ރައީސް އަލަށް އުފެއްދެވި ދެ ކުންފުންޏަށް ޑިރެކްޓަރުން ލައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލަށް އުފައްދަވާފައިވާ، ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީއެލް) އާއި ޓްރޭޑް ނެޓް ކޯޕަރޭޝަން ލިމިޓެޑް އަށް ބޯޑް ޑިރެކްޓަރުން އައްޔަންކޮށްފި އެވެ. ފިނޭންސް މިނިސްޓްރީއިން ބުނީ މަގު ހެދުމުގެ މަސައްކަތްތަކަށް ރައީސް އުފެއްދެއްވި ކުންފުނި، އާރުޑީސީއެލްއަށް އެމްޑީއަކާ އެކު، ހަތަރު ބޭފުޅަކު މިހާރު އައްޔަން ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުންޏަށް ހަމަޖެއްސީ؛ 1. މޫސާ އަލިމަނިކު (މޫކޭ) -- އެމްޑީ 2. އަހުމަދު ޝަރީފް 3. އަހުމަދު މަރުޒޫގު 4. ޝަމްވީލް މުހައްމަދު ޗެއާމަންއާ އެކު އެ ކުންފުނީގެ ބޯޑްގައި ޖުމްލަ ފަސް ބޭފުޅުން ތިއްބަވަން ޖެހެ އެވެ. އެހެން ނަމަވެސް، ޕްރައިވެޓައިޒޭޝަން ބޯޑުން އެ ކުންފުންޏަށް އަދި ޗެއާމަނެއް ހަމަޖައްސާފައެއް ނުވެ އެވެ. މީގެ އިތުރުން ސަރުކާރުގެ ހިދުމަތްތައް އެއް ވިއުގަޔަކުން ގުޅާލުމަށް ރައީސް މިދިޔަ ހަފްތާ އުފެއްދެވި، ޓްރޭޑް ނެޓް ކުންފުންޏަށް އެމްޑީ އާއި ޗެއާމަން ހިމެނޭ ގޮތުން ޖުމްލަ ހަ ޑިރެކްޓަރުން ވަނީ ހަމަޖައްސައިފަ އެވެ. އެ ކުންފުންޏަށް ހަމަޖެއްސެވި ބޭފުޅުންނަކީ؛ 1. ޔޫސުފް ރިޒާ -- ޗެއާމަން 2. އަހުމަދު ޝިހާމް އަލީ -- އެމްޑީ 3. ނާހިޔާ މުހައްމަދު 4. ޝުރުފާ އަބްދުލް ވާހިދު 5. މަހުމޫދު ރިޔާޒު 6. މަރިޔަމް ވިޝާމް އަހުމަދު އެ ކުންފުނީގެ ބޯޑްގައި ޖުމްލަ ހަތް ބޭފުޅުން ތިއްބަވަން ޖެހެ އެވެ. އެ ކުންފުނީގެ ބޯޑަށް އެއް ޑިރެކްޓަރަކު އަދި ހަމަޖައްސާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ