ޝުޖާއުގެ މައްސަލަ ތަހުގީގުކުރުން ލަސްވާތީ ޔާމީންގެ ކަންބޮޑުވުން

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ހިންގާފައިވާ ކަމަށް ބުނާ މުއާމަލާތްތަކުގެ މައްސަލައިގެ ތަހުގީގު ލަސްވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި އާންމުވީ އިއްޔެ އެވެ. މި ރިޕޯޓު އާންމުވެފައިވަނީ، އެކަން ތަހުގީގުކުރަން އެފްއައިޔޫއިން ފުލުހުންނަށް ރިޕޯޓު ފޮނުވާފައިވާ އޮއްވަ އެވެ.
ބުނީ ކީކޭ؟ - ރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ޔާމީން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައި އޮންނަތާ އަހަރެއްވީއިރު މައްސަލަ ތަހުގީގު ނުކޮށް އޮތީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ. ޔާމީން ވިދާޅުވީ އެއީ ކޮރަޕްޝަންގެ އެއް މައްސަލަ ކަމަށާއި އެފަދަ އެތައް މައްސަލައެއް އެބަހުރި ކަމަށެވެ.
"މި މައްސަލަ ފުލުހަށް ހުށަހެޅިފައި ހުންނަތާ އަހަރެއްހާ ދުވަސްވަނީ. މިއިން އެއްވެސް ކަމެއް ނުހިނގައޭ. ހަގީގަތުގައި އެފްއައިޔޫއިން ރެޑް އެލާޓެއް ނުކުންނަންޖެހޭ ސަބަބަކީ އޭގައި މަނީލޯންޑަރިން ހިމެނޭތީ. އެކަމަށްޓަަކައި ފުލުހުންގެ ތަހުގީގަށް މި ހުށަހަޅަނީ،" ޔާމީން ވިދާޅުވި އެވެ.
"އޭގެ މާނައަކީ އެއީ އޭގެ ޒާތުގައި ފުލުހުން ތަހުގީގު ކުރަންޖެހޭނެ މައްސަލައެކޭ. ބަޔަކަށް އެ ލިބެނީ ނާޖާއިޒު ފައިސާތަކެއް. އެ ފައިސާ އަކީ ސަރުކާރުގެ ތެރެއިން ނާޖާއިޒުކޮށް ނަގާ ފައިސާތޯ މީގަ އެންމެ ބޮޑު ކަމަކަށް މިއޮތީ."
މީހެއްގެ އާމްދަނީއާ ނުބައްދަލު ބޮޑު އަދަދެއްގެ ފައިސާ ލިބިފައި އޮތްކަން ބޭންކް ސްޓޭޓްމަންޓުތަކުން ހާމަވާ ނަމަ އެ މައްސަލައިގެ ތަހުގީގެއް ކުރުމަށް އެ މީހާއާ ކުރަން އޮތީ އެންމެ ސުވާލެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެމްއެމްއޭއިން އެ އަންނަނީ ބޭންކް ސްޓޭޓްމަންޓް. ހަމަ އެންމެ ސުވާލެއް ދެއްތޯ ކުރަންވީ. މީހެއްގެ އާމްދަނީއާ ނުބައްދަލު ބޮޑު އާމްދަނީއެއް ލިބިފައި އޮތިއްޔާ އެ ވެފައި އޮތީ ކީއްތޯ ސާފުކުރަންވީ ދެއްތޯ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ:
ކޮންމެ ސަރުކާރެއްގައި ވެސް ޝުޖާއުއަށް ބައިވަރު މަޝްރޫއުތައް ލިބޭ ކަމަށް އޭނާ ވިދާޅުވޭ؛ އެ މަޝްރޫއުތައް ލިބެނީ ވެސް ޓެންޑާ ނުކޮށް
ސިވެކްގެ ތެރެއިން ވެސް ޝުޖާއުއަށް ފައިސާ ދޮވެދޭއިރު ކޮމްޕްރޮމައިޒް ވާނެވަރު ސާފުވޭ 
ޝުޖާއުއަށް ކުރެވޭ ތުހުމަތުތަކަކީ ތެދެއްކަން ކަށަވަރުވާ ގޮތަކީ އެމްއެމްއޭއިން ނުކުތް ރިޕޯޓާ ގުޅިގެން އެފްއައިޔޫގެ ވެރިޔާ ވެސް މަގާމުން ދުރުކުރުމުން؛ އެކަމުގައި މަތިޖަހަން ގުޅުމެއް ނެތޭ ބުންޏަސް އެއްވެސް މީހަކު އެ ވާހަކަ ގަބޫލެއް ނުކުރާނެ
"އެހެންވީމާ ޝުޖާއުގެ ބާރު އެހާ ގަދަައޭ. ޝުޖާއު ފުރަތަމަ އުޅުނީ އެމްއެމްއޭ ލައްވާ ބުނުވަން އެއީ ދޮގު ބަޔާނެކޭ. އެކަމަކު އެމްއެމްއޭ އެހެެނެއް ނުބުނޭ،" އެ މައްސަލާގައި އެމްއެމްއޭގެ ޒިންމާ އެތަނުން އަދާކޮށްފައިވާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވާހަކައަކީ ކީއްވެހޭ މި މައްސަަަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަހެޅުނީމާ މި މައްސަލަ ތަހުގީގުކުރަން އެހާ ލަސްވަނީ. ފުލުހުންގެ މުއައްސަސާއަކީ ހަމަ އެހާ ބޮޑަށް ކޮރަޕްޓުވެފައި އޮތް ތަނެއްހެއްޔޭ."
ޔާމީން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނާ ބުނުމަށް ވެސް އެެއްވެސް އިތުބާރެއް ނެތް ކަމަށާއި އެ މައްސަލަ ވާނީ "އޯޕެން އެންޑް ޝަޓް ކޭސްއަކަށް" ކަމަށެވެ. މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނަނީ ރިޕޯޓު ލީކުވެ، މައްސަލަ އާންމުންނަށް ފެންމަތިވުމުން އެކަން އޮއްބާލަން ކަމަށް ޔާމީން ވިދާޅުވި އެވެ.
"ދެން މިހާވަރަށް މިވާހަކަ ދެކެވެން ފެށީމާ މިހާރު ފުލުހުން ބުނެފި ޝުޖާއު މައްސަލަ ތަހުގީގުކުރަނީއޭ. ދެން މާތް ކަލާކޯ. އެ ތަހުގީގު ކަފުންވެ ނިމުނީ އެހާ ހިސާބުން. އެ ތަހުގީގެއް ދެން ނުއެއް ނިމޭނެ. ނުނިމެންޏަކާ މީނައާ ދޭތެރޭގައި ފިޔަވަޅެއް ނޭޅޭނެ،" ޔާމީން ވިދާޅުވި އެވެ.
އެނގުން މުހިންމު - އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ ޝުޖާއުގެ އިތުރުން އޭނާއާ އާއިލީ ގުޅުން އޮންނަ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒްގެ އިތުރުން އޮފިޝަލް އިވެންޓްގެ އެއް ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެމްބަރު، އަހްމަދު އަދުހަމްއާ ބެހޭ ގޮތުންނެވެ. އެ ތަހުގީގު ކުރިއަށްގެންގޮސްފައިވަނީ އެ ތިން މީހުންނާއި އިތުރު މީހުންގެ ހިއްސާ އޮންނަ  ފަސް ކުންފުންޏަކުން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅިގެންނެވެ.
ނަމަވެސް އެ ރިޕޯޓުގެ ސައްހަކަމާ މެދު ޝުޖާއު ވަނީ ސުވާލު އުފައްދަވައިފަ އެވެ.
އާންމުވެފައިވާ ރިޕޯޓުގައި އެމްއެމްއޭގެ އެފްއައިޔޫއަށް ފާހަގަވި ބައެއް މުއާމަލާތްތަކަކީ:
ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023ގައި ސިވެކަށް 23 މިލިއަން ރުފިޔާ ދެއްކި؛ އެއީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަރަދުކުރަން
އޭގެ ތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން ޖަމާކުރީ އޮފިޝަލް އިވެންޓްސްއަށް
ހަމަ އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރި
ސިވެކުން އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކުރީ، ކުންފުނީގެ ހިއްސާދާރުންނަށް ރެއިންބޯއިން ތަރައްގީކުރާ ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓު ގަތުމަށް، ކޮމިޓްމަންޓް ފީގެ ގޮތުގައި
އޭގެ ތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ޖުމުލަ އަގަކީ 20 މިލިއަން ރުފިޔާ
އޭގެ އިތުރުން މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗުޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ލިބިފައިވާ ކަމަށް އާންމުވެފައިވާ ރިޕޯޓުން ދައްކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ