ރައީސް އިންޑިޔާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު، އިންޑިޔާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހްގެ ދައުވަތަކަށް އިންޑިޔާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ. މިދަތުރުފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ދިއްލީގައި ބާއްވަވާ ޖަލްސާއެއްގައި ރައީސް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުންނާއި މިގުޅުން އިތުރު ދާއިރާތަކުގައި ބަދަހި ކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ސަރުކާރުން މިހާރު ހިންގަވާ ޕްރައިވަޓައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން ބިޑްކޮށްފައި ހުރި ކުންފުނިތަކާއި އަދި ސަރުކާރުން މިހާރު ވާހަކަދައްކަވަމުން ގެންދަވާ ކުންފުނިތަކާ އެކުގައި އިތުރަށް މަޝްވަރާ ކުރައްވާގޮތަށް ވެސް ވަނީ ހަމަޖެހިފައިވާ ކަމަށްވެ އެވެ.
ރައީސްގެ އަރިއަހުގައި ދިވެހި ސަރުކާރުގެ އިސް ވަފްދެއް ވެސް މިދަތުރުފުޅުގައި ބައިވެރިކުރައްވަ އެވެ. ރައީސްގެ މިދަތުރުފުޅުގައި ފުރާވަޑައިގަތީ މިދަތުރުފުޅަށް އިންޑިޔާ ސަރުކާރުން ހަމަޖައްސަވައި ދެއްވި ހާއްސަ މަތިންދާބޯޓެއްގަ އެވެ. މިދަތުރުފުޅުގެ ހުރިހާ ޚަރަދުތަކެއް ވެސް ހަމަޖައްސަވާދެއްވާފައި ވަނީ ވެސް އިންޑިޔާ ސަރުކާރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ