ބަލިތަކުން ރައްކާތެރިވާން ޅައިރުއްސުރެ، ސިއްހީ އާދަތަކަށް އަހުލުވެރިވުން މުހިންމު: ރައީސް

ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ޅައިރުއްސުރެ، ސިއްހީ އާދަތަކަށް އަހުލުވެރިވުން މުހިންމު ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ހަކުރު ބަލީގެ ދުވަހުގެ މުނާސަބުތައި އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކެއިންބުއިމާއި ހަރަކާތްތެރިވުމާއި ދުވަހުގެ ތާވަލު ރާވާލުމުގައި ވެސް ސިއްހަތަށް ސަމާލުވާން ޖެހޭ ކަމަށެވެ. އެގޮތުން، ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ ތަރުބިއްޔަތު ލިބިގަންނަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ކަންކަމަށް މުޖްތަމައު ހޭލުންތެރި ކުރުމަށް އަމިއްލަ ޖަމާއަތްތަކާއި ފަރުދުންގެ ފެންވަރުގައި ކުރާ މަަސައްކަތްތަކަށް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ. https://x.com/MMuizzu/status/1989187902337872088 އޭގެއިތުރަށް ދިވެހީންނަކީ ބަލިތަކާ ދުރު، ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ދެމިތިބުމަށާއި ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ އަޒުމު، މިފަދަ ކޮންމެ ދުވަހަކު އާކުރަން ވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. މިއަދުގެ މުނާސަބަތުގައި ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ ޕޯސްޓެއް ކުރައްވާފައެވެ. އެ ކަމަނާ ވިދާޅުވީ، ޞިއްޙަތު ރަނގަޅު އާބާދީއެއް އޮތް މުޖްތަމައެއް ރާއްޖޭގައި ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެން ކަމަށެވެ. ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހޯދުމަށާއި ސިއްހީ އާދަތަކުގައި ހިފެހެއްޓުމަކީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުމަށް ސާޖިދާ ވަނީ ގޮވާލައްވާފައެވެ. ހަމައެހެންމެ، ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުން އެންމެ ދުރުހެލި އަދި އެންމެ އިތުބާރާއެކު ފަރުވާދެވޭ އެއް ގައުމަކަށް ދިވެހިރާއްޖެ ހެދުމުގެ ލަނޑުދަނޑި އެންމެން އެކުގައި މަސައްކަތްކޮށްގެން ހާސިލުކުރެވޭނެ ކަމަށް ސާޖިދާ ވަނީ ވިދާޅުވެފައެވެ. https://sun.mv/213904 މިއަދު ފާހަގަކުރާ ހަކުރު ބަލީގެ ދުވަހުގެ މުނާސަބަތުގައި ހުރިހާ ރަށެއްގައި ސިއްހީ ޚިދުމަތްދޭ ތަންތަނާއި މަދަނީ ޖަމިއްޔާތަކުން އިސް ނަގައިގެން ސްކްރީނިން ހަރަކާތްތައް ބާއްވަން ވަނީ ނިންމާފައެވެ. އެގޮތުން، އައިޖީއެމްއެޗް ހޮސްޕިޓަލާއި އެޗްޕީއޭއާ ގުޅިގެން ސޯޝަލް ސެންޓަރުގައި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ