މިސައިލާއި ބަރުހަތިޔާރުތަކުގެ ވެރީން ކުޑަކަކޫ މައްޗަށް ތިރިކުރި ލޮލަށް ނުފެންނަ ވައިރަސް

އިއްޔެ އެމީހުން ދައުވާކޮށް ވަކާލާތުކުރީ ދުނިޔޭގައި އޮތް އެންމެ ބާރު ގަދަ އެންމެ މުއްސަނދި ޤައުމަށް ވުމަށެވެ. އެމީހުން ނުރުހޭ ކޮންމެ ބަޔަކާއި ދިމާއަށް ދިޔައީ މަތިންނާއި އަޑިންނެވެ. އެއީ އިއްޔެ ނުރައްކާތެރި މިސައިލުންނާއި ބާރުގަދަ ބޮންތަކުން ޤައުމުތަކާއި ރަށްތަކާއި ދަރިފަސްކޮޅާއި އާއިލާތައް ނެތިކުރި މީހުންނެވެ. ބަޔަކާ ދިމާކޮށް ބާރު ދައްކާލަން ވީމާ ބައިހަދައިގެން އިއްތިހާދުވެގެން، ބޮޑެތި ފައުޖުތަކާއެކު ޤައުމުތަކަށް އަރާ އެފަސްގަނޑެއްގައި ލޭގެ ކޯރުތައް ހަދާލި މީހުންނެވެ.
މިދެންނެވި ބާރުވެރިން ތަނެއް ފަނާކޮށް ނެތިކޮށްލާން ވީމާ އެތަނެއްގެ އަހުލުވެތިންގެ މެދުގައި ފިތުނައާއި ދެކޮޅުވެރިކަމުގެ ފަނިފަކުސާ އަޅުވާލުމަށްފަހު ކޮންމެ ވެސް އެއްކޮޅަކަށް އަރައި އެބަޔަކާއި ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރަނީއެވެ. ދެން މި ހަނގުރާމައިގައި މަރުވެ ދަނީ އެޤައުމެއްގެ ކުށެއްނެތް އާންމު ރައްޔިތުންނެވެ. ބިކަވަނީ ތުއްތު ކުދިންނާއި އަންހެނުންނެވެ. ފަލަސްތީނަކީ މީގެ ދިރިހުރި މިސާލެކެވެ. ސީރިއާއަކީ ހަމަ އެފަދަ އަނެއް މިސާލެވެ. މުޔަންމާގައި އިހައްދުވަހު މަރާ ހުސްކުރަން ދިމާކުރި މުސްލިމު ދަރިކޮޅުގެ ވާހަކަ ހިތައް ވަނަސް ހިތް ފަޅައިގެން ދެއެވެ. އިސްލާމީ ބޮޑެތި ހަޟާރަތް ތަކުގެ ތެރޭގައި ހިމެނޭ އިރާގާއި މިސްރު އެއޮތީ ފުނފުނޑުކޮށް އިނދަޖައްސާލާފައެވެ. ދެރައީ މުސްލިމު ޤައުމުތަކުގެ ވެރީންވެސް އަމިއްލަ އެދުމުން ފޯވެ އެމީހުންގެ މަކަރުވެރި މަޅީގައި ޖެހޭތީއެވެ.
ދެން އެވެރީން އެންމެ ބާރަށް ކިޔަމުން ދިޔަ ލަވައަކީ ޓެރަރިޒަމޭ ކިޔައިގެން ކިޔާ ލަވައެވެ. ހައްދުފަހަނައަޅާ ފައިވާ މުސްލިމުންގެ ވާހައެވެ. އެމީހުންގެ ނަޒަރުގައި ހައްދުފަހަނައަޅާނީ މުޅިންވެސް މުސްލިމުންނެވެ. އެއީ ހަމައެކަނި މުސްލިމަކަށް ވީމާ އޮންނަ ލަގަބެކެވެ. އެމީހުން އެ ނަންކިޔާ ޓެރަރިސްޓުން ހިމެނޭ ބޮޑެތި ހަނގުރާމަ ވެރި ފައުޖުތަކަކީ މާ ދުރާލާ ރާވައިގެން އުފަން ކުރުވާފައިވާ ޖަމާއަތްތަކެވެ. މިޖަމާޢަތް ތަކަށް ހަތިޔާރު ވިއްކުމާއި އެމީހުންނާއެކު ޑީލްތައް ހެދުމަކީ މާކުރީއްސުރެ ހިނގާ ކަންކަމެވެ.
އިއްޔެ އެ ބަރު ހަތިޔާރު ތަކާއި ބޮންތަކާއި މިސައިލްތަކާއި މިސައިލް އުފުލާ މަނަވަރުތަކާއި ޑްރޯންތައް ދައްކައިގެން މުޅި ދުނިޔެ ސިއްސުވަމުން ބިރުގަންނަވަމުން ދިޔަ މީހުން މިއަދު ކޮބައިހެއްޔެވެ؟ އިއްޔެ މޮޅެތި އީޖާދުތައް ކޮށްގެން އިންސާނުންނަށްވުރެ ކުޅަދާނަ މަސްނޫޢީ މީހުން އުފައްދައިގެން އުޅުނު ކަމަށް ބުނާ މޮޅެތި ސައިންސްވެރިން ކޮބައިހެއްޔެވެ؟ އިއްޔެ އެވެރީން އުފެއްދި މޮޅެތި ބޭސް ތަކާއި ވެކްސިންތަކާއި އިޖާދުކުރި މޮޅެތި ޓެސްޓްތަކާއި މެޝިންތައް މިއަދު ކޮބައިހެއްޔެވެ؟
މިއަދު އެއިން އެއްވެސް ބާރެއް އެއްވެސް މޮޅުކަމެއް އެއްވެސް މުއްސަނދިކަމެއް ބޮޑުކަމެއް ނެތެވެ. އިއްޔެ ބޮޑާވެ ބިންމަތީގައި ބާރުބާރަށް ފައިޖަހަމުން ދުވި މީހުން މިއަދު ކުޑަވެ ނިކަމެތިވެ ކުޑަކަކޫމައްޗަށް ތިރިވެ ގޮތް ހުސްވެފައި އެތިބީ ލޮލަށްވެސް ނުފެންނަ ކުޑަކުޑަ ވައިރަހެއް ދެކެ ބިރުންނެވެ. ހަތިޔާރު އެޅި މީހުންގެ ސަފުތައް ރުކުރުވާލައިގެން ވަޔާއި އެއްގަމުން ހިންޏަކަށް ވެސް ނުވަދެވޭނެހެން ބޯޑަރުތައް ބައްދައިގެން ތިއްބާ އެ ވައިރަސްވަދެ ދެމިގަތް ގޮތެއްވެސް ނޭގުނެވެ. އެސޮރު މިދެންނެވި ހުރިހާ ބޯޑަރުތައް ފަޅާލާފައި ވަންނަން އެނެގީ ހަމަ ކުޑަ ހިނދުކޮޅެކެވެ.
ﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. އިއްޔެ އެވެރިން އުޅުނީ ﷲގެ ކަލާންފުޅު ބަދަލުކޮށް އެ ފޮތް ނައްތާލާށެވެ. އެންމެ ފުރަތަމަ އެ ވައިރަސް ވަދެގަތީ ﷲ ގެ ބަސްފުޅަށް ގޮންޖައި އެ ބަސްފުޅު ބަދަލު ކުރާނަމޭ ބުނި މީހުންގެ ގާތަށެވެ. އަދިވެސް އެއުޅެނީ ސަލާމަތް ނުވެވިގެންނެވެ.
ދުނިޔޭގައި އެންމެ ބާރުގަދަކަން ދައްކައިގެން އުޅޭ ޤައުމަށް އެސޮރު ވަނުމުން އެޤައުމުގެ ވެރިމީހާގެ އާދައިގެ މަތީން އަނގަޔަށް ވައްތަރު ޖައްސާފައި ހަޅޭއްލެވީއެވެ. އޭނާ ހީކުރީ އެއީ ނިކަން އާދައިގެ ކަމެއް ކަމަށެވެ. އެ ވައިރަހާވެސް ތިމަންނާމެން ހަނގުރާމަކޮށް ބަލި ކުރާނަމޭ ގޮވަގޮވާ އޮއްވާ އެސޮރުގެ ކުރިމަތީގައި އެންމެ ނިކަމެތި ބަޔަކަށް އެ ހަދާލީ އެ ބާރުގަދަ ޤައުމެވެ. ދުވާލަކު ހާހުން ދެހާހުން ބަލީގައި މަރުވަމުންދާއިރު އެސޮރުގެ ސިކާރައަކަށްވީ މީހުންގެ އަދަދަށް ބަލާއިރު މިހާރު މުޅި ދުނިޔޭގެ ރެކޯޑަކީ އެޤައުމެވެ. މުސްލިމުންނާ ދިމާއަށް އެންމެ ބާރަށް ބަދުބަސް ބުނެ ބޮޑާ ބަސްތައް ބުނި މީހާ މިއަދު ގޮސް އެމީހުންނާ ބައިވެރިވެގެން ދުޢާ ކޮށްދިނުމަށް އާދޭސް ކުރަނީއެވެ.
ނިކަން ވިސްނާލައްވަ ބައްލަވާށެވެ. އިއްޔެ އެމީހުން މިސައިލުންނާއި ބޮންއަޅައިގެން ނައްތާލި އާއިލާތައް ވަޅުނުލެވި ބިންމަތީގައި ބަރިޖަހާ އަތުރާފައި ތިބި މަންޒަރު މިހާރުވެސް ސިފަ ވެއެވެ. އެމަންޒަރުތައް މިހާރުވެސް އެހެރީ ފެންނާށެވެ. އެކަމަކު މިއަދު އެފަދަ އެއްވެސް މިސައިލެއް، ބޮމެއް، ބަޑިއެއް މީހަކު ނުޖަހައެވެ. އެކަމަކު މިއަދު އެ ބާރުދެއްކި ޤައުމުގެ މީހުން އެތިބީ ހަމަ އެ ހާލަތުގައެވެ. މަރުވާ މީހުން ވަޅު ނުލެވިފައެވެ. ނޭވާ ހޮޅިއަށް އެޅި ފުރާނަ ދާއިރުވެސް އަޅާލާނެ މީހަކު ނެތިފައެވެ.
މިއީ ހަމަ ވަރުގަދަ އިމްތިހާނެކެވެ. ކުޅަދުންވަންތަ ކަމުގެ ދެވަނައެއްނެތް މިސާލެކެވެ. އިއްޔެ ހުޅަނގުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސް ތަކުން ފާސްކުރީ އެޤައުމުތަކުގައި އުޅޭ މުސްލިމުން މޫނު ނިވާ ކޮށްލާތީ އެކަން މަނާ ކުރުމަށެވެ. ޤާނޫނު ތަކާއި ޤަވާޢިދުތަކާއި ހަދައިގެން މަނާ ކުރީ މުސްލިމުން އަޅުކަންކުރާ މިސްކިތް ތަކުން ބާރަށް ބަންގި ގޮވުމެވެ. އޭރު އެމީހުންގެ ފައްޅިތަކުން ބޮލަށް ތުރާވާ ވަރަށް ރަނގަބީލު ޖަހާ ނަގަނީއެވެ.
މިއަދު މިފެންނަނީ ކޮންފަދަ މަންޒަރެއް ތޯއެވެ؟ މިއަދު މިސްކިތްތަކުގައި ބަންގި ގޮވަން އަންގަނީ އެމީހުންގެ ވެރީންނެވެ. މިއަދު މުސްލިމުންނާ އެއްބައިވެ ސަޖިދައަށް ވެސް ތިރިވަނީއެވެ. މިއަދު އެމީހުން އެއުޅެނީ މޫނު ނިވާކޮށްލާނެ މާސްކެއް ފޮތިގަނޑެއްވެސް ނުލިބިގެންނެވެ. މިހާރު އެމީހުން ބޭނުންވަނީ މުޅި ހަށިގަނޑުވެސް ނިވާކުރާށެވެ. ދުނިޔޭގެ އެންމެ ބާރުގަދަ އަޑުގަދަ ރައީސް ނޫސްވެރިންނާ ކުރިމަތިލާ އެބުނަނީ ބުރުގާއިން މޫނު ނިވާކުރާށެވެ. ބައެއް ޤައުމުތަކުން ޤާނޫނު ހަދައިގެން މިއަދު މޫނު ނިވާކުރަން އެދަނީ މުޖުބޫރު ކުރަމުންނެވެ.
އިއްޔެ އެމީހުން މަލާމާތް ކުރީ މުސްލިމު އަންހެނުން ފިރިހެނުންނާ ސަލާން ނުކުރާތީއެވެ. އެއީ ވަރަށް ނާތަހުޒީބީ ކަމެއްކަމުގައި ވެގެންނެވެ. ނިކަން ދެކިބަލާށެވެ. މިއަދު އެއްވެސް މީހަކާ ސަލާން ކުރެވޭކަށްވެސް ނެތެވެ. ސަލާން ކުރާކަށް އަމުދުން އެމީހުން ބޭނުމެއްވެސް ނުވެއެވެ. އިއްޔެ އެމީހުން މަލާމާތް ކުރީ މުސްލިމުން އެކަކު އަނެކަކާ ބައްދަލުވާ ހިނދު ގައިގޯޅިވެ ބައްދާ ބޮސްދީ ނުހަދާތީއެވެ. މިއަދު އެންމެންވެސް ތިބެން ޖެހިފައި މިވަނީ އެއްމީޓަރު ދުރުގައެވެ. މަގުމަތީގައިވެސް އޮފީހުގައިވެސް ފިހާރަތަކުގެ ތެރޭގައިވެސް ތިބެން މިޖެހުނީ އެއްމީޓަރު ދުރުގައެވެ. އަންހެނުން ގޭތެރޭގައި ތިބުންވެސް އިއްޔެއާއި ޖެހެންދެން އެއީ ހުތުރުވެގެންވާ ކަޑަ ކަމެކެވެ. އެކަމަކު މިއަދު މިތިބީ އަމިއްލައަށް ގޭބަންދު ވެގެންނެވެ. މިއަދު އެއްވެސް މީހަކަށް ގެއިން ނުކުމެވޭކަށްނެތެވެ.
އެމީހުން މަސްހުނިވެ މަޖާ ކޮށްއުޅުނު ތަންތަން މިއަދު އެހެރީ ބަންދުކޮށްފައެވެ. ބަނގު އާވި ކޮޅެއް ކަރުތެރައަށް ނުދަނީސް އިއްޔެ ލޮލަށް ނިދިނައިސްގެން އުޅުނު މީހުން މިއަދު އެތިބީ މިވައިރަސް ޖެހޭ އެންމެ ނާޒުކު މީހުންގެ ގިންތިއަށް ފެތި، އެއިން ވަސް ބަލާލަން ވެސް ބިރުންނެވެ.
މިއަދު ހުޅަނގާ އިރުމައްޗާ ދެކުނާއި އެމެރިކާއާއި ޔޫރަޕާއި އިނގިރޭސީންނަށްވެސް ލިބުނު ފިލާވަޅަކީ މި ދުނިޔެމަތީގައި ހަމަ އެއްވެސް ޤައުމަކީވެސް އަދި ހަމަ އެއްވެސް އިންސާނަކީ ވެސް އަމިއްލަ ބާރެއް ލިބިފައިވާ ބައެއް ނޫންކަމެވެ. ކިތަންމެ މޮޅުވެފައި މުއްސަނދިވެފައި ކިތަންމެ ކުރިއަރާފައި ބާރެއް ލިބިފައި އޮތަސް، މިއަދު މިއޮތީ އެމީހުންގެ ބާރު ނުފޯރާ އެމީހުންނަށް ވުރެ މާ ބާރުގަދަ ފަރާތެއް ވާކަން ގަބޫލުކުރަން ޖެހިފައެވެ.
އެހެން ނޫންނަމަ މިދެންނެވި ބާރުގަދަ މުއްސަނދި ޤައުމުތަކުގެ ވެރީން އަމިއްލައަށް ބަލި ގަބޫލުކޮށް އިސްދަށަށް ޖަހާލައި ކުޑަކަކޫ މައްޗަށް ތިރިވެ މި ވަބާއިން ސަލާމަތް ކޮށްދެވޭނެ ހަމައެކަނި ފަރާތަކީ މާތް ﷲ ކަމަކަށް ނުބުނާނެއެވެ. އެމީހުންގެ ވެރީންގެ އަނގައިން މިއަދު އެހެން ބުނެފިއެވެ. އެމީހުން މިއަދު ބޭނުންވަނީ މުސްލިމުންގެ ވެސް ތާއީދާ އެއްބާރުލުމެވެ. އެމީހުންނަށް ކޮރޯނާވައިރަސް ދަސްކޮށްދިން ފިލާފަޅަކީ މިއީއެވެ.
ކޯވިޑް-19 އަކީ ހަމަ ވަބާއެކެވެ. އާފާތެކެވެ. ދުނިޔަވީ އެތައް ފިލާވަޅުތަކެއް ދަސްކޮށްދޭ އިމްތިހާނެކެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ވަބާގެ އަސަރު ނުފޯރާ ހަމަ އެންމެ ޤައުމެއް ވެސް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ