ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުކަން އެންމެ އަޑުގަދަ ބޭފުޅުންނަށް

ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުކަން އެ ޕާޓީގެ އެންމެ އަޑުގަދަ އަދި މުޒާހަރާތަކުގެ ކުރީ ސަފުގައި ތިއްބަވާ ހަތަރު ބޭފުޅުން ހޯއްދަވައިފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީގެ ތިން ވަނަ ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސް ބުރާސްފަތި ދުވަހުގެ ހެނދުނު ނިމުނުއިރު އެ ޕާޓީގެ އެންމެ އިސް ދެވަނަ މަގާމު ކަމަށްވާ ޑެޕިއުޓީ ލީޑަރުކަން ލިބިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ އއ. ތޮއްޑޫ ދާއިރާގެ މެމްބަރު ޒުވާން އަލީ ވަހީދާއި ޕާޓީގެ ތަރުޖަމާން އިބްރާހިމް ޝަރީފު (އައްޑޫ ޝަރީފު) އާއި ރައްޔިތުންގެ މަޖިލީހުގެ ގއ. ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އައިޑީޕީގެ ކުރީގެ ރައީސް އުމަރު ނަސީރެވެ. އެބޭފުޅުން ވާދަކުރައްވާފައިވަނީ ޑރ. އަބްދުﷲ މައުސޫމާއި ޑރ. ފާތިން ހަމީދާއި ޑރ. އަފްރާޝީމް އަލީ ފަދަ ބޭފުޅުންނާ އެވެ.
ޑީއާރުޕީގެ ކޮންގްރެސްގައި ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމަށް ކުރިމަތިލެއްވި އަށް ބޭފުޅުންގެ ތެރެއިން އެންމެ ކުރި ހޯއްދަވާފައި ވަނީ އަލީ ވަހީދެވެ. އޭނާ އަށް 645 ވޯޓު ލިބިވަޑައިގަތެވެ. އެންމެ ތިން ވޯޓުގެ ތަފާތަކުން ދެވަނަ ލިބިވަޑައިގަތީ އައްޑޫ ޝަރީފަށެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 642 ވޯޓެވެ. ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމުގެ އިންތިހާބުގައި ތިންވަނަ ހޯއްދެވީ 593 ވޯޓާއެކު އިލްހާމެވެ. އަދި މިދިޔަ މަހުގެ 17 އިގައި ޑީއާރުޕީ އަށް ސޮއި ކުރެއްވި އުމަރު ނަސީރަށް ހަތަރު ވަނަ ލިބިވަޑައިގެން ޑެޕިއުޓީ ލީޑަރުގެ މަގާމު ކަށަވަރު ކުރެއްވީ 502 ވޯޓް ހޯއްދަވައިގެންނެވެ.
ޑެޕިއުޓީ ލީޑަރުންނަށް އިންތިހާބުވެ ވަޑައިގެންނެވި ހަތަރު ބޭފުޅުންގެ ތެރެއިން އަލީ ވަހީދާއި އައްޑޫ ޝަރީފު އަދި އިލްހާމް ފާހަގަ ކުރެވިފައި ވަނީ ކޮންގްރެސްގައި ވަރަށް ބޮޑަށް ޕާޓީގެ އާ ލީޑަރު އަހުމަދު ތަސްމީން އަލީގެ ފިކުރަށް ތާއީދު ކުރެއްވި ބޭފުޅުންގެ ގޮތުގަ އެވެ. އެހެން ނަމަވެސް އުމަރާއި އޭނާގެ ޓީމުގެ އެހެން ބޭފުޅުންގެ ވިސްނުން ވަރަށް ބޮޑަށް ތަފާތުކަން ފާހަގަ ކުރެވެ އެވެ.
ޑެޕިއުޓީ ލީޑަރުކަމަށް ކުރިމަތިލައްވައި ނާކާމިޔާބުވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ޕާޓީގެ އަމީން އާންމުގެ މަގާމުގައި ހުންނެވި ޑރ. މައުސޫމަށް ލިބިވަޑައިގަތީ 393 ވޯޓެވެ. ރައްޔިތުންގެ މަޖިލީހުގެ ރ. އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމަށް ލިބިވަޑައިގަތީ 288 ވޯޓެވެ. ޕާޓީގެ ރަޖިސްޓްރާގެ މަގާމުގައި ހުންނެވި ހޯރަފުށީ ސަލީމަށް 239 ވޯޓު ލިބިވަޑައިގެންނެވިއިރު އެންމެ ފުލަށް ދިޔައީ 210 ވޯޓާ އެކު ޕާޓީގެ ޒައީމް މައުމޫނަށް ބޮޑު ބޭބެ ވިދާޅުވާ ޑރ. ފާތިން ހަމީދެވެ.
ޑީއާރުޕީގެ އެންމެ އިސް ދެވަނަ މަގާމަށް ހަތަރު ބޭފުޅުން އިންތިހާބު ކުރުމަށް ފަހު ބުދަ ދުވަހުގެ ރޭ ވަނީ ކޮންގްރެސް އިން ޕާޓީގެ ކައުންސިލްގެ 10 މަގާމަކަށް ވެސް ބޭފުޅުން އިންތިހާބުކޮށްފަ އެވެ. އެގޮތުން ޕާޓީ ހިންގުމުގެ ކަންތައްތައް ނިންމާ ކައުންސިލްގެ މަގާމުތަކަށް އިންތިހާބުވީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަލޮޅު އުތުރު ދާއިރާއަށް ކުރިމަތިލައްވައި ނާކާމިޔާބުވެ ވަޑައިގެންނެވި އިސްމާއީލް ޝުޖާއު (ކާޓިއުންސް ޝުޖާއު) އާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ކުރީ ސަރުކާރުގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރާއި އިބްރާހިމް ޝުޖާއު އާއި ކުރީ ސަރުކާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޑރ. އިބްރާހިމް ހަސަން (ޗަބީ) އާއި ރައްޔިތުންގެ މަޖިލީހުގެ ށ. ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމާއި ކުރީގެ އަތޮޅުވެރިކަން ކުރެއްވި އަލީ ޝަރީފު މުހައްމަދާއި އެސްޓީއޯގެ ކުރީގެ ސީއީއޯ އަހުމަދު މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ހދ. ހަނިމާދޫ ދާއިރާގެ މެމްބަރު މުހައްމަދު މުޖުތާޒް އަދި ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމެވެ.
ކައުންސިލް މަގާމުގެ އިތުރުން ޕާޓީގެ އިސްތިއުނާފު ކޮމެޓީގެ މެމްބަރުކަމަށް ވެސް ވަނީ ތިން ބޭފުޅަކު އިންތިހާބުކޮށްފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ޅ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު މުހައްމަދާއި މުހައްމަދު ޝަފީގު އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު މެމްބަރު އަބްދުލް ޣަފޫރު މުހައްމަދެވެ.
އިސްތިއުނާފު ކޮމެޓީގެ ތިން މެމްބަރުންގެ އިތުރުން މެމްބަރުންގެ ކަންކަން ބަލަހައްޓާ ކޮމެޓީގެ މެމްބަރު ކަމަށް ވެސް ފަސް ބޭފުޅަކު އިންތިހާބު ކޮށްފައި ވެ އެވެ. އެއީ ޕާޓީގެ ޒައީމް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަދި ކުރީގެ މަޝްހޫރު ފުޓުބޯޅު ކުޅުންތެރިޔާ ޝާހު އިސްމާއީލާއި އަހުމަދު ޝަރީފު (އީގަލް ޝަރީފު) އާއި ކުރީގެ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ގދ. އަތޮޅު މެމްބަރު އަބްދުﷲ ލަތީފު އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޖެނެރަލް ސެކްރެޓަރީ އަދި ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަހުމަދު ނިޔާޒެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޮންގްރެސްގައި ވަނީ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ހާއްސަ މަސްލަހަތު ކުރިއެރުވުމުގެ ތިން ގޮތްޕެއް ވެސް އުފައްދައިފަ އެވެ. އެއީ މަސްވެރިންގެ ގޮތްޕާއި މުނިފޫހި ފިލުވުމާއި ކުޅިވަރު ގޮތްޕާއި ދީނީ ގޮތްޕާއި ވިޔަފާރި ގޮތްޕެވެ. އަދި އޭގެ ތެރެއިން ދެ ގޮތްޕެއް ވަނީ އިފުތިތާހު ކޮށްފަ އެވެ. އެގޮތުން މަސްވެރިންގެ ގޮފީގެ ރައީސަކަށް އިންތިހާބުވެ ވަޑައިގަތީ ޕާޓީގެ މީޑިއާ ކޯޑިނޭޓަރުގެ މަގާމުގައި ހުންނެވި އަލީ ސޯލިހެވެ. ނާއިބު ރައީސަކީ މޫސާ ފަތުހީ އާދަމެވެ. މުނިފޫހި ފިލުވުމާއި ކުޅިވަރު ގޮފީގެ ރައީސަކީ ހަސަން ޝުޖާއު އެވެ. އެ ގޮފީގެ ނާއިބު ރައީސަކީ ވީބީ ސްޕޯޓްސް ކްލަބުގެ ފޯވާޑް އަދި ގައުމީ ފުޓުބޯޅަ ޓީމުގެ ވެސް ފޯވާޑް އަސްއަދު އަލީ (އަޑުބަރޭ) އެވެ.
މި ދެ ގޮފީގެ ރައީސުން ވެސް އަސާސީ ގަވާއިދުގައިވާ ގޮތުން ކައުންސިލުގައި ހިމެނިވަޑައިގަންނަވަ އެވެ.
ނުވަ ސަތޭކައަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ ވަޑައިގެންނެވި ޑީއާރުޕީގެ ކޮންގްރެސް ބުދަ ދުވަހުގެ ރޭ ނިންމުމަށް ކުރިން ކަނޑައަޅާފައިވީ ނަމަވެސް ބައެއް އިންތިހާބުތަކުގެ ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންތައްތައް ވަރަށް ބޮޑަށް ލަސްވެ ކޮންގްރެސް ނިންމާނީ ބުރާސްފަތި ދުވަހު ވަރަށް ހެނދުނުގެ ވަގުތެއްގަ އެވެ. އަދި އެ އިންތިހާބުތަކުގެ ނަތީޖާ އިއުލާން ކުރަންދެން ރޭ ހަތަރު ދަމު ކޮންގްރެސްގެ މަންދޫބުން ތިބީ ހޭލައި ދަރުބާރުގޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ