ނޭނގި ނަމަވެސް އެތައް ބައެއްގެ ސިއްހަތަށް ދެވެނީ ނުރައްކަލެއް!

މިއީ ރާއްޖޭގެ އެކި ރަށްރަށުގައި ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. އާދައިގެ ކަމަކަށް ހަދައި މާ ބޮޑަށް އަޅާނުލެވެނީ އެވެ. ނަމަވެސް، ޕްލާސްޓިކް ފުޅީގައި ބަންދުކޮށް އަދި ގިނައިރު ވަންދެން އަވީގައި ބެހެއްޓުމަށް ފަހު އެ ބުއިމަކީ އެއްގޮތަކަށް ވެސް ދޫކޮށްލެވޭނެ ކަމެއް ނޫނެވެ. އެއީ ސިއްހަތަށް އެކި ގޮތްގޮތުން އަސަރުކުރާ ކަމެއްކަން، އެމްއެފްޑީއޭގެ މައުލޫމާތުތަކުން ދައްކަ އެވެ. 
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ އިދާރާއިން މިދިޔަ ބުދަ ދުވަހު "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކުގައި ބުނީ، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އަވީގައި ނުވަތަ ހޫނުގައި ބެހެއްޓުމަކީ ފެނުގެ ކޮލިޓީ އަދި ރައްކާތެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ކަމަށެވެ.
އެގޮތަށް ކަންތައް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް، ކާބޯތަކެތި ރައްކާތެރިކުރުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.
އެކަމަކު، ފެން އުފައްދާ ކުންފުނިތަކުން ފިހާރަތަކާއި ކެފޭތައް އަދި ބޯޓުތަކަށް ފެން ކޭސްތައް ޑެލިވަރީ ކުރުމުން ގިނަ އިރުތަކެއް ވަންދެން އަވީގައި އެ ކޭސްތައް ބަހައްޓަ އެވެ. މިކަމުގައި ފެން ފޯރުކޮށްދޭ ފަރާތްތަކާއި ފެނަށް އޯޑަރުކުރި ފަރާތްތަކުގެ އިހުމާލު އެބައޮތެވެ. އެހެންވެ، އެކަމާ ގުޅިގެން އާއްމުންގެ ކަންބޮޑުވުންތައް ވެސް ސޯޝަލް މީޑިއާއިން ދޭތެރެދޭތެރެއިން ފެނެ އެވެ.
ނަމަވެސް، މި ރިޕޯޓަށް ކޮމެންޓު ހޯދަން އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލެންޑު ބެވަރޭޖަށް އެކި ފަހަރު މަތިން ގުޅިއަސް އެ ފަރާތުގެ ކޮމެންޓެއް ނުލިބުނެވެ. 
އެގޮތަށް ފެން ބަހައްޓާތީ ކަންބޮޑުވުން ފާޅުކޮށް، ހުސެއިން ސައީދު ނަމަކަށް ކިޔާ މީހަކު ސޯޝަލް މީޑިއާގައި މީގެ ކުރިން ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ކެންސަރު ގިނަވާ އެއް ސަބަބަކީ ވެސް ގިނައިރު ވަންދެން ޕްލާސްޓިކް ފުޅި އަވީގައި ބެހެއްޓުމަށް ފަހު އެ ބޭނުންކުރާތީ އެވެ. 
ޕްލާސްޓިކް ފުޅި، އަވީގައި ގިނައިރު ވަންދެން ބެހެއްޓުމަށްފަހު ބޭނުންކުރާތީ ކަންބޮޑުވުން ފާޅުކޮށް، މީހަކު އެކްސްގައި ކުރި ޕޯސްޓެއް.
ސައީދުގެ އެ ކަންބޮޑުވުންތަކުން ވެސް އެއް ކަމެއް ޔަގީންވެ އެވެ. ރާއްޖޭގައި ކެންސަރު ތަހައްމަލުކުރާ މީހުން ވަރަށް ގިނަ އެވެ. ނަމަވެސް، ދިރާސާއެއް ހަދާފައި ނެތުމުން، ކެންސަރު ގިނަވަނީ ސީދާ މިވެނި ސަބަބަކާ ހެދި ކަމެއް ޔަގީންކަމާ އެކު ބުނެވޭކަށް ނެތެވެ. 
އެމްއެފްޑީއޭއިން ހިއްސާކުރި ބޭރުގެ އެކި އިދާރާތަކުން ހަދާފައިވާ ސައިންޓިފިކް ދިރާސާތަކުގައި ވަނީ، ޕްލާސްޓިކް ފުޅީގައި ބަންދުކުރި ފެން އަވީގައި ބެހެއްޓުމަށް ފަހު، ބޭނުންކުރުމުން ލިބޭ ގެއްލުންތައް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި؛
އެމްއެފްޑީއޭއިން ބުނީ ކާބޯތަކެތި ރައްކާތެރިކުރުމާ ގުޅޭ ކޮންމެ ކަމަކީ އެ އިދާރާއިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެއީ ކާބޯތަކެތީގެ ރައްކާތެރިކުރަން ކަށަވަރުކުރުމަށް މެއި 23، 2024 ގައި އަމަލުކުރަން ފެށި ގާނޫނުން ލާޒިމްކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ.
އެކަމާ ގުޅޭގޮތުން ގަވައިދުތައް ހަދައި، އެ ގަވައިދުތައް ތަންފީޒުކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރާތީ މި ވަގުތު އެއްވެސް ބަޔަކަށް ފިޔަވަޅެއް ނާޅަ އެވެ.
އެ އިދާރާ އިން މިހާރު ވެސް އަންނަނީ 2017 ވަނަ އަހަރު އަމަލުކުރަން ފެށި "ރައްކާތެރި ގޮތުގައި ކާބޯތަކެތި ގެންގުޅުމާއި އެ ތަކެތި އެއް ތަނުން އަނެއް ތަނަށް އުފުލުމާއި ގުދަންކުރުމުގައި އަމަލުކުރާނެ ގޮތުގެ މިންގަނޑު" ގެ ތެރެއިން ބޯފެން އުފައްދާ ތަންތަނަށް ހުއްދަ ދޫކުރުމަށް ކުރާ އިންސްޕެކްޝަންގައި އެ ތަންތަނުން އެހެން ފަރާތްތަކަށް ފެން ފޯރުކޮށްދިނުމުގައި އަމަލުކުރާ އުސޫލުތައް ބަލައި ޗެކްކޮށް އިސްލާހުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ.
ނަމަވެސް، އެގޮތަށް މޮނިޓާ ކުރަނީ ވަކި ހިސާބަކަށެވެ.
"އެމްއެފްޑީއޭގެ ޒިންމާގެ ދަށުން މި ވަގުތު ކުރެވޭ މަސައްކަތަކީ ފުޅީގައި ބޯފެން ބަންދުކުރާ ފަރާތްތައް އޮޑިޓުކޮށް، ކޮމްޕްލެއަންސް ދޫކުރުމެވެ. މި އޮޑިޓްތަކުގައި ފެންފުޅިތައް އުފުލުމާއި ރައްކާކޮށް ގުދަން ކުރުމުގައި އަމަލުކުރާ ގޮތް ބަލައި މޮނިޓާ ކުރުމެވެ. މިގޮތަށް މޮނިޓާ ކުރެވެނީ ފެން އުފައްދާ ފަރާތްތަކުން ގަންނަ ފަރާތާއި ހަވާލުކުރާ ހިސާބަށެވެ." އެ އިދާރާއިން ދިން ޖަވާބުގައި ވެ އެވެ. 
ޕްލާސްޓިކް ފުޅި، އަވީގައި ގިނައިރު ވަންދެން ބެހެއްޓުމަށްފަހު ބޭނުންކުރާތީ ކަންބޮޑުވުން ފާޅުކޮށް، މީހަކު އެކްސްގައި ކުރި ޕޯސްޓެއް. ރާއްޖޭގައި ކެންސަރު ގިނަވިއަސް، އެކަން ސީދާ ދިމާވާ ސަބަބެއް އަދި ނޭނގޭ.
އެމްއެފްޑީއޭއިން ބުނީ ރޫޓިން ކަމެއްގެ ގޮތުގައި ފިހާރަތަކުގައި ކާބޯތަކެތި ރައްކާކުރާ ގޮތް މި ވަގުތު ނުބަލާ ކަމަށެވެ. ނަމަވެސް، ޝަކުވާއެއް ހުށަހަޅައިފި ނަމަ އެކަން ބަލައި، ރައްކާތެރިގޮތުގައި ކާބޯތަކެތި ރައްކާކުރަން އެ ފަރާތްތަކަށް އިރުޝާދުދީ، އެގޮތަށް އެކަން ނުކުރުމަށް މިހާރު ވެސް އަންގާ ކަމަށް ބުންޏެވެ. 
އަވީގައި ފެން ބަހައްޓައިގެން ވިއްކުމާ ގުޅޭގޮތުން ޝަކުވާ ހުށަހަޅައިފި ނަމަ އެ ތަން އިންސްޕެކްޓުކޮށް އެގޮތަށް ފެން ކޭސް ނުބަހައްޓަން އިރުޝާދު ދޭ ކަމަށާއި އެ ވަގުތު އެކަން ރަނގަޅު ކުރިއަސް، ގިނަ ތަންތަނުން އަނެއްކާ ވެސް އެކަން ތަކުރާރުކުރާކަން އެމްއެފްޑީއޭއިން ފާހަގަކުރި އެވެ. 
އެހެންވެ، އެއީ ހަމައެކަނި ނަސޭހަތަކުން ނުވަތަ އިރުޝާދަކުން ފަރުޖައްސާލެވޭނެ ކަމެއް ނޫންކަން ސާފެވެ. އެ އަށް ވުރެ، ހަރުކަށި ފިޔަވަޅުތައް އަޅަންޖެހޭކަން ސާފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ