ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި

ރާއްޖެއަށް އައި އިރު ބޫޓެއްގެ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ސޫރަޖް ކަރުވާރު ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރީ ލަގެޖް ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި އޮތް ކޮތަޅެއްގައި އޮތް ދެ ޓެނިސް ބޫޓުގެ ތެރެއިން މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.
މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ދީފައެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ޕެކެޓް ވަނީ ޓީއެޗްސީއަށް ޕޮޒިޓިވް ވެފައެވެ. އޭނާގެ ބަންދަށް ކުރު މުއްދަތެއް ދިނީ ދައުލަތުގެ ވަކީލެއްގެ ފުރުސަތަށް އެދިފައިވާތީ ކަމަށް ކޯޓުން ބުނެފައިވެއެވެ. މި މައްސަލައަކީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ ގޮތުގައި ތުހުމަތު ކުރެވޭ މައްސަލައެކެވެ.
މި ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އިންޑިއާ މީހުން އިތުރުވަމުންދާތީ، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށް މިދިޔަ މަހު ހާއްސަ އެޑްވައިޒަރީއެއް ނެރެފައެވެ. އެ ބިއުރޯއިން ފާހަގަކުރި ގޮތުގައި ރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިހާރު ވަނީ ވަރަށް ބޮޑަށް ހަރުކަށިކޮށް، މަރުގެ އަދަބު ވެސް ހިމަނާފައެވެ. "ގައުމެއްގެ ގާނޫނު ނޭނގުމަކީ ކުށުން ބަރީއަވުމަށް ދެއްކޭނެ އުޒުރެއް ނޫން" ކަމަށް އެންސީބީން ބުނެފައިވެއެވެ.
މިދިޔަ މާޗް މަހުން ފެށިގެން އަމަލުކުރަން ފެށި ގާނޫނުގެ އާ އިސްލާހުގެ ދަށުން، ވަކި މިންވަރަކަށް ވުރެ ގިނައިން މަސްތުވާތަކެތި އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭނެއެވެ. އޭގެ ތެރޭގައި 350 ގްރާމަށް ވުރެ ގިނަ ކެނެބިސް، 250 ގްރާމަށް ވުރެ ގިނަ ޑައިމޯފިން، ނުވަތަ ޖަދުވަލު 1 ގައިވާ އެހެން މަސްތުވާތަކެއްޗެއްގެ 100 ގްރާމަށް ވުރެ ގިނަ މިންވަރު ހިމެނެއެވެ. މިފަދަ ހުކުމެއް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން އެގޮތަށް ނިންމުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ