އައިއެމްއޯއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް ޑރ.ފަރަޙަނާޒް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން، އައި.އެމް.އޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ.ފަރަޙަނާޒް ފައިސަލް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އައި.އެމް.އޯއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް ޑރ.ފަރަޙަނާޒް އައްޔަންކުރުމަށް ފާސްވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ އިއްތިފާޤުންނެވެ.
އައިއެމްއޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް، ޑރ.ފަރަޙަނާޒް ފައިސަލް އައްޔަންކުރެއްވުމަށް އެކަމަނާގެ ނަންފުޅު މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.
ޑޮކްޓަރ ފަރަހަނާޒް ފައިސަލް މިހާރުވެސް ގެންދަވަނީ އިނގިރޭސިވިލާތުގެ ސަފީރުގެ އިތުރުން އަޔަލެންޑާއި ސްޕެއިން އާއި ފްރާންސްގެ ނޮން ރެސިޑެންޝަލް ސަފީރުގެ މަގާމު ވެސް ފުރުއްވަމުންނެވެ. މީގެ ކުރިންވެސް ޑރ. ފަރަޙްނާޒް ވަނީ، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި، ޑެންމާކް، ފިންލެންޑް، ފަރަންސޭސިވިލާތް، ނޯވޭ، ސްޕެއިން އާއި ސްވިޑްން އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރކަން ކުރައްވާފައެވެ.
ޑޮކްޓަރ ފަރަޙަނާޒް ޕީ.އެޗް.ޑީ ހާސިލް ކުރައްވާފައިވަނީ ޕޮލިޓިކްސްގެ ދާއިރާއިން، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ހަލް އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ