ރައީސް ޔާމީން ޖަލުގައި 500 ދުވަސް: ބޮޑު ޚިޔާނާތުގެ ބޮޑު މަންޒަރު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތުގެ މައްސަލަ ތަޙުޤީޤުކޮށް، ކުށްވެރިވާ އެންމެހާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުމަކީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ.
2018 ވަނަ އަހަރު ވެރިކަން ހޯއްދެވުމަށް ކެމްޕެއިން ކުރެއްވިއިރުވެސް، އެމަނިކުފާނު ވަރަށް ގިނައިން ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދައި، ޚިޔާނާތްތެރިންނަށް އަދަބު ދެއްވާނެ ކަމަށް ވަޢުދުވެވަޑައިގަތެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމަށް ދެއަހަރާއި ބައިވާން ކައިރިވީއިރު، ޚިޔާނާތުގެ ފައިސާ ހޯދިފައި ނުވާއިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ އިދިކޮޅު ސިޔާސީ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެކަންޏެވެ.
މި މައްސަލައިގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ. އަދީބަކީ ދައުލަތުގެ ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެވަޑައިގެންނެވި ކަމުގެ ތުހުމަތު ކުރެވޭ ބޭފުޅެކެވެ. އެހެންނަމަވެސް އެމަނިކުފާނު ނިދި ކުރައްވަން ޖެހިވަޑައިގަންނަވަނީ "މެޝިނެއްގެ" އެހީގައި ކަމަށް ބުނެ، އެމަނިކުފާނު ހުންނަވަނީ ގޭގައި ބަހައްޓަވާފައެވެ. އަދީބު ގޭގައި ހުންނަވާއިރު، އެމަނިކުފާނު ވަނީ ދައުލަތާއިއެކު، މި މައްސަލައިގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހަދާފައެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން ދެން އެންމެ ބޮޑު ޙުކުމެއް ކުރީ، އެކުންފުނީގެ ކުރީގެ އެމްޑީ ޢަބްދުﷲ ޒިޔަތުގެ މައްޗަށެވެ. އެއީ 700 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތު އޮތް ބޭފުޅެކެވެ. ޚިޔާނާތުގެ ކުށް ސާބިތުވެގެން، ޒިޔަތަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވިއިރު، އޭނާވެސް ހުންނެވީ ޞިއްޙީ މައްސަލަތަކެއް ދިމާވެގެން ގޭގައެވެ. ޒިޔަތުވެސް ވަނީ ކުށަށް އިޢުތިރާފުވުމުގެ އެއްބަސްވުމެއް ދައުލަތާއިއެކު ހަދައިފައެވެ.
ކޮންމެއަކަސް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މުގުލުގައި ހިމެނޭ ދެ މީހުންނާއެކު ދައުލަތުން ހެދި އެއްބަސްވުމުގެ ސަބަބުން ރައްޔިތުންނަށް ވީ ކޮން ފައިދާއެއްތޯ ބައެއް ސިޔާސީ ބޭފުޅުން ސުވާލު އުފައްދަވައެވެ. އެގޮތުން، އަދީބާއި ޒިޔަތުގެ ޚިޔާނާތުގެ ސަބަބުން ރައްޔިތުންނަށް ގެއްލިގެން ދިޔަ ފައިސާ ނުހޯދުނުއިރު، ސަރުކާރުން ނުރުހޭ ސިޔާސީ ލީޑަރަކާ ދެކޮޅަށް ހެކި ބަސް ނެގުމަށް، ދައުލަތުން ބޭނުންކުރާ ހަތިޔާރަކީ އަދީބާއި ޒިޔަތު ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މީގެ ކުރިން ވިދާޅުވެފައިވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ލީޑަރުންވެސް ޖެހިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން 280 ވަރަކަށް ސިޔާސީ ބޭފުޅުން މި ޚިޔާނާތުގެ ފައިސާ ބޭނުންކުރައްވާފައިވާއިރު، އޭގެ ތެރޭގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.
ކަންމިހެން ހުރިއިރު، ހަމައެކަނި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމަކީ އިއްތިފާގެއްތޯއެވެ؟ ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުންވެސް މިކަން ފާހަގަކުރައްވައެވެ. އެގޮތުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި އިސްކޮށް މަސައްކަތްކުރައްވާ ޑރ.މުޙައްމަދު ޖަމީލު އަޙްމަދު މީގެ ކުރިން ވިދާޅުވެފައިވަނީ، ދައުލަތުން އަދީބާއި ޒިޔަތާއިއެކު ސިއްރު އެއްބަސްވުންތަކެއް ހެދީ، ރައީސް ޔާމީނަށް ނުޙައްޤު އަނިޔާތައް ކުރުމުގެ ނިޔަތުގައި ކަމަށެވެ. އެމަނިކުފާނަށް ކުރަމުންދާ އަނިޔާތައް މިވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ތިއްބެވީ ތައްޔާރުވެވަޑައިގެން ކަމަށްވެސް ޑރ.ޖަމީލު ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، އެމަނިކުފާނު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ ދަރިކަލުން ޒޭން ޢަބްދުﷲ ޔާމީން މެދުވެރިކުރައްވައި، ސަޕޯޓަރުންނަށް އެމަނިކުފާނު ދެއްވި މެސެޖުގައި ވަނީ އެމަނިކުފާނު ކުށެއް ނުކުރައްވާ ކަމަށާއި، އެމަނިކުފާނުގެ މައުސޫމުކަން ސާބިތުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ