ހުޅުމާލޭގައި ކޮވިޑް ފެސިލިޓީއަކަށް ބޭނުން ކުރި އިމާރާތް ޖަލުގެ ޔުނިޓަކަށް

ހުޅުމާލޭގެ ފޭސް 1 ގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް މީގެ ކުރިން ބޭނުންކުރި އިމާރާތް، ހުޅުމާލެ ޖަލުގެ އައު ޔުނިޓެއްގެ ގޮތުގައި ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމާލޭގައި އަލަށް އިމާރާތްކުރި ކްރިމިނަލް ކޯޓާ އިންވެގެން ހުރި މި އިމާރާތަކީ ހުޅުމާލެ ޖަލުގެ 6 ވަނަ ޔުނިޓެވެ. މި ޔުނިޓުގެ މަސައްކަތްތައް ފަށާފައިވަނީ 16 މީހުންގެ ޖާގައިގެ އެއް ސެލް ބްލޮކާއެކުގައެވެ. ނަމަވެސް، މުޅި އިމާރާތުގެ މަސައްކަތް އެއްކޮށް ނިމުމުން ޖުމްލަ 140 ގައިދީންނަށް އެތަނުގައި ތިބެވޭނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތުދެއެވެ.
ހުޅުމާލެ ޖަލުގެ ޑިރެކްޓަރު އަދި ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަހުމަދު ޖާދުﷲ ވިދާޅުވި ގޮތުގައި، މި ބަދަލަކީ މާލޭ ޖަލު ބަންދުކުރުމާ ގުޅިގެން ޖަލުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އަދި އިމާރާތުގެ ބާކީ ހުރި ބައިތައް ނިންމައި، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެތަން ފުރިހަމައަށް ބޭނުންކުރަން ފެށޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އައު ޔުނިޓާ ގުޅޭގޮތުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަރ ވިދާޅުވީ، އެތަނުގެ ކޮންމެ ޔުނިޓެއްގައި ފަސް ސެލް ބްލޮކް ހުންނާނެ ކަމަށެވެ. އަދި ގައިދީން ބައިތިއްބާ ކޮޓަރިތަކަކީ އޭސީކޮށް، ފެންވަރު ރަނގަޅުކޮށް ހަދާފައިވާ ތަންތަންކަން ފާހަގަކުރެއްވިއެވެ.
މިތަނުގައި މައިގަނޑު ގޮތެއްގައި ބައިތިއްބާނީ މާލެ ސަރަހައްދުގައި އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ގައިދީންނާއި، ބޭސްފަރުވާއަށް މާލެ ގެންނަ ގައިދީންނެވެ.
މި އިމާރާތުގެ މަރާމާތު މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ކަރެކްޝަންސްގެ އޮފިސަރުންނާއި ގައިދީން ގުޅިގެންނެވެ.
ކުރިން ޓްރާންސިޓް ޖަލެއްގެ ގޮތުގައި ބޭނުންކުރި މާލޭ ޖަލު ބަންދުކުރަން ޖެހުނީ، އެތަނާ އިންވެގެން ހުރި ދަރުމަވަންތަ ސްކޫލުގެ މަލްޓި ޕާޕަސް ހޯލް އެޅުމަށް ޖަލުގެ ބައެއް ބޭނުންވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ