ހަމައެކަނި ތަނަވަސްކަމުގެ ބޭނުމުގައި ކައިވެނިކުރުވުން! ދަރިންއަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ!

އަޅުގަނޑުގެ މައިންބަފައިންނަކީ ފަޤީރު ބައެކެވެ. އެކަމަކު ދިރިއުޅެނީ ހިތްހަމަޖެހިގެން އުފަލުގައެވެ. އެހެންކަމާއިއެކުވެސް ތަނަވަސްކަމުގެ ބޭނުމުގައި އަޅުގަނޑު މިވަނީ ވިއްކާލައިފައެވެ. ކައިވެނީގައި 3 ދަރިން ލިބިއްޖެއެވެ. މިއަނިޔާއިން ސަލާމަތްވެވޭނެ މަގެއްވެސް މިއުޅެނީ ނުފެނިގެންނެވެ. ޝައިޚްއެވެ! އަޅުގަނޑަށްޓަކައި ހެޔޮ ދުޢާއެއް ކޮށްދެއްވާށެވެ!
މިފަދަ ވާހަކަތައް ބުނާ އަންހެނުން މަދެއް ނޫނެވެ. އެހެންވެ މިރޭ އަނެއްކާވެސް ދައްކަން މިއުޅެނީ ހަމަ އަހަރެމެންގެ ތެރޭގައި، މުސްލިމް މުޖުތަމައުތަކުގައި ހިނގަމުން އަންނަ ނުބައިކަން ބޮޑު މިޖަރީމާގެ ވާހަކައެވެ.
މީގެ ކުރިން މި މައުޟޫޢުގައި ދިން ދަރުސް އާއި ގުޅިގެން ބައެއް މީހުން ސުވާލުތައް ފޮނުވާފައިވާތީ ބުނަމެވެ. މައިން ބަފައިންނަކީ ދަރިންނަށް ހެޔޮ އެދޭ ބައަކު ނަމަ ބޭނުންވާންވާނީ ދަރިންނަށް ޙަޤީޤީ އުފާވެރިކަން ހޯދައި ދިނުމެވެ. ނުހަނު ލޯބިން ބަލައި ބޮޑުކޮށްފައި ދިރޭ ޤަބުރުންނަށް ހެދުންވާނީ އެކުދިން ދިރިތިއްބައި މަރާލުންކަމަށް ނޫންހެއްޔެވެ؟
މައިން ބަފައިން އަބަދުވެސް ވާންޖެހޭނީ ދަރިންނަށް ޙަޤީޤީ އުފައުވެރިކަމާއި ހިތް ހަމަޖެހުން ހޯދައިދޭން މަސައްކަތްކުރާ ބައަކަށެވެ. އަމިއްލަ ދަރިން ދިރިތިއްބައި ޤަބުރުންނަށް ބަދަލުކުރާ ބައަކަށް ނޫނެވެ. އެއީ ދަރިއަކަށް ދެވޭނެ އެންމެ ބޮޑުި ހިތްދަތިކަމެވެ. އެންމެ ބޮޑު އަނިޔާއެވެ. މިވާހަކަ ތަކުރާރުކޮށް ދައްކަން މިޖެހެނީ މުޖުތަމައުގައި ދިރޭ ޤަބުރުން އިތުރުވަމުން އަންނާތީއެވެ! ރަނގަޅަށް އަޑުއަހާށެވެ!
އިތުރުވަމުންދާ ދިރޭ ޤަބުރުގެ ތެރޭގައި ދެ ގޮތަކުން ދަރިން ދިރޭ ޤަބުރުންނަށް ބަދަލުވެއެވެ. އެއްގޮތަކީ އަންހެންކުދިން ބޮޑުވެ ތަޝައްރަފް ފުދުމުން ދުނިޔޭގެ އެދުމުގައި އަމިއްލަ އިޚްތިޔާރުގައި ދިރޭ ޤަބުރުންނަށް ބަދަލުވުމެވެ. ދެވަނަ ގޮތަކީ ނުހަނު ލޯބިން ގެންގުޅެ ބޮޑު ކުރުމަށްފަހު ވެސް ހަމަ ދުނިޔޭގެ ދަހިވެތިކަމުގައި، ދަރިން ދިރޭ ޤަބުރުންނަށް ބަދަލުކޮށްލުމެވެ. އެކުދިން ރޯ ރޮއިމާއި ކުރާ އާދޭހަށް ބަލައިލުމެއް ނެތިއެވެ.
މިދައްކަނީ ހަމައެކަނި ދުނިޔޭގެ އުފަލާއި ތަނަވަސްކަމުގެ ދަހިވެތިކަމުގައި ކައިވެނިކުރުމުގެ ވާހަކައެވެ. އެފަދަ ކައިވެނިތަކުގެ ސަބަބުން އަންހެން ކުދިން ދުނިޔޭގައި ދިރި ތިބި ނަމަވެސް ތިބެނީ މަރުވެފައި ކަމަށް ބުނެވިދާނެއެވެ. ﷲ ތަޢާލާ އެޅުއްވެވި ފުރާނައިގެ އަދަދު ހަމަނުވާތީ އަދި ހިނަވައި ކަފުން ނުކުރި ނަމަވެސް އެކުދިންގެ ޙަޔާތް ވަނީ މަރުވެ ކަފުން ކުރެވިފައެވެ. ދިރިއުޅެމުން ގެންދަނީ މަރުވުމުން ކަފުންކޮށް ލަޅުލާފައިވާ ޤަބުރެއް ފަދައިންނެވެ.
ޔަޤީންކަމާއިއެކު ބުނަމެވެ. ހަމައެކަނި ތަނަވަސްކަމާއި ގުޅުވައިގެން ކުރެވޭ ކައިވެންޏަކުން އަންހެނަކަށް ލިބޭނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ. ތިމާގެ ފިރިމީހާއަކީ މުއްސަންޖެއް ކަމަ ބުނެލެވުމަކީ ހިތްހަމަޖެހުމެއް ކަމަށްވާނަމަ އެ ހިތްހަމަޖެހުން ހޯދިދާނެއެވެ. ހަމައެއާއިއެކު ފަހަތުން އަންނަ މީހާ "ތިބާގެ ފިރިމީހާ" މިވެނިކަމެއް ކޮށްފި ކަމަށް ބުނެ ދައްކާ ވާހަކަތަކުން ދައްކަން ޖެހޭނެ ލަދުވެސް އެހައިމެ ބޮޑުވާނެއެވެ.
މިހެން މިބުނާ ފުރަތަމަ ސަބަބަކީ ތިމާއަށް ﷲ ތަނަވަސްކަން ދެއްވެވުމުން އެއަށް ދަހިވެތިވެ ޖާހިލުކަން ކުރިއަށް ނެރޭ މީހާ ވެގެންދާނީ އެންމެ ދަހިވެތި މީހުންގެ ތެރެއިންނެވެ. ފައިސާ ލިބުމުން ޖާހިލުވުމަކީ މުދަލާއިމެދު އަމަލުކުރަން ﷲ ތަޢާލާ އެންގެވި ގޮތަށް އަމަލު ނުކުރުމެވެ. އަދިވެސް އިތުރުކުރަން ގަދައަޅައި މަސައްކަތްކުރާ މީހަކަށް ވުމެވެ. އެހިސާބުން އެނގިގެން އެދަނީ ތިމާގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ލޯތްބެއް ނެތްކަމެވެ. އެއްވެސް ކިޔަމަންތެރިކަމެއް ނެތްކަމެވެ.
ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ. މީހަކު ތިބާގެ އަތަށް 100000 ޑޮލަރު ދީފައި މިބުނަނީ މިއިން ކޮންމެވެސް މިންވަރެއް ޞަދަޤާތްކޮށްލާށެވެ. ބާކީ ހުރި ފައިސާ ތިބާ ބޭނުންކުރާށެވެ. ނަމަވެސް ތިބާގެ ދަހިވެތިކަން ބޮޑުކަމުން އެންމެ ޑޮލަރެއްވެސް ޞަދަޤާތެއް ނުކުރެއެވެ. އަދި މުޅި ދުވަހު މަސައްކަތްކުރަނީ އެ 100000 ޑޮލަރަށް ކޮންމެވެސް މިންވަރެއް އިތުރުކުރެވޭތޯއެވެ. ނިކަން ބުނެބަލާށެވެ! އެފަދަ މީހާގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ބިރުވެތިކަމެއް އޮންނާނެ ހެއްޔެވެ؟ ﷲ ތަޢާލާއަށް އެއްވެސް ލޯތްބެއް އޮތް މީހަކު އެފަދައިން ކަންކަން ކުރާނެ ހެއްޔެވެ؟
ﷲ ތައާލާއަށް ބިރުވެތި ނުވާ މީހުންގެ ހިތުގައި އަދި އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ލޯތްބެއް ނެތް މީހުންގެ ހިތުގައި އެމީހެއްގެ އަނބިދަރިންނަށް އޮންނާނީ ކޮން ލޯތްބެއް ހެއްޔެވެ؟ އެފަދަ މީހުންނާއި ކައިވެނިކުރުމަށްފަހު ގޭގައި ރޮއިރޮއި އިންނަން ޖެހެނީ މިސަބަބުތަކަށްޓަކައެވެ. ފިރިމީހާގެ ކުރިމަތީގައި ހުރިހާވެސް އެއްޗަކީ ފައިސާ ކަމަށް ވުމުން އަނބިދަރިންނަށް އެއްވެސް މަޤާމެއް ފިރިމީހާގެ ހިތުގައި ނުއޮންނާތީއެވެ.
މިހުރިހާ ކަންކަމަށް ވިސްނުމަށްފަހު ނިކަން ބުނެބަލާށެވެ! ހަމައެކަނި ތަނަވަސްކަމުގެ ބޭނުމުގައި ދަރިން ކައިވެނި ކުރުވުމަކީ އެދަރިން ދިރިތިއްބައި މެރުން ފަދަ ކަމެއް ނޫން ހެއްޔެވެ؟ ދިރިތި ތިއްބައި މެރުން ކަމަށް މިބުނަނީ އެކުދިން ރޫޙީ ގޮތުން މަރުނުވެ ދިރިތިބޭތީއެވެ. ނަމަވެސް ދިރިއުޅެންޖެހިފައި އޮންނަނީ އެއްވެސް ދިރުމެއް ނެތް، މަރުވެފައިވާ މީހެއް ފަދައިން ކަމުގައިވާތީއެވެ!
ހިތާމައަކީ މިއިން އެއްވެސް ކަމަކަށް ނުވިސްނައި އަންހެނުން އަމިއްލައަށްވެސް ތަނަވަސްކަމުގެ ދަހިވެތިކަމުގައި ކައިވެނިކުރާ ކަމެވެ. އަދި ޢާއިލާތަކުންވެސް ތަނަވަސްކަމުގެ ދަހިވެތިކަމުގައި އެމީހުންގެ ދަރިން އެފަދަ ކައިވެނިތައް ކުރުވާ ކަމެވެ. މަސައްކަތްކުރަންވީ މަރުވެފައިވާ ދިރިއުޅުމެއް އުޅެން ދުނިޔޭގައި ހުންނަން ޖެހޭ މީހަކަށް ނުވުމަށެވެ. އަދި އެފަދަ އަދަބެއް ތިމާގެ ދަރިންނަށް ނުދިނުމަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ