ނަޝީދު ފުރަތަމަ ކުރެއްވި ކަމަކީ މީޑިއާ މަރާލުން: ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދު 2008 ގައި ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ކުރެއްވި ކަމަކީ މީޑީއާ ހަލާކުކޮށްލައްވައި ނޫސްވެރިކަން މަރާލުން ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ފެންވަރުގައި އިއްޔެ ފާހަގަކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން، ނޫސްވެރިކަމުގައި ރާއްޖޭގެ ހާލަތުގެ މައްޗަށް ބައްލަވާލައްވައި ކުރީގެ ސަރުކާރުން މީޑިއާ އަށް ކުރިމަތިކުރުވި ހުރަސްތަކުގެ މައްޗަށް ޔާމީން ވަނީ ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އުމުރު ދުވަހު ނޫސްވެރިއެއްގެ ގޮތުގައި ދެމިހުންނަވަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވީ ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި މީޑީއާ އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވި އެވެ. އަދި ފުރާނަ އާއި ލެއިން މީޑިއާގެ ކުރިއެރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ނަޝީދު ވިދާޅުވިއަސް އެމަނިކުފާނުގެ ސަރުކާރުގައި ކަން ހިނގާފައި ވަނީ އެގޮތަށް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްފައި ވަނިކޮށް، ދިވެހި ގައުމީ މީޑިއާގައި ހިމެނޭ އަޑާއި ޓީވީއެމަކީ މިނިވަން މުސްތަގިއްލު ދެ ސްޓޭޝަން ގޮތަށް ހިނގަން ތަސްދީގުކުރައްވާފައި އެމަނިކުފާނަށް ކެރިވަޑައެއް ނުގެންނެވި އެ މިނިވަންކަން ދެއްވާކަށް. އެ ދެމީޑިއާ އެމަނިކުފާނު ބޭނުންކުރެއްވީ ޕްރޮޕަގެންޑާ މެޝިން ގޮތަށް،" ޔާމީން ވިދާޅުވި އެވެ.
އެ ދެ ސްޓޭޝަން ބޭނުންކުރެއްވީ ނަޝީދުގެ ވެރިކަމުގެ ޖާހަތު އިތުކުރެއްވުމަށްޓަކައި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ ވެރިކަމުގައި ސިނާއީ އާ މަސައްކަތެއް ފެށުމަށް އެއްވެސް ބިންގަލެއް ނާޅުއްވަ އެވެ. އެކަމަކު ރައްޔިތުންނަށް އޮޅުވާލައިގެން ދައްކަވަން ބޭނުންފުޅުވާ ވާހަކަ ދެއްކެވުމަށް އަޑާއި ޓީވީއެމް ހިސޯރުކުރެއްވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އެހެން އެކަން އޮއްވައި، އެމަނިކުފާނު ކުރެއްވި ކަންތަކުގެ ހަގީގަތް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރި އެހެން މީޑިއާތަކާ ވެސް އިދިކޮޅަށް މަސައްކަތް ކުރެއްވީ. މިނިވަން ނޫހެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ހަވީރު، ހަވީރު ހިންގަމުން ދިޔަ އޮފީހުން ބޭރަށްލާން މާލޭ މުނިސިޕަލްޓީން ލިޔުމެއް ފޮނުވި. އަދި އެގޮތަށް އަޅުގަނޑުމެންނަށް ފެނިގެންދިޔަ ތަކުރާރުކޮށް ކެނޑިނޭޅި ދި ޓީވީ އާއި ވީޓީވީ ތަޅާލާފައި، އެތަންތަނުގައި މަސައްކަތް ކުރަމުން ދިޔަ ޖާނަލިސްޓުންނާއި އެކި ކަހަލަ އަނިޔާތައް ކުރެއްވީ، ކިހާވަރެއްވީމަތޯ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މި ވާހަކަ ދައްކަވާނީ،" ޔާމީން ވިދާޅުވި އެވެ.
އޭގެ އިތުރުން ސަރުކާރުގެ އިއުލާންތައް ޝާއިއުކޮށްގެން މީޑީއާތަކަށް ލިބުނު ފައިސާ ހުއްޓުވާލިކަން ވެސް ޔާމީން ފާހަގަކުރެއްވި އެވެ. އެއީ މީޑިއާ ފަގީރުކޮށްލަން ކަމަށާއި "ހަވީރު" ކަހަލަ މަދު ނޫހެއް ނޫނީ އެކަމުން އަރައިގަނެވިފައި ނުވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އާފަތިސް އެ އޮތީ ވަރަށް ހާލުގައި، މިއަދު ނޫސް އެ އޮތީ ވަރަށް ހާލުގައި. މިއަށް ވުރެ މާއާދައިގެ ކަންތައްތަކަށް ވެސް ދައުލަތުން ސަބްސިޑީ އެބަދޭ. އެހެންވީމާ އަޅުގަނޑުމެންގެ ގައުމުގެ ކަންތައް ތެދުވެރިކަމާ އެކު ގެންނަކަމަށްވާނަމަ އެއް ކަމަކީ މީޑިއާ އަށް ހިތްވަރު ދިނުން. ދެން ދެ ވަނަ ވާހަކައަކީ މީޑިއާގައި ޖަހާ ވާހަކަތަކަށް ކިހާވަރަކަށްހޭ، އޭރެއްގައި އޮންނަ ސަރުކާރުން އިޖާބަދެނީ. ...މީޑިއާ އިން މެސެޖް ގެންނަނީ ކަން އޮންނަ ގޮތުގެ ހާލަތު ރައްޔިތުންނަށް ކިޔައިދިނުމަށްޓަކައި،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާދަޔާހިލާފަށް ކޮރަޕްޝަން ހިންގައިގެންނާއި ސަރުކާރުން ކުރާ ގޯސް އެހެންކަންތައްތައް، މީޑިއާ އިން ގެންނަ ނަމަ ސަރުކާރުން އެކަމަށް އިޖާބަދޭން ޖެހޭނެ ކަމަށެވެ. އެކަމަކު ނަޝީދުގެ ވޭތުވެދިޔަ ތިން އަހަރު ސަރުކާރުގެ ކޮރަޕްޝަނާ އެހެން ކަންތައްތަކަށް ފާޑުކިޔައި ދެއްކި އެއްވެސް ވާހަކައަކަށް ރައްދު ދެއްވާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމަކީ ކުރިމަގު އޮތް ޕާޓީއެއް ކަމަށާއި ޖައްބާރު ވެރިކަމަކުން ރައްޔިތުން ސަލާމަތްކުރުމަށް ޕީޕީއެމް އިސްވެ ގުޅިފައިވާ ޕާޓީތަކުން ކުރި މަސައްކަތް ކާމިޔާބުވެފައިވާ ކަމަށެވެ. އެގޮތުން މި ސަރުކާރު ދަމަހައްޓަން އިއްތިހާދު ޕާޓީތަކުން ކުރާ މަސައްކަތަކީ ވަރަށް ވަރުގަދަ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެމްޑީޕީ ތެރޭގައި ރެނދުތަކެއް އަޅައި ލީޑަރުންގެ މެދުގައި މައްސަލަ އުފެދިފައިވާ ކަމަށެވެ. އެހެންކަމުން ޕީޕީއެމުން މިހާރު ކުރަމުން އަންނަ މަސައްކަތް އަދިވެސް އެއް ގިއަރު މައްޗަށް ޖައްސަންޖެހޭ ކަމަށް ވިދާޅުވި އެވެ. އުސްފަސްގަނޑެއް ފެންނާނީ ހަމައެކަނި ކުރީގެ ރައީސް ނަޝީދަށް އެކަނި ނޫން ކަމަށާއި ޕީޕީއެމުން ކުރަން ޖެހޭ މަސައްކަތްތަކެއް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް މިވާގޮތަކީ ކާމިޔާބީއަކާ ހަމައަށް އާދެވުނީމާ، އަޅުގަނޑުމެންގެ ތޮބީއަތް ކަމެއް، ކޮންމެވެސް ވަރެއްގެ އަރާމަކާ ހަމައަށް ދިއުން. އަޅުގަނޑުމެން އަރާމުކުރަން ޖެހޭނީ އިރާދަކުރެއްވިޔާ 2013 ކާމިޔާބުކޮށްގެން،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ބަޣާވާތުގެ ސަރުކާރެއް ކަމަށް ބުނާއިރު ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި އިންކުއަރީ ކޮމިޝަނެއް ނުވަތަ ރިޔާސީ ކޮމިޝަނެއް އުފެއްދުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތަކީ ރައީސުލް ޖުމްހޫރިއްޔާ އަށް ކަމަށާއި އެހެން ފަރާތަކަށް އެ ހުއްދައެއް ނޯންނަ ކަމަށެވެ. އެހެން ތަންތަނުގައި ބަޣާވާތް ކުރާ ވެރިން އެގޮތަށް އަމަލުނުކުރައްވާނެ ކަމަށާއި ވަހީދަކީ "ބާޣީ"އެއް ނަމަ އެ ކޮމިޝަން އުފައްދަފާނެތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.
"އެމަނިކުފާނަށް ހަމައެކަނި ލިބިފައި އޮންނަ ބާރުގެ ދަށުން ކޮމިޝަނެއް އުފައްދައި އެމަނިކުފާނުގެ ސަރުކާރުގެ ގާނޫނީ ސައްހަކަން ބެލުމަށް ކޮމިޝަނެއް މި ލޯންޗްކުރެއްވީ. އެހެންވީމާ މިކަން ފުދޭ ކަންނޭނގެ ބަޣާވާތުގެ ވާހަކަ ދައްކާއިރު،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ވެރިކަން ބަދަލުވި ދުވަހު ނަޝީދު ހުންނެވީ ބިރުވެރިކަމެއްގެ ތެރޭގައި ނޫން ކަމަށާއި ޑިޕްލޮމެޓިކް މަސައްކަތްތަކެއް އެ ދުވަހު އެމަނިކުފާނު ކުރެއްވި ކަމަށެވެ. އަދި ވެރިކަމުގައި ދެމިހުންނެވުމަށް ޕީޕީއެމްގެ ރުހުން އެ ދުވަހު ލިބޭތޯ ބެއްލެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕީޕީއެމުން ސަލާމަތީބާރުތަކުގެ ތިބި މީހުންނަށް ނަސޭހަތްދީގެން ރައީސް ނަޝީދަށް ފުރުސަތު ހޯދަން މަސައްކަތް ކުރެވުނު،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ