ހިމަންދޫ ކައުންސިލާއި ފުވައްމުލަކު އަތޮޅު ކައުންސިލްގެ ބައި އިލެކްޝަން ނޮވެމްބަރު 19 ގައި ބާއްވަނީ

ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް ހަސަން ސައީދާއި އއ. ހިމަންދޫ ރަށު ކައުންސިލްގެ މެންބަރު އަބްދުﷲ ޖަމީލަކީ އެ ދެ ކައުންސިލްގެ މެންބަރުން ކަމަށް ބެލެވޭނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވާތީ އެ ދެ ބޭފުޅުންގެ ދާއިރާގެ ބައި އިލެކްޝަން ނޮވެމްބަރު 19 ގައި ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި އެކަން އިއުލާން ކޮށްފި އެވެ. އެ ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން ފުވައްމުލަކު އަތޮޅު ކައުންސިލުން ހުސްވެފައިވާ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ކަމުގެ މަގާމަށް މެމްބަރަކު އިންތިހާބު ކުރުމުގެ ބައި އިލެކްޝަން އޮންނާނީ ނޮވެމްބަރު 19 ގަ އެވެ. އަދި ހިމަންދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަން ވެސް އޮންނާނީ އެ ދުވަހު އެވެ. ކޮމިޝަނުން ބުނީ މި ބައި އިލެކްޝަންގެ އިންތިހާބު ކުރިއަށް ގެންދާނީ އެ ދުވަހުގެ ހެނދުނު 00: 8 އިން ހަވީރު 00: 4 އަށް ކަމަށެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާނީ ނޮވެމްބަރު 21 ގެ ހަވީރު 00: 3 ގައި އިލެކްޝަންސް އިން ބުނެ އެވެ. ކޮމިޝަނުން ބުނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އޮކްޓޫބަރު 16 ގެ ނިޔަލަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިނުވެވޭ ކަންތައްތަކުގެ ތެރޭގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ނަމަ، އެ ދަރަނި އަދާކުރަމުން ނުދިއުމާއި ޖިނާއީ ކުށެއްގެ އަދަބު ތަންފީޒު ކުރަމުންދާ މީހުންނާއި ކުޑަކުއްޖަކާއެކު ބަދު އަހުލާގީ އަމަލެއް ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވުމެވެ. މީގެ އިތުރުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅި އަދަބު މާފު ކުރިތާ ތިން އަހަރު ނުވާ މީހެއް ކަމުގައި ވުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ