ޑޮލަރު ގަނެދޭނެ ކަމަށް ބުނެ ފައިސާ ނެގި މައްސަލައެއް ޕީޖީ އަށް

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހެއްގެ އަތުން 200،000 އަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވާ މައްސަލައެއްގައި ހިމެނޭ ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އަށް ފޮނުވައިފި އެވެ. ފުލުހުން ބުނީ މިއީ މި އަހަރުގެ މޭ މަހުގެ ތެރޭގައި ހުށަހެޅި މައްސަލައެއް ކަމަށެވެ. ފުލުހުން ތަހުގީކޮށް މި މަހުގެ 10 ވަނަ ދުވަހު ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައިވާ މި މައްސަލާގައި ހިމެނެނީ މ. ލަންސިމޫގެ އާގެ، އިބްރާހީމް ރަޝީދު، ،47 އާއި ތ. ގާދިއްފުށީ ހުދު އަސުރުމާގެ، އަބްދުއްޝުކޫރު އަބްދުލް ވައްހާބް، ،35 އަދި ހަމަ އެ ރަށު އަސުރުމާގެ، އަބްދުލްޣަފޫރު، ،50 ގެ ކަމަށް ވެސް ފުލުހުން ބުންޏެވެ. އިބްރާހީމް ރަޝީދުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވާފައިވާ މައްސަލައަކީ ޑޮލަރު ހޯދައި ދޭނެ ކަމަށް ބުނެ 272،000ރ. މީހެއްގެ އަތުން އަތުލައި މަކަރާއި ހީލަތުން އެ ފައިސާ އަށް ހިޔާނަތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށް ފުލުހުން ބުންޏެވެ. މީނާއަކީ މި ބާވަތުގެ މައްސަލަތުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ. ފުލުހުން ބުނީ މި މައްސަލާގައި ހިމެނޭ އަބްދުއްޝުކޫރާއި އަބްދުލްޣަފޫރުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވާފައި ވަނީ، ބޭރު ފައިސާ ގަނެވިއްކުމުގެ މިންގަޑާއި ހިލާފަށް މުއާމަލާތް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ކަމަށެވެ. އިބްރާހީމް ރަޝީދު ފައިސާ ނަގާފައި ވަނީ އަނެއް ދެ މީހުންގެ އަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ