ވާހަކަ: ތުހުމަތު

ކަންފަތުގައި ޖަހައިފައިވާ ފޯނު ތިރިކޮށްލަމުން ރައުދާ ބަލައިލީ އޭނާގެ ބައްޕަ ކަމަށްވާ ފާހިރުގެ މޫނަށެވެ. ރައުދާގެ އެ ބެލުމުގައި ވަނީ މާޔޫސް ކަމާއި ގިލަންވެރިކަމެވެ.
"ރަނގަޅު ޖަވާބެއް ނުލިބުނު ދޯ؟" ފާހިރު ހިންދިރުވައިލަމުން އަހައިލިއެވެ. ޖަވާބުގައި ރައުދާ ބޯޖަހައިލީ ފެންޑާގައި ތިބި އޭނާގެ މަންމަ އާއި ބޭބެއަށް ބަލައިލަމުންނެވެ. "ކީއްކުރާނީ! މިގޮތަށް މަރާ ހަނގުރާމަ ކުރަންތާ މިޖެހުނީ." ކަރު އެލުވައިލަމުން، ހިތާމަވެރި ރާގެއްގައި ފާހިރު ބުނެލިއެވެ.
"ނޫން ބައްޕާ. ތިހެން ނުބުނޭ! އިރާދަކުރެއްވިއްޔާ ބައްޕަ ސަލާމަތް ވާނެ. އަހަރެމެން މިތިބީ ބައްޕަގެ ޙައްޤުގަ. ކޮންމެ ފަދަ ޤުރުބާނީއެއް ވުމަށް ވެސް ތައްޔާރަށް." ރައުދާގެ ދެއަތުން ފާހިރުގެ ކޮނޑުގައި ހިފައިލަމުން އޭނާ ވާހަކަދެއްކިއެވެ. އުއްމީދެއް ނެތް ހިނިތުންވުމަކާ އެކު ފާހިރު ބަލައިލީ ރައުދާގެ ދެލޮލަށެވެ.
"ދަރިފުޅުމެން ހާދަ ކެތްގަދައޭ. ބައްޕައަށް މިހެން މި އިނދެވެނީ ދަރިފުޅުމެންގެ ހިތްވަރުން." ރައުދާގެ އަތުގައި ފާހިރު މަޑުމަޑުންް ފިރުމަން ފެށިއެވެ. އެ މަންޒަރު ބަލަން ރައުދާގެ މަންމަ އާއި ދޮންބެ އިނީ ތުންފަތުން ލުއި ހިނިތުންވުމެއް ދީގެންނެވެ. "ބައްޕާ! އެބަ ގުޅާ ވަޖީހު. އެއްކަލަ ވިޔަފާރިވެރިޔާ." އުނެއިޝް ލަތްކަކަށް ސޯފާއިން ތެދުވިއެވެ. އަދި ވަރަށް އަވަސްކޮށް ފޯނަށް ޖަވާބު ދިނެވެ.
"އަޅުގަނޑު މީ ވަޖީހު. ގުޅަން އެދިލެއްވީމަ. އަޅުގަނޑު ކިޔާލިން ތި ފަރާތުން އެހީއަށް އެދި ފޮނުވި ސިޓީ." ފޯނުގެ ތެރެއިން އިވެމުން ދިޔައީ ވަޖީހުގެ ބަރު އަޑެވެ. ހިތް އަވަސްވެފައިވާ އުނެއިޝް، ލަސްނުކޮށް ބޭނުންވީ ވަޖީހުގެ ފަރާތުން ޖަވާބެކެވެ. "އެހެންތޯ؟ އެއްވެސް ޖަވާބެއް.." އުނެއިޝްގެ ހިތް ތެޅެމުން ދިޔައީ ނުހަނު އަވަސް މިނެއްގައެވެ.
"އަޅުގަނޑު މިވަގުތު މިހުރީ ތި އަތޮޅު ނިލަންދޫގަ. މާދަން ދާނަން ބިލެތްދޫއަށް. ގޮސް ޖަވާބެއް ދެއްވުން ކިހިނެއްތޯ ވާނީ؟" ވަޖީހުގެ އެދުމަށް އުނެއިޝް ވަރަށް އަވަހަށް "އާދެ! އާދެ!" ބުނެ ފޯނު ބޭއްވިއެވެ.
މުޅިން އައު ދުވަހަކަށް އިރުގެ އަލިކަން ރަށުގެ ތެރެއަށް ފެތުރިގެން ދިޔައެެވެ. ގޭގެ ވަށައިގެންވާ މަގުތައް ފަށުވީގެ ސާފު ފޭރާމެއްހެން ކުނި ކަހާ ސާފުކޮށްލުމަށްފަހު، ހަދީޖާ މަސައްކަތް ފެށީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ. ހަދީޖާއަށް އެހީވުމަށް އޭނާގެ ދަރިފުޅު ރައުދާ ވެސް ބަދިގެ ތެރޭގައި އުޅުނެވެ.
"މަންމަގެ ދުޢާ އަކީ ވަޖީހަށް އަހަރެމެންގެ ނިކަމެތި ހާލަތު އިޙްސާސްވުން." ރޮށި ފިހަމުން ދިޔަ ހަދީޖާ އޭނާގެ ހިތުގައި އަބަދުމެވާ އުދާސްތަކުގެ ވާހަކަ ފެށިއެވެ.
"އެތައް ބައެއްގެ ގާތުގަ ސަލާން ޖެހިއްޖެ. ސަރުކާރުގެ އެކި ފެންވަރުގެ މީހުންނަށް ސިޓީތައް ފޮނުވައިފިން. އެއްވެސް ޖަވާބެއް ނުލިބޭ. އަލިމަގެއް ނުފެނޭ. އެކަމުވެސް، މަތިވެރި ރައްބަށް އޮންނަ އިތުބާރެއްގެ ބޮޑު ކަމުން އުއްމީދު ކަނޑާ ނުލަނީ." ހަދީޖާގެ ވާހަކަތައް އަޑު އަހަން އިނދެފައި، ބަދިގޭ ދޮރާ ދިމާލަށް ރައުދާ ބަލައިލީ އުނެއިޝް ދޮރުމަތީގައި ހުއްޓުމުންނެވެ.
"ބޭބޭ. ބަނޑުހައި ވީތަ؟ އާދޭ ސައިބޯން." ތަށްޓަށް ސައި އަޅަމުން ރައުދާ އަހައިލިއެވެ. "އެބަ އާދޭ ވަޖީހު. އޭނައާ އެކު އިތުރު 2 މީހުން ވެސް އަންނާނެ. ބައްޕަ ބުނީ، އެމީހުންނަށް ސައި ތައްޔާރުކޮށްފަ ބަހައްޓަން." އުނެއިޝް އެހެން ބުނުމުން، ރައުދާ އާއި ހަދީޖާގެ ހަރަކާތްތަކަށް ހަލުވި ކަމެއް އައެވެ.
"އައްސަލާމް ޢަލައިކުމް." ބޭރުން ސަލާން ގޮވި އަޑަށް ރައުދާ ވަރަށް އަވަސްކޮށް ނުކުތީ ގޭގެ ފެންޑާއަށެވެ. ރައުދާގެ ފަހަތުން ހަދީޖާ ވެސް ނުކުތެވެ. "ވަޢަލައިކުމުއް ސަލާމް." ސަލާމަށް ޖަވާބު ދިނީ ފާހިރެވެ.
"އަވަހަށް ވަޑައިގަންނަވާ! އިށީންދޭ!" ވަޖީހަށް މެހުމާންދާރީ އަދާ ކުރުމުގެ ގޮތުން ފާހިރު ބުންޏެވެ. ވަޖީހާ އެކު ގެއަށް ވަތް 2 މީހުން ވެސް ސޯފާގައި އިށީންނެވެ. ރައުދާ އާއި ހަދީޖާ އެމީހުންނާ ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ތިއްބެވެ. އުނެއިޝް ހުރީ ސީދާ އެމީހުންގެ ތެރޭގައި ފާހިރާ އެކުގައެވެ. ވަޖީހު ވަށައިގެން ބަލައިލީ މުޅި ފެންޑާއަށެވެ. އެންމެ ފުރަތަމަ ވެސް އޭނާގެ ކަޅި ގޮސް ހުއްޓުނީ، އެމީހުންނާ ދުރުގައި ތިބި ރައުދާ އާއި ހަދީޖާއަށެވެ. އެއީ ކޮން ބައެއްތޯ އަހާ ފަދަ ގޮތަކަށް ވަޖީހު ބަލައިލީ ފާހިރުގެ މޫނަށެވެ.
"އަހަރެންގެ އަންހެނުންނާ، އަހަރެންގެ ދަރިފުޅު ރައުދާ." ފާހިރުގެ ދުލުން ބޭރުވި ރައުދާގެ ނަން ތޮރުފައިލީ، ހަމައެކަނި ވަޖީހުގެ ކަންފަތުގެ ހިނދުރީގައި އެކަންޏެއް ނޫނެވެ. ވަޖީހުގެ ހިތް ވެސް ފޫއަޅައިގެން ދިޔަފަދަ އިޙްސާސެއް އޭނާއަށް ކުރުވިއެވެ. "ހާދަ ރީއްޗޭ! ހާދަ ފުރިހަމައޭ!" ކަޅި ޖަހައި ނުލައި ރައުދާއަށް ބަލަން އިނދެފައި، ވަޖީހު އޭނާގެ ހިތާހިތާ ބުނެލިއެވެ.
"އާނ! މައްސަލައެއް ނެތް. އަހަރެން އެހީވާނަން. ހުރިހާ ޚަރަދެއް އަހަރެން ކޮށްދޭނަން." ވަޖީހު އެހެން ބުނުމާ އެކު ސޯފާގައި އިން ފާހިރަށް ވީގޮތް ވެސް ނޭނގުނެވެ. ކުއްލިއަކަށް ސޯފާއިން ތެދުވެގެން، ގާތުގައި ހުރި އުނެއިޝްގެ ގައިގައި ފާހިރު ބައްދައިގަތެވެ. ހަދީޖާ އާއި ރައުދާ ވެސް ނިކަން އުފާވެފައި، އެކަކު އަނެކަކުގެ ގައިގައި ބައްދަމުން ދިޔައިރު ހީވީ ބޮޑު ޢީދެއް އެގެއަށް އައިހެންނެވެ. ހިތުގެ އަޑިން އެންމެންވެސް ގެންދިޔައީ ވަޖީހަށް ޝުކުރު އަދާ ކުރަމުންނެވެ.
"ޝުކުރިއްޔާ!" ވަޖީހު އެގެއިން ނުކުންނަން ކޮޅަށް ތެދުވި ގަޑީ، ރައުދާ ގޮސް ހުއްޓުނީ އޭނާގެ ކުރިމަތީގައެވެ.
"މަރުޙަބާ!" ވަޖީހު އެހެން ބުނެ ލޮލުގެ ހިމަކޮޅުން ބަލައިލީ، އޭނާގެ ކަނާ އަތަށް ހުރި މީހާ އަށެވެ. ޢާއިލާއަށް އައި ޢީދުގެ ދަނޑިވަޅުގެ ބޭނުން ހިފައިގެން، ވަޖީހުގެ ގާތުގައި ހުރި މީހާ ރައުދާއަށް ދިއްކޮށްލީ ކަރުދާސް ނޯޓުކޮޅެކެވެ. އެކަން ރައުދާގެ ޢާއިލާގެ އެއްވެސް މީހަކަށް ރޭކާލާ ގޮތެއް ނުވިއެވެ.
"މިދަނީ އިނގޭ. ސައިބޯން އަންނާނަން މާދަން." ވަޖީހާ އެކު އަނެއް ދެމީހުން ވެސް އެގެއިން ނުކުތެވެ. ރައުދާ އެ ނޯޓުކޮޅު އަތުގެ ތެރެއަށްލައި ބޮޑުކޮށްލީ އެއްވެސް މީހަކަށް އެ ނުދެއްކުމުގެ ބޭނުމުގައެވެ.
ދުވާލުގެ ދަންފަޅި ނިމިގެން ދިޔައީ ރޭގަނޑުގެ އަނދިރި ކަމަށް ޖާގަ ދެމުންނެވެ. ރައުދާގެ ޢާއިލާއަށް އުފާވެރިކަން ލިބިގެން ދިޔައިރު އޭނާއަށް ވަނީ ބަރުދާސްތު ކުރަން ދަތި، ހިތްދަތި ކަމަކާ ކުރިމަތިލާން ޖެހިފައެވެ. ކޮޓަރީގެ ހަތަރުފާރުގެ ތެރޭގައި ރައުދާގެ ހިތުގައި އަޅާ ވޭނާއި ރިހުންތައް ވަނީ ބަންދުވެފައެވެ. ލޮލުގެ އެސްފިޔަތައް ފޯވަމުން ދިޔައީ ކަރުނައިގެ ތިކިތަކުންނެވެ. ހަދާނެ ގޮތް ނޭނގި ރައުދާގެ ސިކުނޑި ވަނީ ހުއްޓުމަކަށް އަތުވެފައެވެ. ނޯޓުގައި ލިޔެފައިވާ ކޮންމެ ލަފުޒެއް އަމާޒުވެފައި ވަނީ ރައުދާގެ ދިރިއުޅުމާއެވެ. އެ ލަފުޒުތައް އެތުރިފައި ވަނީ ރައުދާގެ މުޅި ދިރިއުޅުން ހަލާކުވާނެ ގޮތަށެވެ.
ރައުދާގެ ހިތަށް ލިބެމުންދާ ކެކުޅުންތައް އިތުރުވަމުން ދިޔައެވެ. އަމިއްލަ ދިރިއުޅުމަށްވުރެ ރައުދާ އިސްކަންދޭން ބޭނުންވީ އޭނާގެ ބައްޕަގެ ފުރާނައަށެވެ. ބައްޕައަށްޓަކައި އޭނާގެ އަމިއްލަ ދިރިއުޅުން ހަލާކު ވިޔަސް ރައުދާއަށް ވަރިހަމައެވެ. އަމިއްލަ ނަފުސަށްވުރެ ބޮޑަށް ރައުދާ އޭނާގެ ބައްޕަ ދެކެ ލޯބިވެއެވެ. އެހެންކަމުން ބައްޕަ ރޯކުރި އުއްމީދުގެ ހުޅުކޮޅު މިފަހަރު ނިވިގެންދާ ސަބަބަކަށް، ރައުދާ ވާކަށް އޭނާ އެެއްވެސް ހާލެއްގައި ނޭދެއެވެ. ހަށިފުރާ ނޭވާއެއް ލަމުން، ރައުދާ ތައްޔާރުވެލީ އޭނާގެ ބައްޕައަށްޓަކައި އަމިއްލަ ނަފުސު ނުރައްކަލުގެ ތެރެއަށް ވައްޓައިލާށެވެ.
"ޓޮއްޓޮއް." ކޮޓަރީގެ ދޮރުގައި ޓަކި ދޭން ފެށި އަޑަށް ވަރަށް އަވަސްކޮށް ދޮރު ހުޅުވައިލީ ވަޖީހެވެ. ދަންވަރުގެ ހިމޭން ވަގުތުގައި ކޮޓަރީގެ ދޮރު ކުރިމަތީގައި ހުރީ ރައުދާއެވެ.
"ރައުދާ. ވަދޭ! އަވަހަށް ވަދޭ!" ދޮރު ބޮޑަށް ހުޅުވައިލަމުން ވަޖީހު ބުނެލިއެވެ. ރައުދާ އެއްވެސް އެއްޗެއް ނުބުނެ ކޮޓަރީގެ ތެރެއަށް ވަނެވެ. ރައުދާގެ މުޅި ޖިސްމު ވަނީ ހިމޭންވެފައެވެ. އޭނާގެ ޟަމީރަށް ބާރު ފޯރުވަމުން ދިޔައީ ކުރިމަތިވެފައިވާ ހާލަތެވެ.
"ތީ ވަރަށް ބޯ ބޮޑު ކުއްޖެއް. މިކަން ހިނގާ ގޮތް އެނގޭ، ވިސްނުން ތޫނު ކުއްޖެއް. ބައްޕަގެ ކިޑުނީ ފެއިލްވެފަ، މަރާ ހަނގުރާމަ ކުރާއިރު ބައްޕަ ސަލާމަތް ކުރަން ޙަޤީޤީ މަސައްކަތް ކުރަން ރައުދާއަށް އެބަ އެނގޭ." ވަޖީހުގެ ކިބައިން ފެންނަމުން ދިޔައީ ގޮތްކުޑަކަމެވެ. އެ އަޑުގައި ވަނީ އަނިޔާވެރިކަމުގެ އަސަރުތަކެވެ. ވަޖީހުގެ ވާހަކަތައް އަޑު އަހާފައި، ރައުދާއަށް ލިބުނު ހިތްދަތިކަމުން އޭނާ އިސްޖެހިއެވެ.
"ރައުދާ ތީ ރައުދާގެ ބައްޕަގެ ނަސީބު. އެހެން ނޫންނަމަ، ކިހިނެއް މިވަރު ބޮޑު ކަމެއް ކުރާނީ؟" ވަޖީހުގެ އަތުން ރައުދާގެ މޫނުގައި ފިރުމަން ފެށިއެވެ.
"ތިޔަ ރީތި ކަމަށްޓަކާ ކާކު ފައިސާ ޤުރުބާން ނުކުރާނީ؟ ކޮންމެ މީހެއް ވެސް މޮޔަވާނެ ތި ރީތި ކަމަށް!" ވައި އަޑަކުން ވަޖީހު ވާހަކަދައްކަމުން ދިޔައެވެ. ކޮޓަރީގެ ބޮކި ނިވައިލަމުން ވަޖީހު ގޮސް ހުއްޓުނީ ރައުދާގެ ކުރިމަތީގައެވެ. އެއާއެކު ރައުދާއަށް ގުނަން ޖެހުނީ ވޭނާއި ރިހުމުން ފުރިގެންވާ ވަަގުތުތަކެވެ. އުމުރުން 18 އަހަރުގައި ރައުދާ މި ނިންމުން ނިންމީ، އޭނާގެ ބައްޕައަށް ވެވޭ ޤުރުބާނީއެއްގެ ގޮތުގައެވެ. ރައުދާގެ އަބަދުވެސް އުއްމީދަކީ، އޭނާއާ ޙަލާލު ގުޅުމުން ގުޅޭ ފިރިމީހާއަށް ދޭނެ އެންމެ ބޮޑު ހަދިޔާއަކަށް އޭނާގެ ޢިއްފަތްތެރިކަން ހެދުމެވެ. ނަމަވެސް އެ އުއްމީދުތައް މިއަދު މިވަނީ ވެލީގެ ގޮތުގައި ހިމުންވެފައެވެ. އިޙްސާސުން މަޙްރޫމުވެފައިވާ ހަތަރު ފާރުގެ ތެރޭގައި ރައުދާ ވަނީ މުޅިން ނިކަމެތި ވެފައެވެ. އަޅާ ވޭނުން ރޮއި ގިސްލިއެއް ކަމަކު، ރައުދާގެ ވޭނީ އަޑު އަހާނެ މީހެއް ނެތެވެ. އެފަކީރު ގަޔަށް ސަވާރުވެގެންފައިވާ އަނިޔާތަކަކީ ވިޔަފާރިއެކެވެ. ދެކޮޅު ހެދެން ނެތް، މަޖުބޫރުވެފައިވާ ވިޔަފާރިއެކެވެ.
ދުވަސްތައް މާޒީގެ ތެރޭގައި ފީވަމުން ދިޔައެވެ. ފައިސާގެ ކަންތައް ހަމަޖެހުމާ އެކު ފާހިރު ބޭރަށް ފުރީ ހަދީޖާ އާއި އުނެއިޝްއާ އެކުގައެވެ. ފާހިރަށް ކިޑުނީ ހަދިޔާ ކުރީ އޭނާގެ ދަރިފުޅު އުނެއިޝްއެވެ. އުނެއިޝްގެ އެ ހިތްވަރުން މުޅި ޢާއިލާ އޭނާއާ މެދު ފަޚުރުވެރިވަމުން ދިޔައީ، ޝުކުރުން ފުރިފައިވާ ސާފު ހިތަކާ އެކުގައެވެ.
ދީނީ އަޅުކަންތަކަށް ޚާއްޞަ ސަމާލު ކަމެއް ދެމުން، ރައުދާގެ ވަގުތުތައް އޭނާ ހޭދަކުރީ މާތްﷲއަށް ކުއްތަންވެ ހެޔޮ ދުޢާ ކުރުމުގައެވެ. ބައްޕައަށް އަވަސް ޝިފާއެއް ދެއްވާތޯއެވެ. އޮޕަރޭޝަން ކާމިޔާބުވެ، ބައްޕަ އާއި ބޭބެއަށް ފުރިހަމަ ޞިއްޙަތެއް މިންވަރު ކޮށްދެއްވުމަށް އެދިއެވެ.
މުޅިން އައު ދުވަހަކަށް އިރު އެރީ، ރައުދާއަށް ތަފާތު އިޙްސާސްތަކެއް ކުރުވަމުންނެވެ. ބުނެދޭން ނޭނގޭ ފަދަ ގޮތްތަކެއް ރައުދާއަށް ވާކަން އޭނާއަށް ދިޔައީ ފާހަގަވަމުންނެވެ. ސިކުނޑިއަށް ލިބޭ ބުރަކަމުން ބޮލަށް ތަދު ވަނީ ކަމަށް ނިންމައިގެން ރައުދާ ދުވަސް ފެށިއެވެ. ކިތަންމެ ހަނދާނުން ފިލުވައިލަން މަސައްކަތް ކުރިޔަސް، ރައުދާއަށް އެރޭގެ މަތިން އަބަދުވެސް ހަނދާންކުރެވެއެވެ. އެ ވޭނާއި ތަދު އަބަދުމެ ހިތުގައި ތަތްވެފައި ވެއެވެ. ސިކުނޑި ތެރޭގައި އެރޭގެ މަންޒަރުތައް ސިފަވާ ކޮންމެ ފަހަރަކު، ރައުދާއަށް ހީވަނީ ސިކުނޑީގެ ނާރެއް ފިތި ބާރުވަމުން ދާހެންނެވެ. ބޮލަށް އެވާ ތަދަކީ ބަޔާާން ކުރަން ދަތި، އުނދަގޫ ކަމަކަށް ރައުދާއަށް ވަނީ ވެފައެވެ. ދެލޯ މައްޗަށް އަނދިރިވެ، މީހާ އަނބުރައިގަންނަން އުޅޭ ކަމުގެ އިޙްސާސް ރައުދާއަށް ކުރުވައެވެ.
ފޯނު ރިންގުވާ އަޑަށް ރައުދާ ބަލައިލީ މޭޒުމަތީގައި އޮތް އޭނާގެ ފޯނަށެވެ. ގުޅަމުން ދިޔައީ ހަދީީޖާއެވެ. ރައުދާ ނިކަން އަވަހަށް ފޯނަށް ޖަވާބު ދިނެވެ. "ދަރިފުޅާ! ބައްޕަގެ އޮޕަރޭޝަން ކާމިޔާބު. އަލްޙަމްދުﷲ. ބޭބެ ވެސް ރަނގަޅު." ރައުދާގެ ކަންފަތުގައި ޖެހުނު ޖުމުލައިން އޭނާއަށް އުފަލުން ފުންމައިގަނެވުނެވެ. "އަލްޙަމްދުﷲ. އަލްޙަމްދުﷲ." ރައުދާއަށް ލިބުނު އުފާވެރިކަމާ އެކު އޭނާ ފުއްމަމުން ދިޔައީ މާތްﷲއަށް ޙަމްދު ކުރަމުންނެވެ.
3 މަސްފަހެވެ. މިހާރު ރައުދާގެ ހަށިގަނޑުން ފެންނަނީ ބޮޑެތި ބަދަލުތަކެވެ. ރައުދާގެ މޫނުމަތި ހީވަނީ ދުޅަވެފައިވާ ހެންނެވެ. ހަށިގަނޑުގައި އިތުރަށް މަސްޖަހާ، ރައުދާ ކޮންމެވެސް ވަރަކަށް ފަލަވެއްޖެއެވެ. ކޮންމެ ދުވަހެއްގެ ހެނދުނު ގަޑީގައި މޭނުބައި ކުރުވުމާ އެކު، ބޮލުގައި އެހުންނަ ރިހުމުގެ ޙަޤީޤަތާ ކުރިމަތިލާކަށް ރައުދާ ބޭނުމެއް ނޫނެވެ. ޞިއްޙީ މަރުކަޒަށް ގޮސް ޓެސްޓު ތަކެއް ހަދައިފި ނަމަ، ދެން އުޅެން ޖެހޭނީ ކޮންފަދަ ޙާލެއްގައި ކަމެއް ތަސައްވުރުކޮށްލަން ރައުދާއަށް ދައްޗެވެ. ނަމަވެސް މިކަމަކީ އަބަދު ސިއްރެއްެގެ ގޮތުގައި ބޭއްވޭނެ ކަމެއް ނޫންކަން ރައުދާ ދެނެހުރެއެވެ. މިކަންތަކާ ކުރިމަތިލުމުގެ ހިތްވަރު ރައުދާގެ ހުންނަން ޖެހޭނޭކަން އޭނާ ޤަބޫލު ކުރެއެވެ. ރައުދާ ކަންބޮޑު ވަނީ މިކަމާ ގުޅިގެން ޢާއިލާއިން ދެކޭނެ ގޮތް ނޭނގޭތީއެވެ.
މިއަދަކީ ރައުދާގެ ޢާއިލާ ރަށަށް އަންނަން ހަމަޖެހިފައިވާ ދުވަހެވެ. ގޭތެރެ ސާފުކުރުމަށްފަހު ހެނދުނުގެ ސައި ތައްޔާރުކޮށްލައިގެން ރައުދާ އިންތިޒާރު ކުރަމުން ގެންދިޔައީ އޭނާގެ ޢާއިލާއަށެވެ.
"ދަރިފުޅާ! ރައުދާ!" ގޭތެރެއަށް ވަދެގެން އައި ފާހިރަށް ރައުދާ ފެނުމާ އެކު އޭނާގެ އަނގަ ހުޅުވުނެވެ. ހަދީޖާ އާއި އުނެއިޝް ހައިރާންކަންމަތީ ބަލަން ހުރީ ރައުދާއަށެވެ. "ކޮއްކޯ! ހާދަ ތަފާތޭ!" ވަގުތުކޮޅެއްގެ ހިމޭންކަމަކަށްފަހު، އުނެއިޝް ހިނިތުންވެލަމުން ރައުދާއަށް މުޚާޠިބުކޮށް ބުނެލިއެވެ. ޖަވާބުގައި ރައުދާ ގަދަކަމުން ހީނލިއެވެ.
"ހުންނާނެ ސައި ހަދާ.." ރައުދާއަށް ބުނެވުނީ އެވަރަށެވެ. މޭނުބައިކޮށްގެން ރައުދާ ދުއްވައިގަތީ ފާޚާނާއާ ދިމާލަށެވެ. ހަދީޖާއަށް ދެލޯ ބޮޑުކޮށްލަމުން ބަލައިލެވުނީ ފާހިރުގެ މޫނަށެވެ. އެވަގުތު ފާހިރުގެ ނަޒަރު ވަނީ ހަދީޖާއަށް ސީދާވެފައެވެ. "ކިހިނެއް މިވަނީ؟ އަނެއްކާ؟" ފާހިރު އެހެން އަހައިލީ ޝައްކުގެ ނަޒަރަކުން ދެކިގެންނެވެ.
"ނޫން. އެއީ އެކަހަލަ ކުއްޖެއް ނޫން. އަހަރެން އެބަ އަންނަން. ދެބަފައިން ދޭ ކާގެއަށް!" ހަދީޖާ މިސްރާބު ޖެހީ ފާޚާނާއާ ދިމާލަށެވެ. "މަންމާ." ފާޚާނާގެ ދޮރު ހުޅުވައިލަމުން، ހަދީޖާގެ މޫނަށް ރައުދާ ބަލައިލީ ބިރުން ހުރެއެވެ.
"މަންމާ. އަހަންނަށް ހީވަނީ.. ހީވަނީ.. އަހަރެން ބަނޑު ބޮޑުހެން." ރައުދާގެ ދުލުން ބޭރުވެގެން ދިޔަ ބަސްތައް ހީވީ، ހަދީޖާގެ މޫނުމައްޗަށް އަމާޒުވި ހަމަލާތަކެއްހެންނެވެ. "ކީކޭ؟" ހަދީޖާއަށް ބޭއިޚުތިޔާރުގައި އަހައިލެވުނެވެ. "އާނ މަންމާ. އަހަރެން.." ރައުދާގެ އަޑު ތުރުތުރު އަޅަން ފެށިއެވެ.
"ހަމަ މިހާރު ދޭ! ގޮސް ޓެސްޓު ހަދާ! އެޔަށްފަހު މަންމަ ކިޔާފަ ގޮވާނީ." ދެދަތްޕިލަ ޖައްސައި ވާން ކޮށްލަމުން، ހަދީޖާ އެހެން ބުނެ އެތަނުން ދިޔައެވެ.
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ނަމަވެސް ރައުދާގެ ގޭތެރެއިން ފެންނަނީ ހިމޭން ކަމާއި ފަޅު ކަމެވެ. ފެންޑާގައި ތިބި ފާހިރާއި ހަދީޖާގެ ސިކުނޑީގެ ހަމަޖެހުން ވަނީ މުޅިން ނެތިފައެވެ. ފަރުވާއަށްފަހު ރަށަށް އައުމުން ކުރިމަތިލާން މިޖެހުނީ ކޮންފަދަ ބޮޑު މުސީބާތަކާ ބާއޭ ފާހިރުގެ ހިތް ބުނަމުން ދިޔައެވެ. ފާހިރާއި ހަދީޖާގެ ގާތުގައި އުނެއިޝް ވެސް އިނީ، ޞިއްޙީ މަރުކަޒުން ރައުދާ އަންނާނެ ވަގުތަކަށް ބަލައިގެންނެވެ.
ގޭތެރެއަށް ރައުދާ ވަދެގެން އައީ ވަރަށް މަޑުމަޑުން ފިޔަވަޅު ނަގަމުންނެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެކެވެ. ރައުދާއަށް ކަޅި އަމާޒުކޮށްގެން ސޯފާގައި އިން އޭނާގެ މަންމަ އާއި ބައްޕަގެ ކުރިމަތީގައި، ރައުދާ ހުއްޓުނީ ކުށްވެރިއެއް ފަދައިންނެވެ. ފުންކޮށް ދެތިން ނޭވާއެއް ދޫކޮށްލަމުން ރައުދާ އިސްޖަހައިލިއެވެ. ހިތަށް ކުރަމުންދާ ފުން އަސަރުން ރައުދާގެ ދެލޮލުގެ ތެރެއަށް ދިޔައީ ކަރުނަތައް ފުނިޖެހެމުންނެވެ.
"މަންމާ. ބައްޕާ." ރައުދާގެ ދެލޮލުގެ އެސްފިޔަތަކުގެ ތެރެއިން ކަރުނަތައް ފުރޭނިގެން ފައިބައިގަތެވެ. އެއްވެސް އެއްޗެއް ނުބުނެ ރައުދާގެ މައިންބަފައިން ބަލަން ތިބީ ރައުދާގެ މޫނަށެވެ. "އަހަރެން، އަހަރެން ބަނޑު ބޮޑު. 3 މަސް." ރައުދާގެ އަޑު ތުރުތުރު އަޅަމުން ދެއެވެ. "ގޮތެއްފޮތެއް ނެތް އަންހެނާ!" ފާހިރު އައި ރުޅީގަ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. ފާހިރު ކުރިއަށް ނެގި ފިޔަވަޅާ އެކު އޭނާ ހުއްޓުވީ އުނެއިޝްއެވެ.
"ކަލޭ ތީ ކޮންފަދަ ޖާހިލު ސުންޕާ އަންހެނެއް. މުޅި ޢާއިލާގެ ނަން ކަލޭ ތި ބަދުނާމު ކުރީ. މާދަން އިރު އަރާ އިރު މުޅި ރަށުގަ އޮންނާނީ ކަލޭ ރަށްމެދަށް ބަލިވެ އިން ވާހަކަ." އަޑު ހަރުކޮށްލަމުން ފާހިރު ފެށީ ޒުވާބު ކުރާށެވެ. އެއްވެސް އެއްޗެއް ނުބުނެ ހަދީޖާ ރޯން އިނީ މޫނުމަތީގައި އަތް އަޅައިގެންނެވެ.
"އަހަރެންގެ ބަލި ހާލަތުން ވެސް ކަލޭ ނެގީ ފައިދާ. އަހަރެންގެ ފިރިހެން ދަރިއާ، އަހަރެންގެ އަންހެނުން އަހަންނަށްޓަކައި ޤުރުބާންވީ އިރު ކަލޭ ގޯތިތެރޭ ނާޗަރަންގީ ކުޅުނީ. ކޮންފަދަ ލަދެއް ނެތް އަންހެނެއް ތީ؟" ފާހިރުގެ ކޮންމެ ލަފުޒަކުން ރައުދާގެ ހިތް ދިޔައީ ކުދިކުދިވަމުންނެވެ.
"ނޫން ބައްޕާ. ނޫން. ތިހެން ނުބުނޭ!" ރައުދާއަށް ގިސްލެވެން ފެށުނެވެ.
"ބައްޕާއޭ؟ ކަލޭގެ ބައްޕައެއް ނުހުންނާނެ. ތީ އަހަރެންގެ ދަރިއެއް ނޫން. ތީ އަހަރެންގެ ދަރިއެއް ނޫނޭ." އެއްފަހަރަށްވުރެ އަނެއްފަހަރު އަޑު ބާރުކޮށްލަމުން ފާހިރު ބުންޏެވެ. ރައުދާ އަނގަ ހުޅުވަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.
"ކަލޭ ނުކުމޭ މިގެއިން! އަހަރެންގެ ކުރިމަތިން އަބަދަށް ފެއްސޭ! އަހަރެން ކަލެއަށް ހިތް ހަރާންކޮށްފިން." ފާހިރުގެ ހަރުކަށި ބަސްތަކުން ރައުދާގެ ހިތާއި މޭ ދިޔައީ ޒަޚަމުވަމުންނެވެ. ރޮމުން ގިސްލަމުން، ރައުދާ އޭނާގެ މައިންބަފައިންނާއި ބޭބެ ފަސްދީ ގެއިން ނުކުންނަން ހިނގައިގަތެވެ.
"ދަރިފުޅާ." ސޯފާގައި ރޯން އިން ހަދީޖާ ކުއްލިއަކަށް ތެދުވެގެން ގޮސް ރައުދާގެ އަތުގައި ހިފައިލިއެވެ. އޭރު ދެމައިން ވެސް ގެންދިޔައީ އަޑުލައި ރޮމުންނެވެ.
"މަންމައަށް ބަލާފަ ބުނެބަލަ! މީ ކިހިނެއްވީ ކަމެއްތަ؟ ކާކުގެ ދަރިއެއް؟ މަންމަ ދަރިފުޅަށް ވަރަށް އިތުބާރު ކުރަން." ހަދީޖާގެ ކަޅި އަމާޒުކޮށްލީ ރައުދާގެ ދެލޮލަށެވެ. ވަރަށް ހިތްވަރުކޮށްފައި ރައުދާ އޭނާގެ ދޫ ހަރަކާތްކޮށްލަން އުޅުނު ވަގުތު، ފާހިރު އަނެއްކާވެސް ޒުވާބު ފެށިއެވެ.
"ނޭނގޭނެ ކާކުގެ ދަރިއެއް ކަމެއް. އުޅުމެއްނެތް އަންހެނަކަށް މިގޭގަ އެކަނި އުޅެން ދޫކޮށްލީމަ ލިބުނު ގެއްލުން މީ. އެހެންވެ އަންހެނުންނަށް އިތުބާރު ކުރަން އަހަންނަށް ދަތި ވަނީ." ފާހިރުގެ ދުލުން ރައުދާ ސިފަކޮށްލި ގޮތުން، ރައުދާ އަނެއްކާ ވެސް އިންތިހާއަށް ދެރަވިއެވެ.
"މަންމާ. ނޭނގެ." ރައުދާ އެހެން ބުނެލީ ދެލޯ މަރައި ބާރުކޮށްލަމުންނެވެ. ބައްޕަގެ ބަސްތަކާ ދެކޮޅު ނުހަދާ، ބައްޕަގެ ނަޒަރުގައި ރައުދާ ސިފަ ކުރި ގޮތަށް އޭނާ އަމިއްލައަށް އެއްބަސް ވުމުގެ ގޮތުންނެވެ.
"މިތަނުންދޭ! އަހަރެން ރައުދާއަށް ކުރި އިތުބާރު ގެއްލިއްޖެ." ރައުދާގެ އިޢުތިރާފުން ހަދީޖާއަށް ލިބުނު ހިތްދަތިކަން ކޮޅުނެތްކޮޅަށް ދިޔައެވެ. އަނގަމަތީގައި އަތް އަޅައި، ރައުދާ ގެއިން ނުކުމެގެން ދުއްވައިގަތީ ރޮމުންނެވެ.
ހަފުތާއެއް ފަހެވެ. ރައުދާގެ ދިރިއުޅުން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ޢާއިލާއިން އެކަހެރިކޮށްލުމުން ރައުދާ މާލެ ދިޔައީ އެއްވެސް ގޮތެއް ނެތުމުން، ހުސް އަތާއެވެ. ނަމަވެސް ރައުދާގެ ނަސީބު ދިމާކުރި ގޮތުން އޭނާއާ ދިމާވީ ދަރިން ނުލިބޭ ދެމަފިރިންނާއެވެ. އެއީ ދަރިއަކަށްޓަކައި 20 އަހަރު ވަންދެން އެދިއެދި ތިބި، އެކަމަށް އެތައް މަސައްކަތެއް ކޮށްފައިވާ ދެމަފިރިންނެވެ. ވަރަށް ލޯތްބާއި އަޅައިލުމާ އެކު އެދެމަފިރިން ގެންދިޔައީ ރައުދާއަށް އެހީތެރިވަމުންނެވެ. ރައުދާއަށް ހިތްވަރުދީ، އޭނާގެ ހިތާމަތަކުގައި އެދެމަފިރިން ވެސް ގެންދިޔައީ ޝާމިލުވަމުންނެވެ.
"މަންމާ. އެއްޗެއް ކެވޭތޯ ތެދުވެބަލަ! ތިހެން އަބަދު އޮންނާކަށް ނުވާނެ." އެނދުގައި އޮތް ހަދީޖާގެ އަތުގައި ހިފައިލަމުން އުނެއިޝް ވާހަކަދެއްކީ، މަންމަގެ ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެގެންނެވެ. މިއީ ހަދީޖާގެ އާދައެވެ. ކޮޅަށް ތެދުވެ، މީހުންގެ ތެރެއަށް ނުކުމެ އުޅޭނެ ހިތްވަރެއް ހަދީޖާގެ ހަށިގަނޑަކު ނެތެވެ. ލިބުނު ހަމައެކަނި އަންހެންދަރި، އަތުން ބީވެގެން ދިޔުމުން ހަދީޖާގެ މައިލަގޮނޑިއަށް ކެތް ނުވަނީއެވެ.
ރަށު މީހުންގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލަމުން ވެސް، ފާހިރު މަސައްކަތް ކުރަމުން ދިޔައީ ޢާއިލާ ކޮޅަށްޖަހައި، އުފާވެރިކަން ޢާއިލާއަށް ގެނެވޭތޯއެވެ. ރައުދާގެ ނަން ވެސް ހިތުން ފޮހެލައި، އެހަނދާންތަކުން މުޅިން ދުރަށް ދާށެވެ. އެ ޢަޒުމުގައި ފާހިރު މަސައްކަތް ކުރަމުން ދިޔައީ އެތައް ނަސޭހަތެއް ހަދީޖާއަށް ދެމުންނެވެ.
ރައުދާ ބަލިވެ އިން ޚަބަރު ވަޖީހުގެ ކަންފަތާ ހަމައަށް ވާސިލުވެއްޖެއެވެ. އެ ޚަބަރުން ވަޖީހުގެ މޭކެރޭގޮތް ވިއެވެ. ހިތުގެ ތެޅުން އަވަސްވެ، އަވަސް ފިޔަވަޅެއް މިކަމަށް ކޮންމެހެން ވެސް އަޅަން ޖެހޭނެ ކަމަށް ވަޖީހުގެ ހިތް ބުންޏެވެ. ރައުދާގެ ބަނޑުގައިވާ ދަރިއަކީ ވަޖީހުގެ ދަރިއެއް ކަމަށް ވާނަމަ، އެއީ އޭނާގެ މުދާވެރިކަމަށް އޮތް ބިރެއްގެ ގޮތުގައި އޭނާއަށް ދެކެވެން ފެށުނެވެ. އެހެންކަމުން ކަމުގެ ޙަޤީޤަތް ހޯދައި ބެލުމަށް ވަޖީހު އަވަސްވެގަތެވެ.
އައު ދުވަހަކަށް ދުނިޔެ ހޭލައިފިއެވެ. ފޯނު އަތަށް ލައިގެން ރައުދާ އިނީ ވަރަށް ބޮޑަށް ޖެހިލުންވެ، މޭ ތެޅޭ ގޮތްވެފައެވެ. ދަންވަރުންސުރެ ރައުދާގެ ފޯނަށް ގުޅަމުން ދިޔައީ ވަޖީހެވެ. އަދި ވަޖީހުގެ އެކި މެސެޖުތަކުން ރައުދާގެ ފޯނުގެ އިންބޮކްސް ވަނީ ފުރި ބަންޑުންވާން ގާތްވެފައެވެ. ވަޖީހު އެދެމުން ދިޔައީީ ލަސްނުކޮށް އޭނާއާ ބައްދަލު ކުރާށެވެ. ހަށިފުރާ ނޭވާއެއް ލަމުން ރައުދާ ދެލޯ މަރައިލިއެވެ. ކޮންމެ ގޮތެއް ވިޔަސް އެފަދަ ބޮޑު ވިޔަފާރިވެރިޔަކަށް ފިލައިގެން އަބަދަކު ނޫޅެވޭޭނޭކަން ރައުދާ ޤަބޫލުކުރެއެވެ. އެތައް އިރަކު ވިސްނަން އިނުމަށްފަހު، ރައުދާ ނިންމީ މިކަމާ ވެސް ކެރިގެން ކުރިމަތިލާށެވެ.
"ތި ދެމަފިރިން ކޮށްދެއްވި ޚިދުމަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަންނަށް މިގެއަށް އެނބުރި ނާދެވެއްޖެ ނަމަ، މި ސިޓީ އަހަރެންގެ ޢާއިލާއަށް ހަވާލު ކޮށްދޭތި!" ރައުދާއަށް އެހީތެރިވަމުންދާ ދެމަފިރިންނަށް ބަލައިލަމުން، ރައުދާގެ އަތުގައިވާ ސިޓީ އެމީހުންނަށް ދިއްކޮށްލިއެވެ.
"އެނގޭ ވަރަށް ހައިރާންވާނެކަން. ކުއްލިއަކަށް އަހަރެން ދާން ނިންމީމަ. އެކަމު، އަހަންނަށް އެނބުރި އަންނަން ފުރުޞަތެއް ލިބެއްޖިއްޔާ، އިރާދަކުރެއްވިއްޔާ އަހަރެން އަންނާނަން." ރައުދާގެ ވާހަކަތަކުން އެދެމަފިރިންނަށް ލިބުނީ ކުއްލި ބޮޑު ޝޮކެކެވެ. މާބޮޑަށް ހައިރާންވެގެންް އެދެމަފިރިން އެކަކު އަނެކަކުގެ މޫނަށް ބަލައިލީ، އެއްވެސް ވަރަކަށް ވާން މިއުޅޭ ގޮޮތް ނޭނގުމުންނެވެ.
"އެއްވެސް ސުވާލަކަށް ޖަވާބު ދޭނެ ހިތްވަރެއް، މިވަގުތު އަހަރެންގެ ހަށްޓަކު ނެތް. ތި ދެމަފިރިންނަށް އަބަދުވެސް އަހަރެން އެދެނީ ހެޔޮގޮތްތައް މެދުވެރި ކުރެއްވުން." ކުރަކިވެފައިވާ އަޑަކުން ރައުދާ އެހެން ބުނެ، ގެއިން ނުކުތެވެ.
ރައުދާގެ މިސްރާބު ހުރީ ވަޖީހާ ބައްދަލު ކުރަން ދިޔުމަށެވެ. ކަމަކީ ބިރުވެރި ކަމެއްކަން ރައުދާއަށް ޔަޤީންވެއެވެ. އެއީ ވަޖީހުގެ އަނިޔާވެރިކަން ރައުދާގެ ދެލޯ ހެކިކޮށް ދީފައިވާތީއެވެ. ރައުދާ ގޮސް ހުއްޓުނީ ވަޖީހު ބުނި އެޑްރެސްގެ ކުރިމަތީގައެވެ. ގޭގެ މައި ދޮރު ހުޅުވައިލުމަށްފަހު، ހިތްމަތީގައި އަތް އަޅަމުން ރައުދާ ކުރިއަށް ހިނގައިގަތެވެ.
"ޝުކުރިއްޔާ ދިން ދަޢުވަތު ޤަބޫލުކުރީމަ." ވަޖީހު ހިނިތުންވެލަމުން ބަލައިލީ އޭނާގެ ކުރިމަތީގައި ހުރި ރައުދާއަށެވެ. އެވަގުތު އެދެމީހުން ތިބީ އެ އިމާރާތުގެ 5ވަނަ ފަންގިފިލާގައެވެ.
"އަހަންނަށް އެނގޭ ތީ އަހަރެންގެ ދަރިއެއްކަން. އަސްލު ވަރަށް ދަރިއަކު ބޭނުން ވެފަ މިހުންނަނީ. ބުނެބަލަ! ތީ އަހަރެންގެ ދަރިއެއްތަ؟" ވަޖީހުގެ ޖުމުލަތައް ގެތިގެން ދިޔައީ ރައުދާ ހީކުރި ގޮތާ ޚިލާފަށެވެ. އެޔަށްވުރެ ބޮޑަށް ވަޖީހުގެ ފަރާތުން ފެނުނީ އޯގާތެރިކަމެވެ.
"އާާނ. ވަޖީހުގެ ދަރިއެއް." ރައުދާ އޭނާގެ ބަނޑަށް ބަލައިލަމުން ތެދު ބަހުން ޖަވާބު ދިނީ، ދޮގު ހަދަން ބޭނުން ނުވާތީއެވެ. ނަސްލު އޮޅުވައިލުމަކީ ރައުދާ ކުރަން އެދޭ ކަމަކަށް ނުވުމުންނެވެ.
"ޝުކުރިއްޔާ. އަހަރެން ވަރަށް އުފާވެއްޖެ!" ވަޖީހުގެ ތުންފަތުން ދުވެލީ ޒަހަރުލީ ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ގޯހެއް ވާކަން ރައުދާއަށް ހީވަން ފެށިއެވެ. ރައުދާގެ ފަހަތުން މަޑުމަޑުން މީހަކު އަންނަ ކަމުގެ ހިލަން ވެގެން ރައުދާ ކުއްލިއަކަށް ފަހަތަށް އެނބުރުނެވެ. އެއާއެކު ރައުދާގެ ފަހަތުން އައި މީހާ، ބަލާކަށް ނުހުރެ އޭނާގެ އަތުގައި އޮތް ވަޅި ރައުދާގެ ކަރަށް ކޮއްޕައި ހަރައިލިއެވެ. ރައުދާގެ ކަރުން ލޭތައް ބުރައިގަތީ ވަރަށް ބާރު މިނެއްްގައެވެ. ރައުދާގެ ކަރަށާއި މެޔަށް އެތައް ފަހަރަކުު ވަޅި ހަރަމުން ދިޔައިރު، އެމަންޒަރު ބަލަން ވަޖީހު އިނީ ހިނިތުންވުމަކާ އެކުއެވެ. މަރަށް ތެޅެމުން ދިޔަ ރައުދާ، ތަށިމުށިގަނޑުމަތީގައި ލެއިން ތަތްތެޅިފައި އޮތެވެ. ރައުދާ ގުނަމުން ދިޔައީ އޭނާގެ ހަޔާތުގެ އެންމެ ފަހު ސިކުންތުކޮޅެވެ. ނޭވާ ނުލެވިގެން އެފަކީރު ތެޅެމުން ދިޔައެއް ކަމަކު، އޭނާ ސަލާމަތްކުރަން އެހީގެ އަތެއް ދިއްކޮށްލާނެ އެއްވެސް މީހެއް ނެތެވެ.
ހެނދުނުގެ ދަންފަޅި ނިމި، މެންދުރުގެ ހޫނުކަމުން މުޅި ރާއްޖެ ހުޅުދާން ކުރަން ފެށީ ރައުދާގެ މަރުގެ ހޫނު ޚަބަރުންނެވެ. އުމުރުން 18 އަހަރުގެ ރައުދާ ރަޙުމުކުޑަ ގޮތަކަށް މަރައިލި ޚަބަރުން މުޅި ޤައުމު ރޮއްވައިލިއެވެ. ފުލުހުން މި މައްސަލަ ސީރިއަސް ކަމާއެކު ބަލަމުން އަންނައިރު، މި ހިތާމަވެރި ޚަބަރު ވަނީ ރައުދާގެ ޢާއިލާއަށް ވެސް ލިބިފައެވެ.
"ނޫން ނޫން. އަހަރެންގެ ދަރިފުޅާ. ރައުދާ." ހަދީޖާ ހީވަނީ މޮޔައެއްހެންނެވެ. އޭނާގެ އަމިއްލަ ނަފުސަށް އަނިޔާދީ، ރޮމުން ގެންދިޔައިރު ހަދީޖާގެ ގާތުގައި ތިބީ އުނެއިޝް އާއި ފާހިރެވެ. އެ ދެބަފައިން މަސައްކަތް ކުރަމުން ދިޔައީ ހަދީޖާ ހަމައަކަށް އެޅުވޭތޯއެވެ. ފާހިރުގެ ހަރު ހިތަށް އެއްވެސް އަސަރެއް ނުކުރާ ފަދައެވެ. ނަމަވެސް އުނެއިޝްގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. ކޮއްކޮގެ ވަކިވެ ދިޔުމުން އުނެއިޝްގެ ހިތަށް އިންތިހާ ދަރަޖައަށް އަސަރުކުރެއެވެ.
ރައުދާގެ މަރުގެ ޚަބަރު އިވުމާ އެކު ރައުދާއަށް އެހީވެދިން ދެމަފިރިންނަށް ލިބުނީ ބޮޑު ނުތަނަވަސް ކަމެކެވެ. މާޔޫސްކަމާ އެކު އެދަމަފިރިން ބަލައިލީ ރައުދާ އެމީހުންނާ ހަވާލުކުރި ސިޓީއަށެވެ. އެ ސިޓީ އަކީ މި ހާލަތުގައި ހުރިހާ ކަމެއްގެ ޙަޤީޤަތް ހާމަވާނެ މަސްދަރުކަން އެދަމަފިރިންނަށް ކަށަވަރުވިއެވެ. ނަމަވެސް ސިޓީ ހުޅުވައި ބަލަން އެދެމީހުން ފަސްޖެހުނެވެ. އެއީ ރައުދާގެ ޢާއިލާއަށް ހަވާލުކުރަން ޖެހޭ އަމާނާތަކަށް ވީތީއެވެ.
3 ދުވަސް ވޭތުވެގެން ދިޔައިރު، ރައުދާގެ މަރުގެ ޚަބަރު ޤަބޫލުކުރާކަށް ހަދީޖާ ބޭނުމެއް ނުވެއެވެ. ކޮންމެގޮތަކަށް ރައުދާ ކަންތައް ކުރިއެއް ކަމަކު، ހަދީޖާގެ ހިތުގައި އެތައް އަހަރެއް ކުރިން އުފަންވެފައިވާ މައި ކުލުނަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
"ހަދީޖާ. ތި ހިތާމަތަކުން ދުރަށް ދާންވީނު؟ އަހަންނަށް ރައުދާ ވަކިވެގެން ދިޔައީ މީގެ 3 ދުވަސް ކުރިއަކުން ނޫން. އޭގެ މާ ކުރިން، އަހަރެންގެ ދިރިއުޅުމުން އަހަރެން އޭނާ ބޭރުކޮށްފިން." ހަދީޖާގެ ގައިގައި ފިރުމަމުން ފާހިރު ވާހަކަދައްކަމުން ދިޔައީ ރަށުގެ އަތިރިމަތީގައި ތިބެގެންނެވެ. އެދެމީހުންގެ ގާތުގައި އުނެއިޝް ވެސް އިނެވެ. ނަމަވެސް އެތަނަށް ޖެހެމުންދާ ފިނި ރޯޅިން އެއްވެސް ހަމަޖެހުމެއް ހަދީޖާ އާއި އުނެއިޝްގެ ހިތަކަށް ނުލިބެއެވެ.
"މިއޮތީ ފެރީ އައި އިރު ލިބުނު ސިޓީއެއް. ފާހިރާ ހަވާލުކޮށްލަން ބުނެފަ އޮތީމަ." ފާހިރުގެ އަތަށް ސިޓީ ދިއްކޮށްލުމަށްފަހު، އެތަނަށް އައި މީހާ އެނބުރި ދިޔުމަށް ހިނގައިގަތެވެ.
"ކޮން ސިޓީއެއް މީ؟" ސިޓީއުރަ ކަނޑައިލަމުން ފާހިރު މަޑުމަޑުން ބުނެލިއެވެ. އުނެއިޝް އާއި ހަދީޖާގެ ކަޅި ހުއްޓިފަ ވަނީ ފާހިރާ ދިމާލަށެވެ. ފާހިރު ސިޓީ ކިޔަން ފެށިިއެވެ.
"ލޯބިވާ ޢާއިލާ. އަހަރެން އަބަދުވެސް، އަބަދުވެސް އަހަރެންގެ މަންމައާ، ބައްޕައާ، ބޭބެ ދެކެ ވަރަށް ވަރަށް ލޯބިވޭ!" ފުރަތަމަ ޖުމުލަ ފާހިރު ކިޔައިލުމާ އެކު، ދޮންވެލިގަނޑުމަތީގައި އިށީންދެގެން އިން އުނެއިޝް އާއި ހަދީޖާއަށް ކޮޅަށް ތެދުވެވުނެވެ. ރައުދާގެ ސިޓީއެއް ކަން އެނގުމުން ފޫހި ގޮތެއްް މޫނަށް ހަދައިލަމުން، ފާހިރު އަނެއްކާ ވެސް ސިޓީ ކިޔުމައިގެން ކުރިއަށް ދިޔައެވެ.
"ބައްޕަގެ ކިޑުނީ ފެއިލްވި ހިސާބުން އަހަރެން ޢަޒުމް ކަނޑައެޅީ، ކޮންމެ ގޮތަކުން ނަމަވެސް ބައްޕަ ރަނގަޅު ކުރަން. އެއީ ބައްޕަ އަކީ އަހަރެންގެ ހަޔާތުގަ ވަރަށް މުހިންމު މީހަކަށް ވީމަ." ފާހިރުގެ އަޑާއި ރާގު ބަދަލުވާން ނެގީ ކުޑަ ހިނދުކޮޅެވެ. ކަރުކެހިލަމުން ފާހިރު ފުންކޮށް ނޭވާއެއް ދޫކޮށްލިއެވެ.
"ލޯބިވާ ބައްޕާ. އަހަރެންމީ ބައްޕަ ސިފަ ކުރި ކަހަލަ ކުއްޖެއް ނޫން. އަހަރެން ކޮންމެ ކަމެއް ކުރީ ބައްޕަގެ ޙައްޤުގަ. ޢާއިލާއަށްޓަކާ. އަހަރެން ބަލިވެ މީނީ ބައްޕަގެ ފަރުވާގަ ކޮޅުފައިން ނުޖަހަން، އަހަރެން އަމިއްލައަށް ނިންމި ނިންމުމެއްގެ ނަތީޖާއެއްގެ ގޮތުން." ފާހިރުގެ ހަރުހިތް މުޅިން މަޑުވެގެން ދިޔައެވެ. ލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވެގެން ދިޔައީ އޭނާ ހީނުކޮށް ހުއްޓައެވެ. ހަދީޖާގެ ގައިގައި ހިފަހައްޓައިލައިގެން އުނެއިޝް ހުއްޓެވެ.
"ބައްޕަގެ ފަރުވާއަށް އަހަރެން ޤުރުބާން ކުރީ އަހަރެން ނަފުސު. އަހަރެންގެ ޢިއްޒަތް. އަހަރެންގެ އަބުރު. އަހަރެންގެ ޢިއްފަތް. ބައްޕައަށް ފަރުވާ ކުރަން ވަޖީހު އެއްބަސްވީ، އަހަރެންގެ ފަރާތުން މިހުރިހާ އެއްޗެއް ދޭ މަތިން. ބައްޕާ. އަހަންނަށް އަރައިގަނެވުނީ ކުށަކަށް. އެކުށަށް އިޢުތިރާފުވެ، އަހަރެން އެކުށަށް ތައުބާ ވިން. ބައްޕާ، އަހަރެން.. އަހަރެން ބަލިވެ މީނީ ވަޖީހުގެ ދަރިއަކަށް." ފާހިރުގެ އަޑު ހީވީ ހިމުންވެގެން ދިޔަހެންނެވެ. އޭނާ ލާން އުޅުނު ނޭވާ އަރުތެރޭގައި ތާށިވި ކަހަލައެވެ. ހިތުގެ ހިނގުން ނުހުއްޓުނީ ހަމަ ކިރިޔާއެވެ. ކަކުލުހުޅުން ވާގި ދޫވެ، ކިރުކޮޅެއްފަދަ ސާފު ހުދު ދޮންވެލީގެ ތެރެއަށް ފާހިރަށް ޖެހެގަނެވުނެވެ. ހަދީޖާ އަނބުރައިގަނެގެން ވެއްޓުނު އިރު، އުނެއިޝް ހުރީ ޖެހި ބުދެއްހެން ގަނޑުވެފައެވެ.
ފާހިރުގެ އަތުގައި އޮތް ސިޓީ އޭނާގެ އަތުން ދޫވެ، ވައިގެ ތެރެއަށް އަރައިގެން ދިޔައެވެ. ކަމުގެ ޙަޤީޤަތް ކިޔައިދިނުމަށްފަހު، އެ ކަރުދާސްކޮޅު ހީވީ މިނިވަންކަމާ އެކު ވައިގެ ތެރެއަށް އުދުއްސައިގަތްހެންނެވެ.
"ރައުދާ. ރައުދާ. ބައްޕައަށް މާފުކުރޭ! ބައްޕައަށް މާފުކުރޭ! ދަރިފުޅާ މެދު ބައްޕައަށް ކަންތައް ކުރެވުނީ ވަރަށް އަނިޔާވެރިކޮށް. އެއީ ބައްޕަގެ ކުށެއް. ދަރިފުޅާ. ބައްޕަގެ ދޫނިގަނޑާ. ބައްޕަގެ ދަރިއާ." އަޑުން އަޑުނަގާ ފާހިރު ރޯން ފެށިއެވެ.
ބައްޕަގެ ފުރާނައަށްޓަކައި ރައުދާއަށް އަރައިގަނެވުނީ ބޮޑުވެގެންވާ ފާފައަކަށެވެ. އެ ފާފައިގެ ސަބަބުން، ކަށްވަޅުގެ އެއްވެސް އަޒާބެއް ރައުދާއަށް ނުދެއްކުމަށް ފާހިރު ދުޢާ ކުރިއެވެ. އަދި އެއްވެސް މީހެއް، އެމީހެއްގެ ދަރިއަކަށް ނުވަތަ އެހެން ވެސް މީހަކަށް ދޮގު ތުހުމަތު ތަކެއްކޮށް، އެބައެއްގެ ޙަޔާތް ރައުދާ ފަދައިން ނިމިގެން ދާން ފާހިރުގެ ޟަމީރު ނުރުހެއެވެ. ފާހިރަށް ކުރެވުނު ކުށަށް ތަޢުބާވެ، ދަރިފުޅުގެ މަރަށް އިންސާފު ހޯދުމަށް ފާހިރު މަސައްކަތް ފެށީ، މިފަދަ ކަމެއް ދެން އިތުރަށް ތަކުރާރު ވާން ނޭދޭތީއެވެ.
ނިމުނީ
މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ އިބްރާހީމް ޒިހުނީ، ފ.ބިލެތްދޫ/ހަވޭލި އެވެ. ވާހަކަ ހުށައަޅާދިނީ ރ.އިންނަމާދޫ ކަހެކްޝާން، އާމިނަތު ޝަޒްލާއެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 10 ރަމަޟާން 1442 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ