ޑޮލަރު މައްސަލަ: ޓީއެމްއޭގެ މުވައްޒަފުން އިހުތިޖާޖު ކުރަން ނިންމައިފި
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރައިގެ 20 ޕަސެންޓު ރުފިޔާ އިން ދޭން ނިންމުމާ ގުޅިގެން އެ ކުންފުނީގެ ޕައިލެޓުން މި މަހުގެ 26 އިން ފެށިގެން ދަތުރުކުރުން ހުއްޓާލަން ނިންމައިފި އެވެ.ޓީއެމްއޭގެ މުވައްޒަފުންގެ މުސާރައިގެ ބައެއް ދިވެހި ރުފިޔާއިން ދޭން ޖެހޭ ގޮތަށް މުސާރައިގެ އޮނިގަނޑާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން މިފަހުން ބޭއްވި ބައްދަލުވުމުގައި ގިނަ އަދެއްގެ މުވައްޒަފުން ވަނީ އެމްއެމްއޭގެ ޕްރެޝަރަށް ޓީއެމްއޭއިން މިހާތަނަށް މުވައްޒަފުންނަށް މުސާރަ ދިނުމުގައި އަމަލުކުރަމުން އައި ގޮތް ބަދަލުކޮށްފައިވާތީ އެކަމުގެ ހިތްހަމަ ނުޖެހުން ވަރަށް ބޮޑަށް ފާޅުކޮށްފަ އެވެ.އެގޮތުން ޓީއެމްއޭގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަކީ މުސާރައިގެ %80 ޑޮލަރުން އަދި %20 ދިވެހި ރުފިޔާއިން ދޭ ގޮތަށް ގެނައި ބަދަލެކެވެ. ޓީއެމްއޭއިން މި ބަދަލު ގެނެސްފައިވަނީ މި އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ބޭރު ފައިސާގެ ގާނޫނުގެ ސަބަބުން އެ ތަނަށް ލިބޭ އާމްދަނީގެ ބައެއް ބޭންކުތަކަށް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭތީ އެވެ.ރޭގެ ބައްދަލުވުމުގައި އެ މުވައްޒަފުން ފާހަގަކުރިގޮތުގައި ޓިއެމްއޭއިން ގެނައި މި ބަދަލަކީ މުވައްޒަފުންނާއި މާބޮޑު މަޝްވަރާކުރުމެއް ނެތި ގެނައި ބަދަލެކެވެ.އެކަމަށް ހައްލެއް ހޯދުމަށް ޓީއެމްއޭގެ ޕައިލެޓުން ވަނީ ސަރުކާރާ ބައްދަލުކުރުމަށް ވެސް އެދިފަ އެވެ. ނަަމަވެސް އެކަމުގައި އިސްކޮށް އުޅޭ މީހުންނާ ބައްދަލުކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށް ވެ އެވެ.ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގައި 200 އަށް ވުރެ ގިނަ ޕައިލެޓުން މަސައްކަތް ކުރެ އެވެ. އެ ކުންފުނީގެ ދަށުން މަސައްކަތް ކުރާ ކެޕްޓަނުންގެ ތެރެއިން އެންމެ ޖޫނިއާ މުވައްޒަފުންނަށް ވެސް ގާތްގަނޑަކަށް 6،000 ޑޮލަރުގެ އާމްދަނީއެއް ލިބޭ އިރު އެންމެ ސީނިއާ ކެޕްޓަނުންނަށް ގާތްގަނޑަކަށް 12،000 ޑޮލަރު މަހަކު ލިބެ އެވެ.އޭވިއޭޓާސް މޯލްޑިވްސްއިން ދެކޭ ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓްކުރާ އަދި ރިސޯޓްތަކަށް ޓޫރިސްޓުން އުފުލުމުގައި އެންމެ މުހިންމު ދައުރެއް އޮތް ޓީއެމްއޭއަށް ލިބޭ ޑޮލަރު އާމްދަނީ މާރުކުރަން ޖެހޭތީވެ، ޑޮލަރުގެ ލިކިއުޓިޑީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.އިހުތިޖާޖެއް ނޫނީ ހަޅުތާލެއް ކުރަން ނިންމި ކަމެއް ސާފުނުވި ނަމަވެސް ހާލަތު އިތުރަށް ގޯސްވާތީ އެތެރޭގެ ވާހަކަތަކާއި މަޝްވަރާތައް އިތުރުކޮށްގެން ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރުމަށް ރޭ ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ލިޔުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ