އެކު ކޮށްފިއެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް, އައިޖީއެމްއެޗްގެ ނިއުރޯ ސާޖަރީ ޑިޕާޓްމަންޓުންނެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރި މި އޮޕަރޭޝަން ކާމިޔާބުކަން އައިޖީއެމްއެޗްއިން މިއަދު ވަނީ ހާމަކޮށްފައެވެ. އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތަށް އައިޖީއެމްއެޗްގައި އެދުނު ނަމަވެސް މިހާތަނަށް އެ ތަފުސީލުތައް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. https://x.com/igmhmv/status/1973231538151326086 މިއީ މައިބަދައިގެ ޑިސްކު ސްލިޕްވުން، ނުވަތަ ނާރު ފިތުން، ނުވަތަ އެކިކަހަލަ ބުރަކަށީގެ ތަދުތަކަށް ފަރުވާ ދިނުމަށް, ނުފަޅާ ކުރާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން ކުޑަ ހޮޅިއެއްގެ ތެރެއިން ކެމެރާއާއި އޮޕަރޭޝަނަށް ބޭނުންވާ އާލާތްތައް ވައްދާނީ މައިބަދައާއި ދިމާލުން ކުޑަ ލޯވަޅެއް ތޮރުފައިގެންނެވެ. އެއަށް ފަހު، ބުރަކައްޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަނީއެވެ. މައިބަދައަށް ކެމެރާ ލައްވައިގެން ކުރާ އޮޕަރޭޝަން އައިޖީއެމްއެޗްގައި ކުރަނީ-- ފޮޓޯ: އައިޖީއެމްއެޗް އާންމުކޮށް ފަޅައިގެން ކުރާ އޮޕަރޭޝަންތަކާ ހިލާފަށް މި ގޮތަށް ނުފަޅާ ކުރާ އޮޕަރޭޝަންތަކުގެ ފައިދާ ވަރަށް ބޮޑެވެ. އެއީ، އޮޕަރޭޝަނަށް ފަހު ވާ ތަދުކުޑަވުމާއި އަވަހަށް ރަނގަޅުވުމުގެ އިތުރުން ފާރުގަނޑުގެ ލަކުނު ކުޑަވުމެވެ. އަދި ފަޅައިގެން ކުރާ އޮޕަރޭޝަނަށް ވުރެ މި ގޮތަށް ކުރާ އޮޕަރޭޝަންތަކުން ހޮސްޕިޓަލުން ދޫކޮށްލާ މުއްދަތު ވެސް ކުޑަވެއެވެ. މީގެ ކުރިން މިފަދަ އޮޕަރޭޝަންތައް ކުރުމަށް ދިވެހީން ދާން ޖެހެނީ ރާއްޖޭން ބޭރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ