ކަސްޓަމްސްގެ މުސާރައަށް 270 މިލިއަން ރުފިޔާގެ ބަޖެޓެއް، އަންނަ އަހަރު މުސާރަ ބޮޑުވާނެ

އަންނަ އަހަރު ކަސްޓަމްސް މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ ކަމަށާއި، ސަރުކާރުން ހުށަހެޅީ 270 މިލިއަން ރުފިޔާއަށް ވުރެ މުސާރައަށް ކުރާ ހޭދަ އިތުރުނުކުރަން ކަމަށް، ކަސްޓަމުން މިއަދު ބުނެފިއެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ ގުޅޭގޮތުން މެންބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް ފާތިމަތު ދިޔާނާ ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ކަސްޓަމްސްއަށް ދިން ސީލިންއަކީ މުވައްޒަފުންގެ މުސާރައަށް 270 މިލިއަން ރުފިޔާ ކަމަށާއި، އޮފީސް ހިންގުމަށް 46 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން އެއީ ޕީއެސްއައިޕީ މަޝްރޫއުތައް ނުހިމަނާ ޖުމްލަ 316 މިލިއަން ރުފިޔާއެވެ. ދިޔާނާ ވިދާޅުވީ ފިނޭންސް މިނިސްޓްރީން ކަސްޓަމްސްއަށް ފާސްކޮށްދިނުމަށް ހުށަހެޅީ ޕީއެސްއައިޕީ މަޝްރޫއުތައް ނުހިމަނާ 297 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި އެއީ ކަސްޓަމްސްއިން ފާސްކޮށްދޭން އެދުނު ބަޖެޓަށް ވުރެ 19 މިލިއަން ރުފިޔާ މަދު އަދަދެއް ކަމަށެވެ. ދިޔާނާ ވިދާޅުވިގޮތުގައި ކޮންޓެއިނަރު ސްކޭނަރެއް ހިމެނޭހެން ކަސްޓަމްސްއަށް ބޭނުންވާ އެކި ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރުމަށް ފިނޭންސް މިނިސްޓްރީއާއެކު އަންނަނީ މަޝްވަރާކުރަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންޓެއިނަރު ސްކޭނަރެއް ހޯދުމަށް ކަސްޓަމުން ވަނީ މިދިޔަ އަހަރު މަސައްކަތް ފަށައިފައެވެ. ބައެއް މެންބަރުން ސުވާލުކުރުމުން ކަސްޓަމްސްގެ މުސާރަ އަންނަ އަހަރު ބޮޑުވެގެން ދާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވި ކަމަށާއި، އަދަދުތައް މިހާރު ފައިނަލްކުރެވިފައިވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ މުސާރަ ބޮޑުކުރުމުގެ ކަންތައްތައް ބާރަށް ކުރިއަށް އެބަދޭ. ދެން އަޅުގަނޑުމެންނަށް [ސަރުކާރުން] ދެއްވާފައި އޮތް ޔަގީންކަމަކީ 2026ވަނަ އަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން އަޅުގަނޑުމެންނަށް މުސާރަ ބޮޑުކޮށްދިނުމަށްޓަކައި ޕޭ ހާމަނައިޒޭޝަންގެ އޮނިގަނޑުގެ ތެރެއިން މުސާރަ ބޮޑުވާނެ ކަމުގެ ޔަގީންކަން،" ކަސްޓަމްސްގެ ބަޖެޓުގެ ކަންކަން ބަލަހައްޓަވާ ޗީފް ސުޕްރިންޓެންޑެންޓް އަބްދުالله އަލީ ވިދާޅުވިއެވެ. އަބްދުالله ވިދާޅުވީ ކޮންޓެއިނަރު ސްކޭނަރާއެކީ 27 އައިޓަމެއް ގެނައުމަށް އެބަ މަސައްކަތްކުރަމުން އަންނަ ކަމަށާއި، ސްކޭނަރު ބެހެއްޓިއްޖެ ނަމަ ސްމަގްލިން ހުއްޓުވި ކަސްޓަމަށް ލިބޭ ޑިއުޓީ އިތުރުވެގެން ދާނެ ކަމަށެވެ. ދިޔާނާ ވިދާޅުވީ ތިލަފުށްޓާއި ކަސްޓަމްސްގެ މައި އޮފީހުގައި ސަވައިލެންސަށް ވަކި ސެކްޝަނެއް އުފައްދައިފަ ވާނެ ކަމަށާއި ކޮންޓްރޯލް އޭރިއާ މެނޭޖްކުރުމަށް ވެސް ސެކްޝަނެއް އުފައްދައިފަ ވާނެ ކަމަށެވެ. ދިޔާނާ ވިދާޅުވީ ސެކްޝަންތައް ހިންގުމަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން ލިބިއްޖެނަމަ މިހާރަށްވުރެ ހަރުދަނާކޮށް ކޮންޓެއިނަރުތައް ސްކޭންކުރެވި، ކަންކަން ބެލެހެއްޓޭނެ ކަމަށެވެ. ކަސްޓަމްސް މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން އަބްދުالله އިތުރަށް ވިދާޅުވީ އެ ޚިދުމަތުގެ މުސާރައިގެ އޮނިގަނޑަށް ބަދަލެއް ނާންނަތާ 13 އަހަރު ވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ޖުމްލަ 270 މުވައްޒަފުންނާއި އެ މުވައްޒަފުންގެ މުސާރައަށް 73 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ