އަންނަ މަހު 6 ގައި މޯލްޑިވިއަން ލަންކާ އަށް އުދުހެން ފަށަނީ

މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދެވަނަ މަންޒިލެއްގެ ގޮތުގައި ސްރީލަންކާގެ ކޮލަމްބޯ އަށް އަންނަ މަހުގެ ހަ ވަނަ ދުވަހު ދަތުރުތައް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
މޯލްޑިވިއަންގެ ދަތުރުތައް ކޮލަމްބޯ އަށް ފެށުން އިއުލާނުކޮށްދެއްވީ ކަލާފާނު ސްކޫލްގައި ރޭ ބޭއްވި އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ 2008 ވަނަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމެވެ.
މި އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހު ބައިނަލްއަގުވާމީ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ޓްރިވެންޑްރަމަށް އުދުހެންފެށި މޯލްޑިވިއަނުން ބުނީ، މާލެ އާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ. އެ އެއާލައިނުން ބުނީ ބުދަ އަދި ހުކުރު ފިޔަވައި އެހެން ހުރިހާ ދުވަހެއްގައި ވެސް މާލެ އާއި ކޮލަމްބޯއާ ދެމެދު އުދުހޭނެ ކަމަށެވެ. ކޮލަމްބޯ އަށް ކުރާ ދަތުރުތަކުގައި މާލެއިން ފުރުމަށް ހަމަޖައްސައިފައި ވަނީ އިރުއޮއްސި 00: 6 ގަ އެވެ. ކޮލަމްބޯ އިން މާލެ އައުމަށް ފުރަން ހަމަޖައްސައިފައި ވަނީ އެތަނުގެ ގަޑިން 15: 21 ގަ އެވެ.
"އަޅުގަނޑުމެން ޓްރިވެންޑްރަމަށް ދަތުރުތައް ފެށީ ހަފުތާއަކު ހަތް ފްލައިޓުން، މިހާރު ހަފުތާއަކު 14 ފްލައިޓް އެބަބާއްވަން. އަޅުގަނޑުމެންގެ އުންމީދަކީ ކޮޅުނބަށް ކުރާ ދަތުރުތައް ވެސް ކަސްޓަމަރުންގެ އެއްބާރުލުމާ އެކު ކާމިޔާބުވުން،" ބަންދު ވިދާޅުވި އެވެ.
މޯލްޑިވިއަނުން ބުނީ ޑޭޝް- 8ގެ ބޯޓުފަހަރުގައި 40: 1 މިނިޓުން މާލެ އިން ކޮލަމްބޯ އަށް ދިއުމަށް ދެކޮޅު ޓިކެޓަށް ނަގަނީ 240 އެމެރިކާ ޑޮލަރު ( 3،084ރ.) ކަމަށެވެ. އެއީ މިހާރު އެއް ގަޑިއިރުތެރޭގައި މާލެ އާއި ކޮލަމްބޯއާ ދެމެދު ދަތުރުކުރާ ބައިނަލްއަގުވާމީ އެއާލައިންތަކުން ދެކޮޅު ޓިކެޓަށް ނަގާ އަގަށްވުރެ ގާތްގަނޑަކަށް 50 ޑޮލަރު ހެޔޮ އަގެކެވެ.
ރާއްޖޭގެ ސަރަހައްދީ އެއާޕޯޓުތަކުން ކަނެކްޝަން ފްލައިޓް ލިބޭގޮތަށް ވެސް ދެކޮޅު ޓިކެޓްގެ އަގުތައް މޯލްޑިވިއަނުން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި ގަން/ކޮލަމްބޯ/ގަން ދެކޮޅު ޓިކެޓަކަށް ނަގާނީ 410 ޑޮލަރު ( 5،268.5ރ.) އެވެ. ކާޑެއްދޫ/ކޮލަމްބޯ/ކާޑެއްދޫ ދެކޮޅު ޓިކެޓެއް 398 ޑޮލަރު ( 5،114.3ރ.) އަށް ވިއްކަން ހަމަޖައްސާފައިވާއިރު ކައްދޫ/ކޮލަމްބޯ/ކައްދޫ އަދި ހަނިމާދޫ/ކޮލަމްބޯ/ހަނިމާދޫ ދެކޮޅު ޓިކެޓެއް ވިއްކަން ހަމަޖައްސާފައި ވަނީ 370 ޑޮލަރު ( 4،750.5ރ.) އަށެވެ.
މޯލްޑިވިއަނުން ބުނީ 50 މީހުންގެ ޖާގައިގެ ބޯޓުފަހަރުގައި ކުރާ ދަތުރުތަކުގައި މާލެ/ކޮލަމްބޯ/މާލެ އަށް ސުޕަ އިކޮނަމީގެ ނަމުގައި 255 ޑޮލަރު ( 3،276.75ރ.) އަށް ވެސް ޓިކެޓް ވިއްކާނެ ކަމަށެވެ. އެ އަގަށް ގަންނަ ޓިކެޓުން ލިބޭ އިތުރު އިނާޔަތަކީ ބިޒްނަސް ލައުންޖްގެ ހިދުމަތެވެ.
"މިހާރު ވެސް ކޮލަމްބޯ އާއި މާލެ އާ ދެމެދު އެހެން ފްލައިޓްތަކުން ލިބޭ ފެންވަރުގެ ކެއުމެއް އައިލެންޑް އޭވިއޭޝަނުން ވެސް ދޭނެ. އަދި ސުޕަ އިކޮނަމީ ޓިކެޓް ގަންނަ ފަރާތްތަކަށް ބިޒްނަސް ލައުންޖުގެ ހިދުމަތް ލިބޭނެ،" އައިއޭއެސްގެ ކޮމާޝަލް ޑިރެކްޓަރު އަހުމަދު ޒުހެއިރު ވިދާޅުވި އެވެ.
މޯލްޑިވިއަނުން ބުނިގޮތުގައި ކޮލަމްބޯ އަށް ދަތުރުތައް ފެށުމުގެ ހުރިހާ ހުއްދަތަކެއް މިހާރު ލިބިފައިވާއިރު ކޮލަމްބޯގައި ޓިކެޓް އޮފީހަކާއި ޖެނެރަލް ސޭލްސް އެޖެންޓެއްގެ ގޮތުގައި ލަންކާގެ ހެމާސް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑް ވަނީ އައްޔަންކޮށްފަ އެވެ. އަދި ރާއްޖޭގެ ކުންފުންޏެއް މެދުވެރިކޮށް ޗުއްޓީ ޕެކޭޖުތަކެއް ވިއްކަން ފެށުމަށް ވެސް މޯލްޑިވިއަނުން ވަނީ ހަމަޖައްސައިފަ އެވެ.
އައިއޭއެސް އިން ރޭގައި ކަލާފާނު ސްކޫލްގައި ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ހިންގާފައިވާ ކޯސްތަކުންނާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ހިންގާފައިވާ ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަކޮށް، ފާހަގަކުރެވޭ ކާމިޔާބު ހޯދައިފައިވާ 52 މުވައްޒަފަކަށް ހާއްސަ އެވޯޑު ހަވާލުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ