ސައިބާ ކުށްތަކާ ދެކޮޅަށް މަޖިލިސްތަކުން ހަރުކަށި ފިޔަވަޅު އަޅަން އަބްދުއްރަހީމް ގޮވާލައްވައިފި

ސައިބާ ނުރައްކާތައް ފަދަ ކުށްތަކާ ދެކޮޅަށް ގާނޫނު ހަދާ މަޖިލިސްތަކުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް އެފަދައިން ވިދާޅުވީ، ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ އިންޓަ-ޕާލިމެންޓަރީ ސްޕީކާސް ކޮންފަރެންސް (އައިއެސްސީ)ގައި ތަގުރީރުކުރައްވަމުންނެވެ. އެ ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ، ސުލްހަވެރިކަމާއި ދެމެހެއްޓެނިވި ތަރައްގީއާއެކު ކުރިއެރުވުމަށް ޓަކައި ގައުމުތަކުގެ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، ތެދުނޫން މައުލޫމާތު ފެތުރުމާއި، އިގުތިޞާދީ ނުތަނަވަސްކަމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަކީ ގުޅިފައިވާ މައްސަލަތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި، ސުލްޙައާއި ސަލާމަތާއި ތަރައްގީއަކީ ވަކި ލަނޑުދަނޑިތަކެއް ނޫންކަމަށާއި، އެއީ ވަކިނުކުރެވޭ ހަގީގަތްތަކެއްކަމަށް ވިދާޅުވިއެވެ. ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖޭގެ ތަޖުރިބާއަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެއް ސަރަހައްދެއްގައި ދިމާވާ މުސީބާތެއްގެ އަސަރު އެ ސަރަހައްދުގެ އެހެން ގައުމުތަކަށް ވަރަށް އަވަހަށް ފޯރާނެ ކަމަށެވެ. އަދި، ގައުމުތަކުގެ ގުޅުމާއި، ހެޔޮވެރިކަމާއި، އިންސާފުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ ނިޒާމަށް ރާއްޖެއިން ދޭ އަޙައްމިއްޔަތުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސާކް އަދި އޯއައިސީ ފަދަ ސަރަޙައްދީ އަދި ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގެ ސަބަބުން ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަން އިތުރަށް ބަދަހިވެފައިވާކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. އަދި، މިފަދަ ގުޅުން ދެމެހެއްޓުމަށާއި، އިންސާފުވެރިކަމާއި، އަދުލުވެރިކަމާއެކު ތަރައްގީ ގެނައުމުގައި ގާނޫނު ހަދާ މަޖިލިސްތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރެއްވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވަމުންދާ ތަކުލީފާއި ގޮންޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ގާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިންނަށް އޯގާތެރިކަމާއި ޒިންމާދާރުކަމާއެކު އަމަލު ކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ. "ބިރުވެރިކަމާއި އަނިޔާވެރިކަމުގެ މައްޗަށް އަމާން ދުނިޔެއެއް ބިނާ ނުކުރެވޭނެ. އަމާން ދުނިޔެއެއް ބިނާކުރެވޭނީ އުއްމީދާއި އިންސާފާއި އިންސާނީ އެއްބައިވަންތަކަމުގެ މައްޗަށް" އަބްދުއްރަހީމް ވިދާޅުވިއެވެ. މީގެއިތުރުން، ޓެރަރިޒަމްއާއި، ކަނޑުގެ އަމާންކަން ނެތުމާއި، ސައިބާ ރިސްކުތައް ފަދަ ނުރައްކާތަކާ ދެކޮޅަށް ގާނޫނު ހަދާ މަޖިލިސްތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެ މަނިކުފާނު ގޮވާލެއްވިއެވެ. އަބްދުއްރަހީމް ތަގުރީރު ނިންމަވާލެއްވީ، ޕާކިސްތާނާއި އައިއެސްސީގެ މެންބަރު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ ގުޅިގެން ހުރިހާ ގައުމުތަކުގެ ރައްޔިތުންނަށް ހަމަޖެހުމާއި އިންސާފާއި ތަނަވަސްކަމާއި ކުރިއެރުމަށް ދިވެހިރާއްޖެއިންދޭ އަޙައްމިއްޔަތުކަން ފާހަގަކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ