ރައީސް ނަޝީދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ މެންދަމުގެ ވަގުތެއްގައި މާލެ ވަޑައިގެންފި އެވެ.
ސައުތު އޭޝިޔާ ސެންޓަރ ފޮރ ޕޮލިސީ ސްޓަޑީޒް )ސަސެޕްސް(އިން އިންތިޒާމް ކޮށްގެން، އިންޑިޔާގެ ނިއުދިއްލީގައި ބޭއްވި "ވާރލްޑް ކޮންފަރެންސް އޮން ރިކްރިއޭޓިން ސައުތު އޭޝިޔާ: ޑިމޮކްރަސީ، ސޯޝަލް ޖަސްޓިސް، އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް"ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ކުރެއްވި އެ ދަތުރުފުޅުގައި، އެ ފެބްރުއަރީ 24 ވަނަ ދުވަހު ފެށުނު އެ ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤްރީރު ކުރެއްވި އެވެ.
ފުޅާ ދާއިރާއެއްގައި ދެމެހެއްޓެނިވި ތަރައްގީއާއި، އިގްތިސާދީ ކުރިއެރުން ހޯދޭނީ ހަމައެކަނި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއްގެ ތެރެއިން ކަމުގައި އެ ތަގުރީރުގައި ރައީސް ވިދާޅުވި އެވެ. އަދި މިނިވަން ޑިމޮކްރަސީއާއި، އިޤްތިޞާދީ މިނިވަންކަމާއި، ހަރުދަނާ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމަކީ، ކޮންމެ ޤައުމެއްގެ ތަރައްޤީއަށްޓަކައިވެސް ކޮންމެހެން ފުރިހަމަ ކުރަންޖެހޭ ކަންކަން ކަމުގައި ފާހަގަކުރެއްވި އެވެ. އަދި ދިވެހި ސަރުކާރުގެ މިހާރުގެ ވިސްނުންފުޅަކީ މިއީ ކަމަށާއި، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ، މި ކަންކަން ފުރިހަމަކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންހާއި، އިންޑިޔާގެ އެކްސްޓަރނަލް އެފެއަޒް މިނިސްޓަރ އެސް. އެމް. ކްރިޝްނާއާއި، ވެރިކަން ހިންގާ ޔުނައިޓެޑް ޕްރޮގްރެސިވް އެލައަންސްގެ ޗެއަރޕަރސަން ސޯނިޔާ ގާންދީއާއި، އިންޑިޔާގެ ތިމާވެށްޓާ ބެހޭ ވަޒީރު ޖައިރާމް ރަމޭޝްއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި އެވެ. އެ ބައްދަލުކުރެއްވުންތަކުގައި، މައިގަޑުގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ، ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީގޮތުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި، ސާކް ޤައުމުތަކުގެ މެދުގައި ޤާއިމުކުރާ ދަތުރުފަތުރުގެ ނިޒާމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ސާކް އިތުރަށް ހަރުދަނާ ކުރެއްވުމާ ބެހޭގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކާ ބައްދަލުކުރެއްވި އެވެ. އެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ދެއްކެވި ވާކަފުޅުގައި، އެމަނިކުފާނު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަކީ، ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، މި ދަތުރުފުޅުގެ ތެރޭގައި، އިންޑިޔާގެ ވެރިންނާއި އިންޑިޔާ ސަރުކާރާއެކު ވަރަށް ފައިދާހުރި ބިނާކުރަނިވި މަޝްވަރާތަކެއް ބޭއްވެވި ކަމުގައި ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގަންނަވަމުން، ސްރީލަންކާގައި އިއްޔެ މަޑުކޮށްލެއްވި ކަމަށާއި އެމަނިކުފާނު ސްރީލަންކާގައި މަޑުކޮށްލެއްވި ވަގުތުކޮޅުގެ ތެރޭގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. އެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސްރީލަންކާއާ ދެމެދުގެ ގުޅުމާއި، ދެ ޤައުމުގެ ސިޔާސީ މަސްރަޙާއި، އިޤްތިޞާދާއި، އަދި މެދުއިރުމަތީގެ ޤައުމުތަކުގައި ޑިމޮކްރަސީއަށް ގޮވާލާ ގޮވާލުންތަކުގެ ސަބަބުން އެސަރަޙައްދުގެ ސިޔާސީ މަސްރަޙަށް އައިސްފައިވާ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ