ބަލީގައި ހާލުބޮޑުވާ ޒުވާނުންގެ އަދަދު މައްޗަށް

ކޯވިޑް ބަލީގައި އެޑްމިޓްކުރާ މީހުނަށް ބަލާއިރު ބަލީގައި ބޮޑުވަރުވާ ޒުވާނުންގެ ނިސްބަތް ރާއްޖޭގައި އިތުރުވަމުން އަންނަކަމަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީން ހަމާކުރައްވައިފިއެވެ. ކޯވިޑް ބަލީގެ ނުރައްކާ އުމުރުން ދުވަސްވީ މީހުންނަށް އޮތްކަމަށް ކުރިން ބެލެވުނު ނަމަވެސް މި ބަލީގައި އެޑްމިޓްކުރަންޖެހޭ ޒުވާނުންގެ އަދަދު އަންނަނީ ގިނަވަމުންނެވެ.
ކޯވިޑް ބަލީގައި ހާލު ބޮޑުވެ މަރުވާ މީހުންގެ އަދަދު ގިނައީ ދުވަސްމީހުންގެ ތެރޭގައިކަމަށް ގިނަ ބަޔަކު އަންނަނީ ބަލަމުންނެވެ. ނަތީޖާއަކަސްވީ މި ބައްޔާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައިވެސް ޒުވާނުން ފަރުވާކުޑަކޮށްލާ އެކަންކަމަކީ ސަމާލުކަންދޭ ކަމަކަށްވެސް ނުވުމެވެ. ސިއްހީ މާހިރުން ދޭ ލަފައަކީ އެމީހުން މަލާމަތްކުރާ ޖޯކަކަށް ބޭނުންކުރާ އިރުޝާދުތަކަކަށްވުމެވެ. އެހެންނަމަވެސް މި ބަލީގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ މީހުންނާއި ބަލީގައި ބޮޑުވަރުވާ މީހުންގެ ހިސާބުތަކަށް ބަލާލުމުން މިކަން ފެންނަން އޮތީ ޒުވާނުން މިހީކުރާ ގޮތާއި މުޅިން ހިލާފުކޮށް ދިމާ އަނެއްކޮޅަށޭވެސް ބުނެވިދާނެއެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އެޑްމިނިސްޓްރޭޓަރ ހަސަން ސިނާން ވިދާޅުވީ އެފެސިލިޓީއަށް ގެންނަ ބަލި މީހުންގެ ތެރެއިން ޒުވާނުންގެ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަމަށެވެ. ކުރީގައި ބަލީގެ ބޮޑުވަރުވާ މީހުންގެ ގޮތުގައި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ފާހަގަކުރެވުނުނަމަވެސް މިހާރު މި މަންޒަރު ބަދަލުވެފައިވާކަމަށްވެސް ސިނާން ވިދާޅުވިއެވެ.
ސިނާން ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ޚިދުމަތް ފެށިފަހުން މިހާތަނަށް 2100އަށްވުރެ ގިނަ ބަލިމީހުނަށް އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާކަމަށެވެ. މީގެ ތެރޭގައި 20.87 އިންސައްތަ މީހުންނަކީ އެއް އަހަރާއި 30 އަހަރާއި ދެމެދުގެ ޢުމުރުފުރައިގެ މީހުންނެވެ. އަދި 30.60 އިންސައްތަ މީހުންނަކީ އުމުރުން 30 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނެވެ. 37.94 އިންސައްތަ އަކީ 50 އަހަރާއި 70 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ މީހުންނެވެ. އުމުރުން އެންމެ ދުވަސްވަނީ މީހުންގެ ކެޓަގަރީކަމުގައި ބަލާ އުމުރުން 70 އަހަރާއި 100 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ނިސްބަތް ހުރީ 11.09 އިންސައްތައިގައިކަމަށް ސިނާން ވިދާޅުވިއެވެ.
"ބަލީގައި އެޑްމިޓްކުރާ މީހުންގެ ޙާލަތު ފެނުނީމަ އަޅުގަނޑުމެންދަނީ ބިރުން ފިއްކަނޑައިގެން. ކުރީގައި އުމުރުން ދުވަސްވީ މީހުންގެ ޙާލަތު ގޯސްވާކަމަށް ބެލެވުނުނަމަވެސް މިހާރު ނިސްބަތުން ބަލީގައި ބޮޑުވަރުވާ ޒުވާނުންގެ ޢަދަދު އަންނަނީ އިތުރުވަމުން." ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އެޑްމިނިސްޓްރޭޓަރ ހަސަން ސިނާން ވިދާޅުވިއެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ކްލިނިކަލް ނަރސް ހުނާ އިސްމާއިފުޅު ވިދާޅުވީ ބަލީގައި އެޑިމިޓްކުރަންޖެހޭ ޒުވާނުންގެ ކިބައިން ހައިރާންވާ ފަދަ މަންޒަރުތަކެއް ފެންނަކަމަށެވެ. އެގޮތުން ބަލީގައި މާބޮޑު ކަމެއް ބޭރު ފުށުން ފާހަގަނުކުރެވުނަމަވެސް ނަގާ އެކްސްރޭތަކާއި ޓެސްޓުތަކުން ސީރިއަސް މަންޒަރުތަކެއް ފެންނަކަން ހުނާ ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން މިހަދާ ޓެސްތުތަކާއި އެކްސްރޭއިން އެބަފެނޭ ބޮޑެތި ބަލިތައް ނުހުންނަ ޒުވާނުންގެ ޙާލަތު ވަރަށް ގޯސްވެފައި ހުންނަތަން. އެހެންވީމަ މިހާރު ނެތް ބުނެވޭކަށް ބަލީގަ ނުރައްކާވަނީ ވަކި އުމުރެއްގެ މީހުންނަށޭ." ކްލިނިކަލް ނަރސް ހުނާ އިސްމާއިފުޅު ފާހަގަކުރިއެވެ.
ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު 20 ހާހުން މައްޗަށް އަރާފައިވާއިރު މިބަލީގެ ނުރައްކާ ބޮޑުވަމުން އަންނަކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ރައްކާތެރިކަމަށްޓަކާއި މިހާރު ވެކްސިން ބޭނުންކުރަން ފެށި ނަމަވެސް އަދިވެސް އަމިއްލަ ރައްކަލަކަށް ބޭރަށް ދިޔުން މަދުކުރުމާއި ބޭރުގައި އުޅޭއިރު މާސްކު އެޅުމާއި ގައިދުރުކަން ކަށަވަރުކުރުމަށް އަންނަނީ އިލްތިމާސްކުރައްވަމުންނެވެ.
ކޯވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކެވެ. އެހެންކަމުން މިވަގުތު ކޮންމެހެން ކުރަންޖެހޭ ކަމަކީ ތިމާ ކިތަންމެ ފިޓްކަމަށް ޤަބޫލުކުރެވުނުނަމަވެސް ގްރޫޕް ގްރޫޕް ހަދާ މުޅި ރަށުތެރޭ ބުރު ނުޖަހަންވީއެވެ. ދަންނަހާއި ބަޔަކު ގޮވައިގެން މާސްކު ނާޅާ ބޮނޑި ބޮނޑިއަށް ކޮފީތަކަށް ނާރަންވީއެވެ. ގަޓްހުރިކަން ދައްކާލަން ކަންކަން ތަންފީޒުކުރަން ތިބި މީހުންނާއި ޖަދަލު ނުކޮށް އަސްލު ގަސްޓުހުރިކަން ދައްކާލަން ކޮންމެހެން ބޭރަށް ނުކުންނަށް ނުޖެހޭނަމަ ގޭގައި މަޑުކޮށްލަންވީއެވެ. މަންމައާއި ބައްޕަ، އަނބިންނާ ދަރިންގެ އިތުރުން ތިމާގެ އަމިއްލަވެސް ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ