މަޖިލިސް މެންބަރުންނަށް ސައީދު ބިރު ދައްކާ ވާހަކަ ފެނަކައިން ދޮގު ކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު، ވަޓްސްއެޕް ގްރޫޕެއް ހައްދަވައިގެން އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ބިރު ދައްކަވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފިއެވެ.
ފެނަކައިން މިހެން ބުނީ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނަށް ފެނަކައިގެ އެމްޑީ ބިރުދައްކާ ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވާތީއެވެ. ފެނަކައިން ބުނީ، މިއީ އެއްވެސް ހާލަތެއްގައި އެއްވެސް މިންވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށާއި ތުހުމަތު ކޮށްފައިވާ ވަޓްސްއެޕް ގްރޫޕްއަކީ ވުޖޫދުގައި ވެސް ނުވާ ގްރޫޕެއް ކަމަށެވެ.
ފެނަކަ އެމްޑީގެ ފަރާތުން، އެފަދަ ވަޓްސް އެޕް ގްރޫޕެއް ނުވަތަ އެ ނޫން އެފަދަ އެހެން ޕްލެޓްފޯމެއްގައި ވެސް، އެއްވެސް މަޖިލިސް މެންބަރަކަށް ނުވަތަ އެނޫން ފަރާތަކަށް ވިޔަސް، އެއްވެސް ސިފައެއްގައި ނުފޫޒު ފޯރުވައި ބިރުދައްކައި ހެދުމުގެ ގޮތުން މިހާތަނަށް މުއާމަލާތެއް ކުރައްވާފައި ނުވާނެކަމުގެ ޔަގީންކަން އެމްޑީ ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ދެއްވާފައި ކަމަށް ފެނަކައިން ބުނެއެވެ.
ހަމައެއާއެކު އެ ކުންފުނިން ވަޒީފާ ދިނުމުގައާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެއްވެސް ސިޔާސީ ނުވަތަ ޒާތީ ނުފޫޒެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން ވެސް ފެނަކައިން ވަނީ ދީފައެވެ. އަދި ކުންފުނީގެ އެންމެހައި މަސައްކަތްތައް ރޭވި ބައްޓަން ކޮށްފައި ވަނީ، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތަށް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށް މި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ މައްޗަށް ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން ހަބަރު ފަތުރާ ފަރާތްތަކުގެ އެންމެ މުހިންމު އަދި އެންމެ އިސް ވާޖިބަކަށް ވާންވާނީ ކަމުގެ ތެދު ހަގީގަތް ބެލުމަށް ފަހު، ތެދު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ފެނަކައިން ބުނެއެވެ. އެހެންކަމުން މިފަދަ ހަގީގަތެއް ނެތް ދޮގު އިލްޒާމުތައް ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދޭ އެންމެހައި ފަރާތްތަކުން ކުރާ މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ކުށްވެރިކޮށް، ސިޔާސީ މަގްސަދެއްގައި ނަމަވެސް މިފަދަ ހަގީގަތެއް ނެތް ވާހަކަ ނުފެތުރުމަށް ފެނަކައިން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ