މަދަނައިގެ ފައިސާ ހަރަދުކުރި ގޮތް އެނގެން އޮންނާނެ: އެންސްޕާ

އާސަންދަ ތައާރަފްކުރުމާ އެކު ވޭތުވެދިޔަ ތިން އަހަރު ރައްޔިތުންނަށް ބޭސްފަރުވާކުރަމުން އައި މަދަނަ ސްކީމަށް "ވީނުވީއެއް" ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނަށް އެނގިވަޑައިނުގެންނެވި ނަމަވެސް އެ ސްކީމުގެ ފައިސާ ހަރަދުކުރިގޮތް އެނގެން އޮންނާނެ ކަމަށް އެންސްޕާ ހިންގެވުމާ ހަވާލުވެ ހުންނެވި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަދަނަ ސްކީމުގައި ހުރި ރައްޔިތުންގެ 900 މިލިއަން ރުފިޔާ އޮޑިޓްކުރަން ޖެހޭނެ ކަމަށް ޕީޕީއެމުން ބުރާސްފަތިދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވެފައިވާތީ، އެކަމަށް އިޝާރާތްކުރައްވައި ވަހީދު ވިދާޅުވީ މަޖިލީހުން ފާސްކޮށް މަދަނަ ހިންގަން މިދިޔަ އަހަރު ލިބިފައި ވަނީ 270 މިލިއަން ރުފިޔާ ކަމަށެވެ. މަދަނާގައި ރައްޔިތުންގެ 900 މިލިއަން ރުފިޔާ ހުންނާނެ ކަމަށް ވިދާޅުވެ ޖަލްސާގައި ޔާމީން ހެއްދެވީ އިތުރުފުޅެއް ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
"]އެންސްޕާ އަކީ[ މިހާރު ވެސް އޮޑިޓްކުރާ، ކޮންމެ އަހަރަކު ވެސް އޮޑިޓްކުރަމުން ދިޔަ ތަނެއް. ހަރަދުތައް އޮޑިޓުން ފެންނަން ހުންނާނެ. އެކަމަކު ]ޔާމީން[ 900 މިލިއަން ރުފިޔާއޭ ވިދާޅުވެ ސިޔާސީ ވާހަކައެއް ދައްކަވައި އިތުރުފުޅެއް އެ ހެއްދެވީ. އަނެއްކޮޅުން ވިދާޅުވީ ކައުންސިލްތަކުގެ ފައިސާއަށް ވެސް ވީގޮތެއް ނޭނގެއޭ. ކައުންސިލްތަކުން މަދަނަ އަށް ފައިސާ ދައްކާފައެއް ނުވޭ،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންސްޕާ އޮޑިޓްކުރުމަށް މިދިޔަ ހަފުތާގައި ވެސް އޮޑިޓް އޮފީހުގެ ޓީމަކާ އެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
ވަހީދު ވިދާޅުވި ގޮތުގައި މަދަނަ ސްކީމަށް ވީގޮތް އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނުގެ 38 ވަނަ މާއްދާގެ ހ. އަދި ށ. ގައި ވެސް ބުނެފައިވެ އެވެ.
އެ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާއިރު ސަރުކާރުގެ ފަރާތުން ހިންގަމުންދާ ސިއްހީ ހިދުމަތް ދިނުމުގެ ސްކީމް ކަމުގައިވާ މަދަނަ، އެޖެންސީ (އާސަންދައިގެ) ދަށަށް ބަދަލުވާނެ ކަމަށެވެ. އަދި މަދަނަ ބަދަލުވާނީ އެ ސްކީމުގައި އުފެދިފައިވާ ގާނޫނީ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި ބާރާއި އިހްތިޔާރާއި މުދަލާއި ފައިސާއާ އެކުގައި ކަމަށް ވެސް އެ ގާނޫނުގައި ވެ އެވެ.
ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޕާޓީއެއްގެ ޕާލިމެންޓްރީ ގްރޫޕޫގެ ލީޑަރުކަން ޔާމީން ކުރައްވާއިރު މަޖިލީހުގެ ނިންމުންތައް ވެސް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށް ގަބޫލްކުރައްވާ ކަމަށެވެ. ސަރުކާރު ބަޖެޓުން މަދަނަ އަށް ލިބުނު 270 މިލިއަންގެ ރުފިޔާގެ އިތުރަށް، އެ ސްކީމުގައި ހުންނާނީ ޕްރިމިއަމްގެ ގޮތުގައި ރައްޔިތުން ދައްކާފައި ހުރި ފައިސާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަދަނަ އަކީ މި [އާސަންދައިގެ] ނިޒާމް. އާސަންދަ ފެށިއިރު މަދަނައިގެ ބާކީ ފައިސާއެއް ނުހުންނާނެ. އެކަމަކު މަދަނަ އަކީ ދެމިގެންދާ އެއްޗެއްވީމަ ޕްރިމިއަމްގެ ގޮތުގައި ދެއްކި ފައިސާ ހުންނާނެ. އެ ފައިސާ ބަދަލުވީ އާސަންދައިގެ ދަށަށް. އެކަން ގާނޫނުގައި ސާފުކޮށް ބުނެފައި އެބައޮތް،" ވަހީދު ވިދާޅުވި އެވެ.
އާޓިފިޝަލް ބީޗުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ޔާމީން ވިދާޅުވި ގޮތުގައި މި އަހަރަށް ބޮޑު ބަޖެޓެއް ފާސްކޮށްގެން އާސަންދަ ތައާރަފްކޮށް، ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްކުރެވޭނެ ކަމަށް ސަރުކާރުން އިއުލާންކުރުމުން ރައްޔިތުން އުފާވި ނަމަވެސް މިދިޔަ އަހަރާ ހަމައަށް ހިދުމަތް ދެމުން އައި މަދަނަ އަށް "ވީގޮތެއް ނޭނގެ" އެވެ. އަދި އާސަންދަ ނިޒާމް ކުރިއަށްގެންދާ ގޮތަށް ވެސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ