އިންތިހާބުގެ ތާރީޚެއް ނުލިބެނީސް މަޖިލިސް ނުހުޅުވޭނެ: ނަޝީދު

އަވަސް އިންތިޚާބެއްގެ ތާރީޚެއް ކަނޑައެޅުމުގެ ކުރިން ރައްޔިތުންގެ މަޖިލިސް ހުޅުވިޔަ ނުދޭނެ ކަމުގެ އިޝާރާތެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރައްވައިފި އެވެ.
ލޮނުޒިޔާރަތްކޮޅުގައި މިއަދު ހެނދުނު ނަޝީދު ވިދާޅުވީ އިންތިހާބުގެ ތާރީހެއް ކަނޑައެޅުމުގެ ކުރިން އެމްޑީޕީގެ އިހްތިޖާޖުތައް ނުހުއްޓާނެ ކަމަށެވެ. އަދި މަޖިލިސް ހުޅުވުމަށް ފަހު ތާރީޚެއް ކަނޑައެޅުމުގެ ބުއްދިއަކީ މިކަމުގައި ހައްލެއް ފެންނާނެ ބުއްދިއެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މަޖިލިސް ހުޅުވެން އަންނަނީ ޕާޓީތަކުގެ މެދުގައި އެއްބަސްވުމެއް ގާއިމުކުރެވިގެން" ކަމަށާއި އެ އެއްބަސްވުމުގެ އެންމެ މުހިންމު ކަމަކީ މި އަހަރު އިންތިޚާބެއް ބޭއްވޭނެ ގޮތަކަށް އެއްބަސްވުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެ އެއްބަސްވުމަށް ދިއުމަށް އެންމެން މަސައްކަތްކުރަން ޖެހޭ ކަމަށާއި އެ މަގަށް އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަވަސް އިންތިޚާބު ބޭއްވުމަށްޓަކައި ގާނޫނު އަސާސީ އިސްލާހްކުރަން ޖެހުނަސް ވެސް، ނުޖެހުނަސް ވެސް އެ އަވަސް އިންތިހާބު އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އިންތިހާބުގެ ތާރީހެއް ކަނޑައެޅުމަށް ޕާޓީތަކުގެ މެދުގައި މަޝްވަރާކުރަން ޖެހޭ ކަމަށާއި އެގޮތުން ބައެއް ސިޔާސީ ޕާޓީތަކުގެ މެދުގައި އެކި ތާރީޚުތައް މިހާރު ވެސް ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ގިނަ ކުރިމަތިލުންތައް ނުހިނގާ، ހަމަނުޖެހުންތައް ބޮޑުނުވެ، މަޝްވަރާގެ މަތިން މަޖިލިސް ހުޅުވޭނެ އެއްބަސްވުމެއް ގާއިމްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީސް ހުޅުވުމަކަށް އަންނާނީ އަޅުގަނޑަށް ފެންނަ ގޮތުގައި މަޖިލީހުގައި ތަމްސީލްކުރާ ޕާޓީތައް މަޖިލީސް ހުޅުވުމަށް ބޭނުންވާ އެއްބަސްވުންތަކާއި ހައްލުތައް ލިބުނީމަ،" ނަޝީދު ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީސް ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރެއްވުން ލާޒިމު ކަމެއް ކަމަށާއި ނަމަވެސް "މަޖިލިސް ހުއްޓިފައިވަނީ ބަޣާވާތުގެ ސަބަބުން" ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސިފައިންނާއި ފުލުހުންގެ ބާރުން ހިންގޭނެ ތަނެއް ނޫން ކަމަށެވެ. އަދި "ރާއްޖޭގެ ކަންކަން މަސަލަސްކުރެވެން އަންނަނީ ކަރަންޓް މުގުރާއި ޕެޕާ ސްޕްރޭއާ އަދި ރަޔަޓް ގިޔަރުން ކަމަށް އަޅުގަނޑުމެން އެކަކަށް ވެސް ހީވެގެން ނުވާނެ" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ