ރިސޯޓްތަކުގެ ވެރިން ރާއްޖޭގައި ފައިސާ ނުބެހެއްޓުން ބޮޑު މައްސަލައެއްގެ ގޮތުގައި ގަވަރުނަރު ފާހަގަކުރައްވައިފި

ރާއްޖެ އަށް ވަންނަ ބޭރު ފައިސާ ރިސޯޓްތަކުގެ ވެރިން ރާއްޖޭގައި ނުބަހައްޓާ މައްސަލަ، ބޮޑު މައްސަލައެއްގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަބްދުﷲ ޖިހާދު ފާހަގަކުރައްވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ޖިހާދު ވިދާޅުވީ ރާއްޖެ އަށް ވަންނަ ބޭރު ފައިސާ ރާއްޖޭގައި ބަހައްޓާ ނަމަ، ރާއްޖޭގެ ނޭޝަނަލް ރިޒާވް މިހާރަށްވުރެ މަތިކުރެވޭނެ ކަމަށާއި ބޭންކްތަކުގެ ލެންޑިން އިންޓަރެސްޓް ރޭޓް ދަށްކުރުމަށް ވެސް އެހީވެދޭނެ ކަމަށެވެ.
"ރިސޯޓްތަކުގެ އޯނަރުން ވެސް އަޅުގަނޑަށް ކަނޑައެޅިގެން ދަންނަވަން އެނގޭ. ބައެއް ބޭފުޅުން ހަމަ ރާއްޖޭގައި (ފައިސާ) ނުބަހައްޓާކަން. ފައިސާ ބަހައްޓަނީ ރާއްޖެ އިން ބޭރުގައި. އެ ފައިސާ ރާއްޖޭގައި ބަހައްޓާ ނަމަ އަަޅުގަނޑުމެންގެ އިންޓަރެސްޓް ރޭޓް ހަގީގަތުގައި ކުޑަކުރަވޭނެ. ކޮސްޓް އޮފް ފަންޑްސް ކުޑަވާނެ. ރާއްޖޭގައި އެހާ ގިނަ ރިސޯޓްތައް އޮތް ގައުމަކަށްވާ އިރު، ރާއްޖޭގެ ރިޒާވުގައި ހުރީ ކުޑަކުޑަ އެއްޗެއް،" ޖިހާދު ވިދާޅުވި އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި ރާއްޖޭގެ ރިޒާވުގައި ހުރީ ތިން މަސް ދުވަހުގެ އިމްޕޯޓްސް އަށް ބޭނުންވާ އަދަދުގެ ފައިސާ ކަމަށާއި އެއީ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ކަމަށެވެ.
ރިސޯޓްތައް ހިންގާ ފަރާތްތަކުން ރާއްޖޭގައި ފައިސާ ނުބަހައްޓަނީ، ގިނަ ރިސޯޓްތަކަކީ ބޭރު މީހުން ހިންގާ ރިސޯޓްތަކަށްވާތީތޯ ދެންނެވުމުން ޖިހާދު ވިދާޅުވީ އެހެން ނޫން ކަމަށާއި ރާއްޖޭގެ 100 ޕަސެންޓް މިލްކުވެރިކަން އޮންނަ ފަރާތްތަކުން ވެސް ރާއްޖޭގައި ފައިސާ ނުބަހައްޓާ ކަމަށެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި އެއީ ކުރެވޭނެ ކަމެއް ނޫން. އެ ތަނެއްގެ ރައްޔިތުން ބޭރު ގައުމެއްގައި އެކައުންޓް ހުޅުވާފައި ހުންނަ ކަމަށްވާ ނަމަ، އެ އެކައުންޓްތަކުގެ ތަފުސީލު، އެ ތަނެއްގެ ސެންޓްރަލް ބޭންކަށް ދޭން ޖެހޭނެ."
ގަވަރުނަރު ވިދާޅުވި ގޮތުގައި ރިސޯޓްތަކުގެ ވެރިން ރާއްޖޭގައި ފައިސާ ނުބަހައްޓާނީ ދެ ސަބަބަކާހުރެ އެވެ؛ އެއް ސަބަބަކަށް ވާނީ ރާއްޖެ އިން ބޭރުގައި ފައިސާ ބެހެއްޓުމުން އެ ފަރާތްތަކަށް ލިބޭ ފައިދާ ބޮޑުވުމެވެ. އަނެއް ސަބަބަކަށް ވާނީ ރާއްޖޭގެ ފައިނޭޝަލް ސެކްޓަރަށް އެ މީހުންގެ އިތުބާރު ނެތުމެވެ.
"އެހެން ވަނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ބޭފުޅުންނަށް ލިބޭ ބެނެފިޓް ބޭރު ގައުމުތަކުގައި ބޮޑީ. އަނެއް ގޮތަކީ ރާއްޖޭގެ ފައިނޭޝަލް ސެކްޓަރަށް އެ މީހުންގެ އިތުބާރު ނެތީ. އެތަނުން ވަކި ގޮތެއް އަޅުގަނޑު ދަންނަވާކަށް ބޭނުމެއް ނެތް."
ގަވަރުނަރު ވިދާޅުވީ ރާއްޖެ އިން ބޭރުގައި އެކައުންޓް ހުޅުވާފައިވާ ފަރާތްތަކުގެ މައުލޫމާތު ހޯއްދަވައި އެކަން ރެގިއުލޭޓް ކުރެވޭނެ ގޮތަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ.
"އެކަމަކު އޭގެ މާނައަކީ އަޅުގަނޑުމެން އެ ފައިސާތައް ހިފަހައްޓަނީއެއް ނޫން. އެކަމަކު މޮނިޓާ ކުރެވޭނެ ގޮތެއް އެބަ ޖެހޭ ބަލަން."
ހަވީރަށް ދެއްވި ހާއްސަ އިންޓަވިއުގައި ޖިހާދު ވިދާޅުވީ ބޭންކްތަކުން ނަގާ އިންޓަރެސް ރޭޓާއި ބޭންކްތަކުގެ އެ ނޫން ޗާޖުތައް ވެސް ހުރީ ގަބޫލުކުރެވޭ ވަރަށް ވުރެ ބޮޑުކޮށް ކަމަށާއި އެ އަދަދު ކުޑަކުރުމަށް ބޭންކްތަކާ ވާހަކަ ދެއްކެވުމަށް ނިންމަވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ބޭންކްތަކުން ނަގާ އިންޓަރެސްޓް ރޭޓްތަކަކީ ބޮޑު ރޭޓްތަކެއް. ދުނިޔޭގެ އިންޓަރެސްޓް ދަށަށް ދަނީ. އެކަމަކު މިތަނުގެ އިންޓަރެސްޓް ރޭޓް ދަށަކަށް ނުދޭ. ވިހި ޕަސެންޓުން ދަށުގެ ބޭނުން ރޭޓެއް ޗާޖްކުރެވޭ ގޮތަށް މި އޮންނަނީ. އެބައި ރެގިއުލޭޓް ކުރެވޭތޯ މި ބަލަނީ." ޖިހާދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ