ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުން ގާނޫނަކުން މަނާކޮށްފި

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށެއްގައި ގާއިމުކޮށްފައިވާ މިސްކިތްތަކާއި ނަމާދުގެތައް އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސް، ވަކި ޖަމާއަތް ހަދައިގެން މިސްކިތްތަކުގައި ނަމާދު ކުރުން މަނާކުރާ ގާނޫނު ގެޒެޓްކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްދީގު ކުރެއްވި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ގެނެސްފައިވާ ފުރަތަމަ އިސްލާހުގައިވާ ގޮތުން އިސްލާހު ގެނެސްފައިވާ އެ ގާނޫނު މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާ އެކު ސަރުކާރުގެ ގެޒެޓްގައި ސާޢިއުކޮށްފަ އެވެ. މި ގާނޫނަށް އަމަލް ކުރަން ފަށާނީ މި ގާނޫނު ތަސްދީގުކުރެވި ގެޒެޓްކުރެވޭތާ ތިން މަސްވާ ތާރީހުން ފެށިގެން ކަމަށް ވެސް އެ ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
މިގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ވެސް ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ގެންދާތީ އެކަން ހުއްޓުވުމަަށް އިސްލާމިކް މިނިސްޓްރީން ވަނީ އެކަން މަނާކޮށްފަ އެވެ. އެގޮތުން ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރުމާއި ވަކި ހުތުބާއެއް ކިޔަމުން ގެންދާ މައްސަލާގައި އެ މިސްކިތުގައި ނަމާދު ކުރުން އިސްލާމިކް މިނިސްޓްރީން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ. ނަމަވެސް އެ މިސްކިތަށް ހުކުރަށްދާ މީހުންގެ އަދަދު މަދެއް ނުވެ އެވެ.
އެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ނ ގައި ބުނެފައިވަނީ ދީނީ ފިތުނައަށް މަގުފަހިވާ ފަދަ ގޮތަކަށް އެއްވެސް މީހަކު އަމަލް ކޮށްގެން ނުވާނެ ކަމަށެވެ. އެގޮތުން ދިވެހި ރާއްޖޭގައި މީހުން ދިރުއުޅޭ ރަށްރަށުގައި މިސްކިތް ނޫން ގޮތަކަށް ކަނޑައެޅިފައިވާ ތަންތަނުގައި އާދަވެގެން އާއްމުންނާއެކު ޖަމާއަތް ހަދައިގެން ނަމާދު ކޮށްގެން ނުވާނެ ކަމަށާއި ހުކުރު ކުރުމަށް މިނިސްޓްރީން ހާއްސަ ހުއްދަދީފައިނުވާ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކޮށްގެންނުވާނެ ކަމށް ބުނެފައިވެ އެވެ. އަދި ހުކުރު ހުތުބާ ކިޔަން ފެށޭ ގަޑި އެއްގޮތް ނުވާ ފަދަ އުސޫލަކުން އެކި ގަޑިތަކުގައި ހުކުރު ހުތުބާ ކިޔުމަކީ ވެސް މަނާކަމެއް ކަމުގައި ބުނެފައިވެ އެވެ.
ކުރިން މިސްކިތްތައް ބެލެހެއްޓުމުގެ ކަންތައްތައް ކުރަމުން ގެންދިޔައީ ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ގާނޫނަކާ ހިލާފު ކަމެއް ބަޔަކު ކުރާނަމަ އެ އޮންނަ އުސޫލެއްގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް މިސްކިތްތަކުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާނަމަ ފިޔަވަޅު އެޅާނީ އިސްލާމިކް މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް މިސްކިތްތަކުގައި ދީނީ ތަގުރީރު ދިނުމަކީ ވެސް މަނާކަމެކެވެ. އަދި އިސްލާމްދީން ނޫން އެން ދީންތަކުގެ މީހުން އަޅުކަން ކުރާތަންތަން ހެދުމާއި އިސްލާމްދީން ނޫން އެހެން ދީންތަކުގެ ޝިއާރު ކަމަށް ބެލެވޭ ތަކެތި ވިއްކުމާ ގެންގުޅުމަކީ އިޝްތިހާރު ކުރުމަކީ ވެސް މަނާކަމެއްގެ ކަމުގައި އެ ގާނޫނުގައި ކަނޑައަޅައިފައިވެ އެވެ. އަދި އިސްލާމްދީން ނޫން އެހެން ދީންތައް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ވެސް މަނާކަމެއް ކަމުގައިވެ އެވެ.
ދީނީ ތަގުރީރުކުރުމަށް ނުވަތަ ދީނީ ނަސޭހަތް ދިނުމަށް ދީނީ ޝިއާރު ފާޅުކުރުމުގެ ހަރަކާތެއް ހިންގުމަށް ބޭރުގެ ފަރާތަކުންދޭ އުޒޫރައެއް ނުވަތަ މުސާރައެއް ނުވަތަ ހަދިޔާއެއް އަދި މި ނޫން ގޮތަކަށް ވެސް ދޭ ފައިސާގެ އެހީއެއް ބޭނުން ކުރެވޭނީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް އެ ގާނޫނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ