ރައީސް ނަޝީދު އދ ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވައިފި

އިސްލާހީ ބަދަލުތައް ގެނައުމުގައި ރާއްޖެ އަށް ބައިނަލްއަގުވާމީ އެހީތެރިކަން ލިބުނު ފަދައިން ޑިމޮކްރެސީއަކީ ރާއްޖޭގެ ދާއިމީ ސިފައަކަށް ހެދުމުގައި ވެސް ރާއްޖެ އަށް އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެ ގޮތުން ބައިނަލްއަގުވާމީ އެހީ މައިގަނޑު ތިން ދާއިރާއަކުން ރާއްޖެ އަށް ބޭނުންވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ. އެ މަނިިކުފާނު މިހެން ވިދާޅުވީ އދ ގެ އާއްމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ތަގުރީރު ކުރައްވަމުންނެވެ.
ނިއު ޔޯކްގައި މިހާރު ކުރިއަށް ދާ އދ ގެ 64 ވަނަ އާއްމު ބައްދަލުވުމުގައި ރޭ ފަތިހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގައި ޑިމޮކްރެސީ ބިނާ ކުރުމަށާއި ރަނގަޅު އިގްތިސާދީ މާހައުލެއް ގާއިމް ކުރުމަށާއި މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެ އަން ކުރިމަތިވަމުންދާ ނުރައްކާތަކުން ސަލާމަތް ވުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވެ އެވެ.
އެ މަނިކުފާނުގެ ތަގުރީރަކީ ޑިމޮކްރެޓިކް އުސޫލުން އިންތިހާބުވެވަޑައިގެންފައިވާ ދިވެހިރާއްޖޭގެ ރައީސަކު އދ ގެ އާއްމު މަޖިލީހުގައި ދެއްވާ ފުރަތަމަ ތަގުރީރުކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ހުންނަންވީ ސިފަތައް ދެނެގަނެ އެ ސިފަތައް ވަރުގަދަ ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަން އެބަ ޖެހޭ ކަމަށާއި ރާއްޖޭން އެ ކަން ކުރުމަށް ބައިނަލްއަގުވާމީ އެހީ ބޭނުންވާ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް އައިއެމްއެފް އާއި ވާލްޑް ބޭންކުގެ ލަފަ އާއި މަޝްވަރާގެ މަތިން ހާއްސަ ޕްރޮގްރާމްތަކެއް ސަރުކާރުން ހިންގަން ފަށާފައިވާ ކަމަށެވެ. އަދި އިގްތިސާދީ ދަތިތަކުން ސަލާމަތްވެ އަމިއްލަ ފައި މައްޗަށް ތެދުވުމުގައި ރާއްޖެއާ ރަހުމަތްތެރި ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ނުރައްކާތަކަށް ރައީސް ނަޝީދު ބައްލަވާލައްވަމުން އެ ނުރައްކާތަކުން ސަލާމަތް ވުމަށް ރާއްޖެ އަށް އެޅެން ހުރި ފިޔަވަޅުތައް އަޅަމުން ގެންދާ ކަން ފާހަގަ ކުރައްވައި، އެ ފިޔަވަޅުތަކަށް ވެސް ބައްލަވާލެއްވި އެވެ. އަދި މޫސުމީ ބަދަލުތަކުގެ އަސަރު ފޯރާ ރާއްޖެ ފަދަ ގައުމުތައް ހިމާޔަތް ކޮށްދެއްވުމަށް ދުނިޔޭގެ ލީޑަރުންނަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.
ބަރުމާގެ ވާދަވެރި ލީޑަރު އަންގް ސަން ސޫޗީ އެއްވެއް ޝަރުތަކާ ނުލާ އަވަހަށް ދޫކޮށްލުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ-މޫން ގޮވާލެއްވި ގޮވާލެއްވުމަށް ތާއީދު ކުރައްވާ، ރައީސް ނަޝީދު އެ ގޮވާލެއްވުން ތަކުރާރު ކުރެއްވި އެވެ. އަދި އެ މަނިކުފާނު ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ސޫޗީގެ ހިތްވަރާއި އަޒުމުން އެ މަނިކުފާނަށް ވަރަށް ބޮޑު ހިތްވަރުފުޅެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގައި ޑިމޮކްރެސީ ދުވަހެއް ފާހަގަ ކުރަން ފެށީ 30 އަހަރުގެ ޚުދުމުޚުތާރު ވެރިކަމެއް ބަދަލު ކޮށްގެން ކަމަށާއި މިއީ އދ ގެ ރަހުމަތްތެރި ގައުމުތަކުން ފަޚުރުވެރިވުން ހައްގު ކަމެއް ކަމަށެވެ.
ރައީސްގެ ތަގުރީރުގައި، ރަހުމަތްތެރި ކަމުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކާ ދެމެދު ހަގީގަތަށް ވާހަކަ ދެއްކުން ހިމެނޭ ކަމަށާއި ވާހަކަ ދެއްކުމާއި މަޝްވަރާއަކީ އެކަހެރި ކުރުމުގެ ބަދަލުގައި ސުލްހަ އަށް އޮތް މަގުމަކަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން އދ ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ އެއްގޮތްވާ ގޮތގަށް ފަލަސްތީނުގައި އަމިއްލަ މުސްތަގިއްލު ދައުލަތެއް އޮތުމަށް ރާއްޖެއިން ފުރިހަމަ އަށް ތާއީދު ކުރާ ކަމަށާއި މި މަގްސަދު ހާސިލް ކުރުމަށް އިޒްރޭލާ އެކު ގުޅުން ބަދަހި ކުރަން ދިވެހި ސަރުކާރުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އދ ގެ މެމްބަރު ގައުމުތަކުގެ ތެރެއިން ރާއްޖެއާއެކު ގާތް ގުޅުން ބާއްވަން ބޭނުންވާ ގައުމުތަކާއެކު ސަރުކާރުން ގުޅުން ދަމަހައްޓާނެ ކަމަށެވެ.
ރައީސްގެ ތަގުރީރުގައި ބައިނަލްއަގުވާމީ މުޖުތަމައުން އެ މުޖުތަމައު ސަލާމަތް ކުރުމަށް އަޒުމް ކަނޑައަޅާފައިވާ މިންވަރު އެނގިގެން ދާނީ ޑިސެމްބަރު މަހު ކޯޕަންހޭގަންގައި ބާއްވާ ތިމާވެށި ސަމިޓުން ކަމަށް ވިދާޅުވަމުން އެ ސަމިޓު ކާމިޔާބު ސަމިޓަކަށް ހެދުމަށް ހުރިހާ ފަރާތްތަކުން ވެސް ވަރަށް ބޮޑަށް ބާރު އެޅުމަށް ގޮވާލެއްވި އެވެ.
ރައީސް ނަޝީދުގެ ތަގުރީރު ނިންމަވާލެއްވީ ތިމާވެށީގެ ނުރައްކާތަކުން ދުނިޔެ ސަލާމަތް ކުރުމަށް އެދޭނަމަ ދިވެހިރާއްޖެ އަކީ އެ މަސައްކަތް ފެށުމަށް ރަނގަޅު ތަނެއް ކަމަށް ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ