ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ރ. ދުވާފަރު، ގއ. ވިލިނގިލި އަދި އައްޑޫ ސިޓީ ހުޅުދޫގައި ތަރައްގީ ކުރާ ފުޓްބޯޅަ ދަނޑުގެތަކުގެ ސަބްސެބޭސް ތައްޔާރުކުރުމަށް އެމްޓީސީސީއާ އާއެކު ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަހުމަދު މަހުލޫފް ސޮއިކުރެއްވިއިރު އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ.
މި އެއްބަސްވުމުގެ ދަށުން މަސައްކަތް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށާ 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.
މި ތިން ޕްރޮޖެކްޓަށް ގާތްގަނޑަކަށް ޖުމްލަ 7.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވެސް މިނިސްޓްރީން މައުލުމާތު ދެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވީ ފުޓްބޯޅަ އަކީ ހަމައެކަނީ ގަލޮޅު ދަނޑުގައި ކުޅޭ ކުޅިވަރެއްގެ ގޮތުގައި މީހުން ދެކޭދެކުން ނިމުމަކަށް ގެންނަން ޖޭހޭ ކަމަށެވެ. އަދި ފުޓްބޯޅަ މުބާރާތްތައް އަތޮޅުތަކުގައި ކުރިޔަށް ގެންދަން ފެށުމުން ގެއްލިފައިވާ ސަޕޯޓަރުން ވެސް ފެންނާނެ ކަމަށާއި މޮޅު ކުޅުންތެރިން ފެނި އެކުދިންނަށް ފުރުސަތުތައް ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
" މި މާލެއިން ފުޓްބޯޅަ އެބަޖެހޭ ނިކުންނަން. މި ގަލޮޅު ދަނޑަކީ އަޅުގަނޑުމެންގެ ފޯކަސް އަކަށް ވެފައި އޮތްއޮތުން ނިމުމަކަށް ގެންނަންވީ. އެކަން ހިނގަންވީ މިހާރު ވިލިގިލީގަ. އެކަންހިނގަންވީ މިހާރު ދުވާފަރުގަ. އެކަން ހިނގަންވީ ހުޅުދޫގަ. އެ ރަަށްރަށުގައި މިހާރުވެސް ހޯމް އެންޑު އަވޭގެ އުސޫލުން ކުޅެންފެށީމަ އެ ދަނޑުތައްވެސް ފުރޭނެ. އެ ފޯރިވެސް ހުންނާނެ ރަށްރަށުގެ ޓީމްތައް ހެދުނީ މަ އެޖޯޝްވެސް ހުންނާނެ އެ ފައިސާވެސް ހޯދާނެ." މަޙްލޫފް ވިދާޅުވި އެވެ.
މީގެކުރިން ވަނީ ތ. ވިލުފުށި، ޅ. ހިންނަވަރު، ނ. ހޮޅުދޫ، ނ. ކެނދިކުޅުދޫ، ލ. ގަން، ގދ. ތިނަދޫ، ތ. ތިމަރަފުށި، ވ. ކެޔޮދޫ، ހއ. ހޯރަފުށި އަދި އައްޑޫ ސިޓީ ފޭދޫގެ އިތުރުން ފުވައްމުލައް ސިޓީގައި ތަރައްގީ ކުރަމުންދާ ފުޓްބޯޅަ ދަނޑުތަކުގެ ސަބް ބޭސް މަސައްކަތް އެކިއެކި ކުންފުނިތަކާއި ހަވާލުކޮށްފައެވެ. މީގެތެރެއިން ޅ. ހިންނަވަރު، ނ. ހޮޅުދޫ އަދި ނ. ކެނދިކުޅުދޫގައި ތަރައްގީ ކުރާ ފުޓްބޯޅަ ދަނޑުގެތަކުގެ ސަބް ބޭސް ތައްޔާރުކުރުމަށް ސިފައިންގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އާ ހަވާލުކުރިއިރު ބާކީ ހުރިހާ ރަށެއްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ