ރައީސް ނަޝީދު ދުބާއީގައި

ބޮމުގެ ހަމަލާއާ ގުޅިގެން އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދުބާއީއަށް ވަޑައިގެންފި އެވެ.އެމަނިކުފާނު ދުބާއީއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ދުބާއީ އެކްސްޕޯ2020ގެ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއެވެ.ރައީސް ނަޝީދު ދުބާއީއަށް މި ފެއްޓެވި ދަތުރުގައި އެ ގައުމުގައި މިހާރު ކުރިއަށްދާ ވޯލްޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ދުބާއީއަށް ވަޑައިގަތީ ސީދާ އެ އެކްސްޕޯގައި ބައިވެރިވާން ކަމެއް އަދި ސާފެއް ނޫނެވެ.ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެގްޒިބިޝަން، ވޯލްޑް އެކްސްޕޯ ދުބާއީ އަންނަ މަހުގެ އެކެއްގައި ފަށާއިރު، މި އެކްސްޕޯގައި ރާއްޖޭގެ ތަރައްގީގެ ދަތުރު އެ ޕެވިލިއަން އިން ފެންނަން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖޭގެ ސަގާފަތް އަދި ތަރައްގީގެ ވިސްނުމާއި ސިޔާސަތުތައް ޕެވިލިއަން އިން ރަމްޒުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މިދިޔަ މެއި ހަ ވަނަ ދުވަހުގެރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ފަރުވާ އަށް މިހާތަނަށް އެމަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ހާމަކުރައްވާފައި ނުވާއިރު ރާއްޖެއިން ބޭރުގައި މުއްދަތެއް ނެތް ގޮތަށް ހުންނެވޭ ގޮތަށް މަޖިލީހުގެ އިދާރާ އިން ވަނީ ރައީސް ނަޝީދަށް ޗުއްޓީ ދެއްވާފައެވެ.މެއި 6 ވަނަ ދުވަހު ނަޝީދު އަވަރަކޮށްލުމަށް ދިން ހަމަލާއަށް 13 ދުވަސް ފަހުން އިތުރު ފަރުވާއަށް އެމަނިކުފާނު ފުރާވަޑައިގަތީ ޖަރުމަނަށެވެ. އޭގެ ފަހުން ޖުލައި 2ގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވި ފަހުން ހުންނެވީ އެ ގައުމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ