އަންހެން ޗެމްޕިއަންސް ލީގު ބާސެލޯނާ ކާމިޔާބު ކޮށްފި

އަންހެނުންގެ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ބާސެލޯނާ ކާމިޔާބު ކޮށްފި އެވެ.
އެންމެ ފަހުގެ ރަނަރަބް ޓީމު ހަތަރު ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރީ ފްރާންސްގެ ލިއޯން 4-0އިން ބަލިކޮށްގެންނެވެ. ލަނޑު ޖެހީ އެވާ ޕަޖޯ އާއި ސަލްމާ ޕަރަޔުއެލޯ އެވެ.
ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ލަނޑު ޖަހަން ލިއޯންއިން ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ. އެކަމަކު އެވާ އަށް ލިބުނު ހުސް ދެ ފުރުސަތު ބޭނުން ނުކުރެވުނަސް ފަހު ހާފުގައި އޭނާ ވަނީ 56 ވަނަ މިނިޓާއި 76 ވަނަ މިނިޓްގައި ދެ ގޯލުގެ ލީޑެއް ހޯދައިދީފަ އެވެ. އަދި ސަލްމާ ދެ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ.
ލިއޯން އަކީ އަށް ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވާ އެންމެ ކާމިޔާބު ޓީމެވެ.
މެޗަށް ފަހު ބާސެލޯނާގެ ކެޕްޓަން އެލެޒިއާ ޕުޓެޔާސް ބުނީ މިއީ ވަރަށް ފުރިހަމަ ކާމިޔާބީ އެއް ކަމަށެވެ.
"އަހަރުމެން މިވަނީ މި ސީޒަނުގެ ހަތަރު ތަށި ވެސް ކާމިޔާބު ކޮށްފައި. މިއީ ވަރަށް ބޮޑު ކާމިޔާބީ އެއް. ސަބަބަކީ ހުސްވި ސީޒަނުގެ ޗެމްޕިއަންސް ލީގު ތަށި އަހަރުމެންނަށް ފައިނަލް މެޗުން ބަލިވެގެން ގެއްލިފައިވާތީވެ. ހުރިހާ ކުޅުންތެރިން ވެސް މި މެޗަށް ނުކުތީ އަލުން ތަށި ހޯދުމުގެ އަޒުމުގައި،" ޕުޓެޔާސް ބުންޏެވެ.
މެޗަށް ފަހު ބާސެލޯނާގެ ގޯލް ކީޕަރު ކަޓަ ކޯލް ބުނީ ފައިސާ އަކީ ހުރިހާ އެއްޗެއް ނޫން ކަމަށެވެ. އޭނާ އިޝާރާތް ކުރީ ބޮޑު މުސާރަ އަށް އެހެން ކުލަބުތަކުން ލިބުނު ފުރުސަތު ދޫކޮށްލުމަށްފަހު ބާސެލޯނާގައި މަޑުކުރަން އޭނާ ނިންމި ނިންމުމަށް އިޝާރާތް ކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ