ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތި ނައްތާނުލާތާ ގިނަ ދުވަސްތަކަކަށް ފަހު 15 ކިލޯ އަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނޫސްވެރިންގެ ހާޒިރުގައި މިއަދު ނައްތާލައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނިގޮތުގައި ކ. ދޫނިދޫގައި 15.874 ކިލޯގެ މަސްތުވާތަކެތި މިއަދު މެންދުރު އަންދާލާފައި ވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ތަކެތި ނައްތާލުމަށް ފުލުހުންގެ ގާނޫނުން ބާރު ލިބިގެން އަލަށް އެކުލަވާލާފައިވާ ކޮމިޓީއަކުންނެވެ.
ޝަރީއަތް ނިމިފައިވާ މައްސަލަތަކާ ގުޅޭ މަސްތުވާތަކެތި ނައްތާލުމަށް ކޯޓު އަމުރަކަށް އެދުމުން ޖިނާއީ ކޯޓުން އެ އަމުރު ނުނެރެދިން ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. ޖިނާއީ ކޯޓުން ބުނެފައި ވަނީ ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތި ނައްތާލުމަށް ކޯޓު އަމުރު ނެރެދެންޖެހޭ ކަމަށް އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ އެއްޗެތި ނައްތާލުމަށް އެކުލަވާލާފައިވާ ކޮމިޓީގެ ޗެއާޕާސަން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވިގޮތުގައި މިއަދު ނައްތާލާފައި ވަނީ މައިގަނޑު ދެ މައްސަލައެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެއްޗެވެ. އެއީ މިދިޔަ އަހަރުގެ މާޗު 27 ގައި ހ. ފަހާގޭގެ ކޮޓަރިއަކުން އަތުލައިގަތް 13.6 ކިލޯ އާއި ޕާކިސްތާނު މީހެއް ކަމަށްވާ އަޒުމަތު ޚާން ނޮވެމްބަރު ،15 2007 ގައި ރާއްޖެ އެތެރެ ކުރަނިކޮށް އަތުލައިގަތް 2.18 ކިލޯ އެވެ. މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބްރައުން ޝުގާގެ ބާވަތްތަކާއި އެއާ ގުޅުން ހުރި އާލާތްތައް ކަމަށް ވެސް ފުލުސް އޮފީހުން ބުންޏެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ނައްތާލާ ކޮމިޓީގައި އަށް މެމްބަރަކު ހިމެނެ އެވެ. އެއީ ޕޮލިސް ސާވިސް އާއި ޖުޑިޝަލް ސާވިސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރެ ކޮންމެ ތަނަކުން ދެ އޮފިޝަލުންނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ޖާނަލިސްޓްސް އެސޯސިއޭޝަންގެ ދެ މެމްބަރެކެވެ.
ފުލުސް އޮފީހުން ބުނީ ފުލުހުން އަތުލައިގަންނަ އެއްޗެތީގެ ތެރެއިން ނައްތާލަން ޖެހޭ ކޮންމެ އެއްޗެއް ނައްތާލާނީ މި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.
ފުލުހުންގެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން މަސްތުވާތަކެތި ނައްތާލަމުން ގެންދިޔައީ އޭރު އެ ކަމަށް ހާއްސަކޮށް އުފައްދާފައިވާ ކޮމިޓީއަކުންނެވެ.
ފުލުހުންގެ ގާނޫނުގެ ދަށުން ކޮމިޓީއެއް އެކުލަވާލައި 15 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ