ޒަކިއްޔާގެ މަރުގެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅައިފި

ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމުތަކަކާއެކު، މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން ބަލައިދިނުމަށް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވައިފިއެވެ.މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ އެ މަރުގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމަށް ބުނެ އެ ރަށުގެ ގިނަ ރައްޔިތުން އަޑު އުފުލަމުން އަންނަ ކަމަށެވެ.ޒަކިއްޔާ މަރުވިއިރު ހަށިގަނޑުގައި ހުރި ޒަހަމްތަކެއް ހުރި ނަމަވެސް އެއީ މީހަކު ކުރިކަމެއް ކަމުގެ ހެއްކެއް ނެތް ކަމަށް ފުލުހުން ބުނުމަށްފަހު ތަހުގީގާ ގުޅޭ އެކަށީގެންވާ މައުލޫމާތު ފުލުހުން އާންމު ނުކުރުމަކީ އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށް ސިޓީގައިވެ އެވެ.އެ މަރުގެ ހަގީގަތް ދެނެނުގަނެވި، ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައިވާތީ އެކަމުގެ ފަހަތުގައި ތިބި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ހުރަސްތަކެއް ކުރިމަތިވެގެން ދާނެކަމުގެ ބިރު އޮތް ކަމަށް ވެސް ސިޓީގައިވެ އެވެ.ކުޑޫ ވިދާޅުވީ އެ ރަށުގެ ރައްޔިތުން ކޮންމެ ރެއަކުމެ ނިދަނީ އެމީހުންގެ ތެރޭގައި ގާތިލެއް ދޫވެފައި ހުރިކަމުގެ ބިރުވެރިކަމާއެކުގައި ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ރަށެއްގައި އެފަދަގޮތަކަށް ކަންވެގެން ދިޔުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި، އެކަން އެގޮތުގައި ދޫކޮށްލައިފިނަމަ މާދަމާ ކަންވާނޭގޮތް ވިސްނާލަން ވެސް ދަތިކަމަށް އޭނާ ވިދާޅުވިއެވެ.އެއާއެކު އެ ހައްސާސް މައްސަލަ މަޖިލީހުގެ 241 ކޮމިޓީން ބަލައިދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ. އަދި ހޮޅުދޫ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ.މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ސާމިހް ވިދާޅުވީ ޒަކިއްޔާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކާ ގުޅިގެން ކަމަށެވެ. އޭނާގެ ކަރުގައި ފުންކޮށް ޒަހަމްތަކެއް ހުރި ކަމަށާއި ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށް ސާމިހު ވިދާޅުވި އެވެ.އެ މައްސަލާގައި މިދިޔަ މަހު ފުލުހުން ބުނި ގޮތުގައި ޒަކިއްޔާގެ މަރުގެ މައްސަލާގައި އެފްބީއައިގެ އެހީ ހޯދުމަށް ވަނީ އެދިފަ އެވެ. މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި އެފްބީއައިގެ އެހީ ހޯދާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ