ޝަމްއާންގެ މައްޗަށް ތިން ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައިފި

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާ ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ކަނޑައަޅައިފި އެވެ. 
ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ޝަމްއާންގެ މައްޗަށް ދައުލަތުން ކުރާ ތިން ދައުވާ ވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައިވާތީ، މިހާރު ކުރިއަށް ދަނީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. 
ޝަމްއާންގެ މައްޗަށް ކަނޑައަޅާނެ އަދަބެއް ގާޒީ ނިންމަވާނީ، ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު އެވެ. 
ޝަމްއާންގެ މައްޗަށް ސާބިތުވެފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ. 
ޝަމްއާންގެ މައްޗަށް އިއްވި ހުކުމްގައި ބުނި ގޮތުގައި ދައުލަތުން ހުށަހެޅި ހެކިތަކުން ބިދޭސީއެއެއްގެ އަތުން ފޭރިގަތް ކަމާއި އެ ފޭރުމުގައި ޝަމްއާން ބައިވެރިވެފައިވާ ކަން އެނގެ އެވެ. އަދި އޭނާގެ ރަސްމީ ހައިސިއްޔަތު ނުނިޔަތެއްގައި ބޭނުންކޮށްފައިވާ ކަން ސާބިތުވާ ކަމަށެވެ. 
އެ ބިދޭސީ މީހާ އަތުލައިގަނެ އަދި އޭނާ ދޫކޮށްލުމުގައި ޝަމްއާން އަމަލުކޮށްފައިވަނީ ވަކި މީހަކަށް ނާޖައިޒު ފައިދާ ލިބޭ ގޮތަށް ކަން ހުކުމްގައިވެ އެވެ. ހުކުމްގައި ބުނީ ބިދޭސީ މީހާގެ އަތުން ފޭރިގަނެގެން، ކުށްކޮށްގެން ހޯދި ފައިސާ ޝަމްއާން ބަލައިގަނެ، އޭނާގެ އަތުގައި ބަހައްޓާފައިވާ ކަމަށެވެ. 
އަދި އެއީ ކުށްކޮށްގެން ހޯދި ފައިސާކަން އެނގިހުރެ އެ ފައިސާ ޝަމްއާން ބޭނުންކޮށްފައިވާ ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކުމްގައިވެ އެވެ. 
The most trusted news source in the Maldives
ދައުލަތުން ތުހުމަތު ކުރާ ގޮތުގައި ބިދޭސީއެއް ހިފެހެއްޓިއިރު އޭނާގެ އަތުން އަތުލި 500،000ރ. ޝަމްއާން ފޭރިގަނެ އޭގެ ތެރެއިން 400،000ރ. އޭނާގެ އަތުގައި ބަހައްޓާފައިވެ އެވެ. އަދި ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46 ރުފިޔާ އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަމްއާނަށް ކުރި ދައުވާގައި ބުނެފައިވެ އެވެ. 
ޝަމްއާންއަށް ކުރާ ދައުވާގައި ބުނަނީ ހިފެހެއްޓި ބިދޭސީންގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަމަށެވެ.
ޝަމްއާން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށާއި ޝަމްއާންގެ އަތުގައި ބެހެއްޓި ޖުމްލަ 400،000 ރުފިޔާގެ ބާކީއަށްވާ 150،000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުވާފައި އެދިފައި ވެ އެވެ.
ބިދޭސީމީހާގެ އަތުން ފޭރުނު ކަމަށް ބުނާ ފައިސާއަށްވާ ބަދަލު ނަގައިދިނުމަށް ވެސް ދައުލަތުން އެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ