ނެޓްފްލިކްސްގެ ޕާސްވޯޑް އިތުރު މީހަކަށް ދޭނަމަ ފައިސާ ނަގަން ފަށަނީ

ނެޓްފްލިކްސްގެ ޕާސްވޯޑު އިތުރު މީހުންނާއި ހިއްސާ ނުކުރޭ ގޮތަށް ހެދުމުގެ މަސައްކަތް އެ ކުންފުނިން އެމެރިކާގައި ފަށައިފިއެވެ.
ނެޓްފްލިކްސް ބޭނުންކުރާ މީހާ ދިރިއުޅޭގެ ނޫން އެހެން ތަނެއްގައި ދިރިއުޅޭ މީހަކަށް ޕާސްވޯޑު ހިއްސާކުރާނަމަ މަހަކު 8 ޑޮލަރު ދައްކަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ޕާސްވޯޑު ހިއްސާކުރާ މީހުންނަށް އެގޮތަށް އަންގައި އީމެއިލް ކުރަމުންދާކަމަށް ނެޓްފްލިކްސް އާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ނެޓްފްލިކްސް ބޭނުންކުރާ މީހާ އާއި އެއް ގެއްގައި ދިރިއުޅޭ މީހަކަށް ޕާސްވޯޑު ހިއްސާކުރެވޭނެ ކަމަށާއި އަދި އެއް ޑިވައިސްއަށް ވުރެ ގިނަ ޑިވައިސް ގައި ޕާސްވޯޑު ބޭނުންކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ޕާސްވޯޑު ހިއްސާކުރުން މަދުކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅާނެކަމަށް ނެޓްފްލިކްސްއިން ވަނީ މިދިޔަ އަހަރު އިއުލާނުކޮށްފައެވެ.
ޕާސްވޯޑު ހިއްސާކުރުމަކީ ނެޓްފްލިކްސްއިން ކުރިން ތަރުހީބު ދިން ކަމެއް ނަމަވެސް ޑިޒްނީ ފަދަ އެހެން ސްޓްރީމިންގ ޕްލެޓްފޯމުތަކުގެ ވާދަވެރިކަން އިތުރުވެ ނެޓްފްލިކްސްއިން ގިނަ އަދަދެއްގެ ސަބްސްކްރައިބަރުން ވަނީ މަދުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހާއި ޖުލައި މަހާއި ދެމެދު ގާތްގަނޑަކަށް މިލިއަނެއްހާ ސަބްސްކްރައިބަރުން ގެއްލިފައިވާކަމަށް ފޯބްސްއިން ވަނީ ރިޕޯޓުކޮށްފައެވެ. މިއާއިއެކު އާމްދަނީ އިތުރުކުރުމުގެ ގޮތުން އިޝްތިހާރު ނުހިމެނޭ އަގުހެޔޮ އާ ސަބްސްކްރިޕްޝަން ޕްލޭންތަކެއް ތައާރަފްކޮށް، ޕާސްވޯޑު ހިއްސާކުރާނަމަ ފީއެއް ނެގުމާއި އެނޫންވެސް އެފަދަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ