ހައުސިން ފަންޑަށް ފައިސާ ހޯދުމަށް ރިސޯޓު ތަރައްގީކުރާ ހަތަރު ރަށެއް ބީލަމަށްލައިފި

ގެދޮރު އެޅުމުގެ ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ގާއިމުކުރާ ހައުސިން ފަންޑަށް އެންމެ ގިނަ ފައިސާ ދޭން އެއްބަސްވާ ފަރާތްތަކަށް ބީލަން ކާމިޔާބުވާ ގޮތަށް ހަތަރު ފަޅު ރަށް ބުރާސްފަތި ދުވަހު ބީލަމަށް ލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިކަމަށް ހޮވާފައިވާ ހަތަރު ރަށް ކަމަށްވާ، ނ. އަތޮޅު ފުށިވެލާވަރާއި ހުއިވަންޏާއި، ރާފުށި އަދި ރ. ދިގަލީގެ ބީލަން ފޮތް ބުރާސްފަތި ދުވަހުން ފެށިގެން ޖޫން 13 އާ ހަމައަށް މިނިސްޓްރީން ވިއްކަމުން ގެންދާނެ އެވެ. ބީލަން ފޮތެއް ވިއްކަން ހަމަޖައްސާފައި ވަނީ ދިވެހި ފަރާތްތަކަށް 2،000ރ. އަށް އަދި ބޭރުގެ ފަރާތްތަކަށް 300 އެމެރިކާ ޑޮލަރަށެވެ. މި ރަށްތަކުގެ ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބައިލައްކަ ޑޮލަރުގެ ބިޑު ސެކިޔުރިޓީއެއް ހުށަހަޅަން ޖެހެ އެވެ.
މި ރަށްތަކުގެ ބިޑިން ޑޮކިޔުމަންޓުގައި ބުނެފައިވާ ގޮތުގައި ކޮންމެ ރަށެއްގައި ވެސް 200 އެނދުގެ ރިސޯޓެއް ތަރައްގީކުރުމަށް ރަށްތައް ދޫކުރުމަށް ހަމަޖައްސާފައި ވަނީ ކުލި ކޮންޓްރޯލް ކޮށްގެންނެވެ. މިގޮތުން ކަނޑައަޅާފައި ވަނީ، ފުރަތަމަ އަހަރަކު އެނދަކަށް 2،500 ޑޮލަރުން ފެށިގެން ކޮންމެ އަހަރަކު ބޮޑުވަމުންދާ ގޮތަށެވެ. ދިހަ ވަނަ އަހަރުގެ ކުއްޔަކީ އެނދަކަށް އަހަރަކު 2،988 ޑޮލަރެވެ. ބިޑިން ޑޮކިޔުމަންޓުގައި ބުނެފައިވާ ގޮތުގައި ކުލި ދިހަ އަހަރަށް ހަމަޖައްސާފައިވި ނަމަވެސް ގާނޫނުގެ އަންނަ ބަދަލަކާ އެއްގޮތަށް ކުއްޔަށް ވެސް އެ ބަދަލެއް ގެނެވޭނެ އެވެ.
ބިޑިން ޑޮކިޔުމަންޓުގައި ބުނެފައިވާ ގޮތުގައި މި ބީލަމުގައި މާކްސް ދިނުމަށް ހަމަޖައްސާފައި ވަނީ ލީޒް އެކިޔުޒިޝަން ކޯސްޓް (މިލްކުވެރިކަމުގެ އަގުގެ ގޮތުގައި) ގެ ގޮތުގައި ދައްކަން ހުށަހަޅާ އަދަދަށް އެކަންޏެވެ. އެކިޔުޒިޝަން ކޮސްޓަށް 100 މާކްސް ދިނުމަށް ހަމަޖައްސާފައިވެ އެވެ. އެކިޔުޒިޝަން ކޯސްޓުގެ ގޮތުގައި އަނބުރާ ނުލިބޭ ގޮތަށް ނަގާ އަދަދު ޖަމާކުރަން ހަމަޖައްސާފައި ވަނީ ހައުސިން ފަންޑަށެވެ. ބިޑިން ޑޮކިޔުމަންޓުގައި ބުނެފައިވާ ގޮތުގައި ބީލަން ކާމިޔާބުވިކަން އަންގާތާ 14 ދުވަހުގެ ތެރޭގައި، އެގްރިމެންޓުގައި ސޮއިކުރުމުގެ ކުރިން އެކިޔުޒިޝަން ކޯސްޓުގެ ގޮތުގައި ހުށަހަޅާ އަދަދު ސަރުކާރަށް ދައްކަން ޖެހެ އެވެ.
ބިޑިން ޑޮކިޔުމަންޓުގައި ބުނެފައިވާ ގޮތުގައި އެގްރިމެންޓުގައި ސޮއިކުރާތާ 18 މަސް ދުވަސް ހަމަވުމުން ރަށުގެ ކުލި ދައްކަން ފަށަން ޖެހޭނެ އެވެ. އަދި އިމާރާތް ކުރުމަށް ގިނަވަގެން 36 މަސް ދުވަހުގެ މުއްދަތެއް ދެވޭނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި ރަށްތަކުގެ ބްރީބިޑް މީޓީން މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާއިރު ބީލަން ހުޅުވަން ހަމަޖައްސާފައި ވަނީ ޖޫން 14 ވަނަ ދުވަހުގެ ދުވަހު އެވެ. މި ދެ ކަންތައް ބާއްވާނެ ތަނެއް އަދި ކަނޑައެއް ނާޅަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ހައުސިން ފަންޑަށް ފައިސާ ހޯދުމަށް ޖުމްލަ އަށް ރަށެއް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. މި އަހަރު ދޫކުރަން ހަމަޖައްސާފައިވަނީ އޭގެ ތެރެއިން ހަތަރު ރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ