ސާކޯޒީގެ އޮފީހާއި ގެއަށް ފުލުހުން ވަދެ އެތަންތަން ބަލާ ފާސްކޮށްފި

ފްރާންސްގެ އިންތިހާބާއި ބެހޭ ޤާނޫނު ތަކާއި ޚިލާފަށް 2007 ވަނަ އަހަރު އެޤައުމުގައި ބޭއްވުނު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފައިސާ ހޯއްދެވި ކަމުގެ ތުހުމަތުގައި ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ ދިރިއުޅުއްވާ ގެއާއި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ އޮފީހަށް ފުލުހުން ވަދެ އެތަންތަން ބަލާ ފާސްކޮށްފިއެވެ.
މިތުހުމަތުތަކާގުޅިގެން ސާކޯޒީގެ ހިއްސާ އޮންނަ ލޯފާމެއްވެސް ފްރާންސްގެ ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ.
ސާކޯޒީގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ 2007 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ދުނިޔޭގައި މިވަގުތު ތިއްބެވި އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ ފްރާންސްގެ ރައްޔިތެއް ކަމަށްވާ ލިލިއޭން ބެޓަންކޯޓުގެ އަތުން ޤާނޫނާއި ޚިލާފަށް ފައިސާ ހޯއްދެވުމުގެ ތުހުމަތެވެ. ނަމަވެސް މީގެ ކުރިން ސާކޯޒީ ވަނީ ތަކުރާރުކޮށް މިތުހުމަތުތައް ދޮގު ކުރައްވާފައެވެ.
އޭއެފްޕީ ނިއުސް އެޖެންސީއަށް ދީފައިވާ ބަސްދީގަތުމެއްގައި ސާކޯޒީގެ ޤާނޫނީ ވަކީލު ތިއެރީ ހަރުޒޯގް ވިދާޅުވެފައިވަނީ ސާކޯޒީއާ ގުޅުން ހުރި ބައެއް ތަންތަނަށް ފްރާންސްގެ ފުލުހުން ވަދެ އެތަންތަން ބަލާ ފާސްކޮށްފައިވަނީ ސާކޯޒީއާއި އޭނާގެ އާއިލާ ކެނަޑާގައި ޗުއްޓީ ހޭދަ ކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ.
ނިމިގެން ދިޔަ މެއި މަހު ފްރާންސްގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް ސޯޝަލިސްޓް ޕާޓީގެ ކެންޑިޑޭޓް އަދި ފްރާންސްގެ މިހާރުގެ ރައީސް ފްރަންކޮއިސް ހޮލެންޑޭއާއި ވާދަކޮށް ސާކޯޒީއަށް ނާކާމިޔާބީއާއި ކުރިމަތިވެޑައިގެންފަވާއިރު، ރައީސް ކަމުގެ ހުންނަވަނިކޮށް ކުރެވޭ ތުހުމަތު ތަކަށް ކުރިމަތިލާންޖެހިވަޑައި ނުގަންނަވާ ގޮތަށް ސާކޯޒީއަށް ޤާނޫނީ ގޮތުން ލިބިވަޑައިގެންފައިވާ ރައްކާތެރިކަން މިދިޔަ ޖޫން މަހުގެ ސޯޅަ ވަނަ ދުވަހު ވަނީ ނިމުމަކަށް އައިސްފައެވެ.
ފްރާންސްގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ފައިސާ ހަދިޔާ ކުރައްވަން ބޭނުންވާ އެޤައުމުގެ ކޮންމެ ރައްޔިތަކަށްވެސް 4600 ޔޫރޯ ނުވަތަ 5800 އެމެރިކާ ޑޮލަރަށް ވުރެ އިތުރުނުވާ އަދަދަކުން އެހީތެރިކަން ފޯރުވާ ދިނުމަކީ ޤާނޫނީ ހުއްދަ ކަމެކެވެ. ނަމަވެސް 2007 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ފާރާންސްގެ އަންހެން މަހުޖަނު ލިލިއޭން ބެޓަންކޯޓު ސީދާ ފައިސާގެ ގޮތުގައި 150،000 ޔޫރޯގެ އެހީއެއް ސާކޯޒީގެ ކެމްޕެއިނަށް ހަދިޔާކޮށްފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
ބެޓަންކޯޓުގެ ކުރީގެ އެކައުންޓެންޓް ކުލެއަރ ތިބައުޓް މިފައިސާ ހަވާލުކޮށްފައިވަނީ ސާކޯޒީގެ ކެމްޕެއިންގެ ޚަރަދުތައް ބެލެހެއްޓެވި ސާކޯޒީ ސަރުކާރުގެ ބަޖެޓް މިނިސްޓަރ އެރިކް ވޯތްއާއި ކަމަށްވެސް ވަނީ ތުހުމަތު ކުރެވިފައެވެ. މީގެ އިތުރުން 2007 ވަނަ އަހަރުގެ ކެމްޕެއިންގެ ދުވަސްވަރު އަމިއްލަފުޅު ޒިޔާރަތުގެ ގޮތުގައި ސާކޯޒީ ވަރަށް ގިނައިން ބެޓަންކޯޓުގެ ގެއަށް ވަޑައިގެންނެވި ކަމުގެ ތުހުމަތުތަކެއްވެސް ވަނީ ކުރެވިފައެވެ.
ނަމަވެސް ސާކޯޒީގެ ޤާނޫނީ ވަކީލު ތިއެރީ ހަރުޒޯގް ވިދާޅުވީ ބެޓަންކޯޓު ދިރިއުޅުއްވާ ގެއަށް ސާކޯޒީ އަމިއްލަފުޅު ޒިޔާރަތްތަކެއް ކުރެއްވި ކަމަށް ތުހުމަތު ކުރަމުންދާ ދުވަސްވަރު ސާކޯޒީއަކީ ފްރާންސްގެ ހޯމް މިނިސްޓަރު ކަމަށްވާތީ ސާކޯޒީ ވަޑައިގަންނަވާ ކޮންމެ ތަނަކަށް އަރިހުގައި ފުލުހުންގެ އޮފިސަރުން ވަޑައިގެންފައިވާތީ ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަން ސާބިތު ކުރެވޭނެ ކަމަށެވެ.
ބެޓަންކޯޓުގެ އިތުރުން 2007 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ސާކޯޒީގެ ކެމްޕެއިނަށް އަވަހާރަކޮށްލާފައިވާ ލީބިޔާގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީވެސް ފައިސާގެ ބޮޑު އެހީތެރީކަމެއް ވެދީފައިވާ ކަމުގެ ތުހުމަތު ތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން 50 މިލިއަން ޔޫރޯގެ ބޮޑު އެހީއެއް އެފަހަރުގެ ކެމްޕެއިންގައި ސާކޯޒީގެ ކެޕްމެއިނަށް ގައްޒާފީ ހަދިޔާކޮށްފައިވާކަމުގެ ލިޔެކިޔުންތަކެއްވެސް ވަނީ ލީކުވެފައެވެ.
ޤާނޫނާއި ޚިލާފަށް ފައިސާ ހޯއްދެވިކަމުގެ ތުހުމަތުގައި އުމުރުފުޅުން 57 އަހަރުގެ ސާކޯޒީއާއި ދެކޮޅަށް ވަރުގަދަ ތަހުޤީގެ ކުރިއަށްދާއިރު، އޭނާގެ ވެރިކަމުގައި ޤާނޫނާއި ޚިލާފަށް ހިންގާފައިވާ އިތުރު މައްސަލަ ތަކެއްގެ ތަހުޤީގުވެސް މިހާރު ވަނީ ފެށިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ