ޕްރޮވިޑެންޓް ފަންޑުން ފައިސާ ހޯދަން 8،000 ވުރެ ގިނަ މީހުން ފޯމް ހުށަހަޅައިފި

ޕްރޮވިޑެންޓް ފަންޑުގެ ފައިސާ ހޯދަން މި މަހުގެ އެކަކުން ފެށިގެން މިހާތަނަށް 8،000 އަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ އެސިސްޓެންޓް އެގްޒެކްޓިވް ޑިރެކްޓަރު އަބްދުﷲ އަލީ ވިދާޅުވީ، ގާތްގަނޑަކަށް 18 ހާހެއްހާ މުވައްޒަފުން ބައިވެރިވާ ފަންޑުން ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ފަރާތްތަކަށް ދެ ހަފުތާގެ ތެރޭގައި ފައިސާ ދޫކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
"އަޅުގަނޑުމެން މިގެންދަނީ ފޯމްތައް ލިބެމުންދާ ވަރަކުން ފޯމްތައް ޗެކްކުރަމުން. އެގޮތުން އެންމެ ފުރަތަމަ ދުވަހު ހުށަހެޅި މީހުންގެ ތެރެއިން 90 މީހަކަށް ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ފައިސާ ދޫކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ އަލީ ވިދާޅުވީ އެ ފަންޑުން ފައިސާ ހޯދުމަށް ހުށަހެޅުމަށް ހުޅުވާލި ފުރަތަމަ ދުވަހު 2،724 މީހުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި އިއްޔެގެ ނިޔަލަށް 8،076 މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މިހާރު އުވާލާފައިވާ ޕްރޮވިޑެންޓް ފަންޑުގައި ހުރި 435 މިލިއަން ރުފިޔާގެ ތެރެއިން ފައިސާ ނަގަން ބޭނުން މީހުންނަށް އެ ފުރުސަތު ޖުލައި ،1 2010 އިން ފެށިގެން ދޭ ގޮތަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ފައިސާ ނެގުމުގެ ބަދަލުގައި ބައެއް ދާއިރާތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ވެސް ފަނޑުގެ ބައިވެރިންނަށް ފިނޭންސް މިނިސްޓްރީން ދީފައިވެ އެވެ.
އަބްދުﷲ އަލީ ވިދާޅުވީ ފަންޑުން ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ފަރާތްތަކަށް ފައިސާ ދޫކުރުން ލަސްވަނީ އެއްފަހަރާ ގިނަ އަދަދެއްގެ ފޯމް ހުށަހަޅާފައިވާތީ، މައުލޫމާތުތައް ޗެކްކުރުމަށް ވަގުތު ނަގާތީ ކަމަށެވެ. އަދި އެންމެ ފުރަތަމަ ދުވަހު ހުށަހެޅި ފަރާތްތަކަށް އަންނަ ހަފުތާގެ ތެރޭގައި ފައިސާ ދޫކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަންޑުން ފައިސާ ހޯދުމަށް އެދޭ ފޯމް މި މަހުގެ އެއްވަނަ ދުވަހު ހެނދުނު 00: 8 ހާއިރު ދޫކުރަން ފެށިތަނާ ކުޑައިރުކޮޅެއްގެ ތެރޭގައި އެތަނަށް އެތައް ސަތޭކަ ބަޔަކު ޖަމާވުމުން އެތަނުން ކިޔޫ ނަންބަރު ހުސްވި އެވެ. އަދި ނަންބަރު ނުލިބި ގިނައިރުތަކެއް ވަންދެން ތިބެން ޖެހުމުން އެތައް ބަޔަކު އެކަމާ ޝަކުވާކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ