ވޯލްޑްކަޕް:2010 ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމުގައިވާ ސްޕެއިން އާއި ޖާމަނީ ވަރުގަދަ ކުރިމަތިލުމަކަށް ނިކުންނަނީ

14:30ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމުގައިވާ ސްޕެއިން އާއި ޖާމަނީ މިރޭ ވަރުގަދަ ކުރިމަތިލުމަކަށް ނިކުންނާނެ އެވެ.އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވާ މި ދެޓީމު މިރޭ ނިކުންނާނީ ވޯލްޑްކަޕްގެ ފައިނަލްގައި ހޮލެންޑާއެކީގައި ވާދަކުރާނެ ދެ ވަނަ ޓީމަކަށްވުމަށެވެ. މިރޭގެ މެޗަށް މި ދެ ޓީމު ނިކުންނައިރު ޖާމަނީއަކީ މިހާތަނަށް އައިއިރު ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ޓިމަށް ވީއިރު، ސްޕެއިން ފާހަގަކުރެވެނީ އެންމެ ޑިފެންސް ރަގަޅު ޓީމުގެ ގޮތުގަ އެވެ.ހުނަރާ ތަޖުރިބާގެ ގޮތުން މޮޅު ކުޅުންތެރިން ސްޕެއިން ގައި ގިނަ ނަމަވެސް ޖާމަނީ ފާހަގަކޮށްލެވެނީ ޒުވާން ކުޅުންތެރިންތަކަކާއެކީގައި މިފަހަރު ރަގަޅު ކާމިޔާބެއް ހޯދި ޓީމެއްގެ ގޮތުގަ އެވެ. މިގޮތުން އާޖެންޓީނާ، އޮސްޓްރޭލިޔާ، އިންގްލެންޑް ފަދަ ބޮޑެތި ޓީމުތަކުގެ މައްޗަށް ހަތަރު ލަނޑުގެ ކާމިޔާބެއް ޖާމަނީން ޖަހާފައި ވުމަކީ މިރޭގެ މެޗަށް ޓީމު ނިކުންނައިރު ލިބިފައި ވާނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް ތަޖުރިބާކާރުން ސިފަކުރެ އެވެ.މިއީ ސެމީފައިނަލެއްގައި ޖާމަނީ ކުޅޭ 11 ވަނަ ފަހަރަށް ވީއިރު، ފާހަގަކޮށްލެވެނީ ވިދިވިދިގެން މިދިޔަ ހަތަރު ވޯލްޑް ކަޕްގައި ވެސް ޖާމަނީ ކުޅެފައިވެ އެވެ. އެހެންނަމަވެސް މިއީ ސްޕެއިން ވޯލްޑްކަޕްގެ ސެމީ ފައިނަލެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ.މިރޭގެ މެޗަށް ދެ ޓީމު ނިކުންނައިރު ޖާމަނީގެ ކޯޗް ޖޮކަމަން ލޯ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަނިޔާގެ ސަބަބުން ކުޅުމާ ދުރު ތިބި ހުރިހާ ކުޅުންތެރިން ވެސް މިމެޗަށް ފިޓްވެފައިވާކަމެވެ. އެހެންނަމަވެސް ޖާމަނީ ސެމީފައިނަލާ ހަމައަށް ގެނެސްދިނުމަށް މުހިއްމު ދައުރެއް އަދާކުރި 20 އަހަރުގެ ހުނަރުވެރި ފޯވަޑް ތޯމަސް މުލާއަށް ދެ ކާޑު ދައްކާފައި ވުމުން ސަސްޕެންޑް ވެފައިވާއިރު ޓީމަށް ލިބިގެން ދާ އިތުރު ހިތްހަމަޖެހުމަކީ، އަނިޔާގެ ސަބަބުން ވޯލްޑްކަޕްގައި ނުކުޅެވުނު ޖާމަނީގެ ކެޕްޓަން ބަލަކް ޓީމާ އެކީ ސައުތު އެފްރިކާގައިވުމެވެ.މިމެޗަށް ނިކުންނައިރު ސްޕެއިންއަށް އަނިޔާ އާއި ސަސްޕެންޝަންގެ އެއްވެސް މައްސަލައެއް ދިމާވެފައި އެއް ނުވެ އެވެ.މި ދެޓީމު 20 ފަހަރު ބައްދަލުކޮށްފައި ވާއިރު، 8 ފަހަރު ޖާމަނީ މޮޅުވެފައިވެ އެވެ. ސްޕެއިން މޮޅުވެފައި ވަނީ 6 ފަހަރެވެ. އަދި 6 މެޗު އެއްވަރު ވެގެން ނިމިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ