ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގެ ގުރު ނަގައިފި، ރާއްޖޭގެ ފުރަތަމަ މެޗު އަފްޣާނިސްތާނާ ދެކޮޅަށް
ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ގުރު ނަގައިފިއެވެ. ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ގުރު ނެގިއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ. މި މުބާރާތުގައި ވާދަކުރަނީ ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އަފްޣާނިސްތާން އަދި ޕާކިސްތާނެވެ. ގުރު ނެގުމުގެ ރަސްމިއްޔާތުގައި ގައުމީ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީއާއި އެފްއޭއެމްގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއިރު، ގުރު ނަންގަވައިދެއްވީ ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުޙައްމަދާއި ކުރީގެ ތަރި މުޙައްމަދު އުމެއިރުއެވެ. މުބާރާތް ތާވަލުކޮށްފައި ވަނީ ޖޫން މަހުގެ އެކަކުން 10 އަށް މާލޭގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޕާކިސްތާނާއި ބަންގްލަދޭޝްއެވެ. ރާއްޖެއާއި އަފްޣާނިސްތާން ބައްދަލުކުރާނީ ދެވަނަ މެޗުގައެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ކުޅޭ މެޗުގެ ކުރިންނެވެ. މިއީ ފާއިތުވީ ނުވަ އަހަރު ތެރޭގައި ރާއްޖެއާއި އަފްޣާނިސްތާން ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މި ދެ ގައުމު އެންމެ ފަހުން ވާދަކުރީ 2017 ވަނަ އަހަރު ދުބާއީގައި އޮތް އެކުވެރިކަމުގެ މެޗެއްގައެވެ. އަދި އަފްޣާނިސްތާނުން އެންމެ ފަހުން ރާއްޖޭގައި މެޗެއް ކުޅުނީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައެވެ. އެ ފަހަރު މާލޭގައި ކުޅުނު މެޗުން ރާއްޖެ އަތުން އަފްޣާނިސްތާން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ