ޒުވާން ޓީމުގެ ވީޑިއޯގެ މައްސަލައިގައި އެފްއޭއެމުން ފިޔަވަޅު އަޅައިފި

ސޯޝަލް މީޑިއާ ގައި މިހާރު ދައުރުވަމުންދާ، އުމުރުން 15 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންތަކެއް ހިމެނޭ ވީޑިއޯއާ ގުޅިގެން އެ ޓީމުގެ ބައެއް ކުޅުންތެރިންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބުނެފި އެވެ.
މި ވީޑިއޯ ގައި ކުޅުންތެރިންގެ ފަރާތުން ފެނުނު އަހުލާގީ ގޮތުން ގޯސް ކަންތައްތަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެފްއޭއެމަށް އަމާޒުވި އެވެ.
މި މައްސަލާގައި، އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ވީޑިއޯއާ ގުޅިގެން ބެލިބެލުމުން އެނގިފައި ވަނީ އެއީ އައްޑޫ ގައި މިހާރު ކުރިއަށް ދާ ޔުއެފާ އެސިސްޓް މުބާރާތުގެ ތެރެއިން ހިނގާފައިވާ ކަމެއް ނޫން ކަމަށާއި އެއީ މިދިޔަ އަހަރުގެ ނޭޕާލުގައި އޮތް މުބާރާތެއްގެ ތެރޭގެ ކަމެއް ކަމަށެވެ.
"..އެކަމާ ގުޅުން ހުރި ކުދިންތަކެއް، މިހާރު އައްޑޫ ސިޓީގައި ކުރިއަށް ދާ ޔުއެފާ އެސިސްޓް އަންޑަ 15 މުބާރާތުގައި ބައިވެރިވެފައިވާ ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމުގައި ހިމެނޭތީވެ، މި ކުޅުންތެރިންނާ މެދު ވަނީ ޑިސިޕްލިނަރީ ފިޔަވަޅު އެޅުމަށް ވަނީ ނިންމައިފަ އެވެ. އެ ގޮތުން އެ ކުޅުންތެރިން ވަނީ ޓީމު ވަކިކޮށް މާލެ ގެނެވިފަ އެވެ." އެފްއޭއެމްގެ ބަޔާނުގައި ވެ އެވެެ.
އާންމުވި ވީޑިއޯއާ ގުޅިގެން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އަނެއް ބަޔަކީ ޓީމާ ހަވާލުވެ ތިބޭ އޮފިޝަލުންނަށެވެ. އަދި އެ އުމުރުގެ ކުޅުންތެރިންތަކެއް ގޮވައިގެން އުޅުމުގެ ޒިންމާއާ ހަވާލުވާ އޮފިޝަލުންގެ ފަރާތުން ފެނިގެން ދިޔައީ ޒިންމާ އަދާނުކުރެވުނު ތަން ކަމަށް ގިނަ ބަޔަކު ފާހަގަކުރި އެވެ. އެފްއޭއެމުން ބުނީ ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދެން ކުރެވޭނެ ކަންތައްތައް އެ އިދާރާއިން ކުރާނެ ކަމަށެވެ.
"ޓީމުގެ އޮފިޝަލުންނަށް ވެސް ޓީމުގެ ކުދިންގެ އެންމެހާ ކަންތައްތައް ގާތުން ބެލުމަށާއި އިތުރަށް ބެލުމަށް ފަރުވާތެރިވުމަށް ނަސޭހަތްތެރިވެފައިވާނެ އެވެ. އަދި މި ފަދަ އަހުލާގީ ކަންތައްތަކަކީ މި އެސޯސިއޭޝަނުން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫންކަން މީޑިއާތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ." އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.
ކޯޗު އިބްރާހިމް ހަލީމް (ޖަޑާ)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ 15 އަހަރުން ދަށުގެ ޓީމު ވަނީ އައްޑޫގައި މިހާރު ކުރިއަށް ގެންދާ ޔުއެފާ އެސިސްޓް މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ މުބާރާތުން ކަޓައިފަ އެވެ. ފުރަތަމަ މެޗުން ބޫޓާން އަތުން 2-1 އިން ބަލިވިއިރު، ދެ ވަނަ މެޗުން ސައުދި އަރަބިއްޔާ އަތުން ވަނީ 6-0 އިން ބަލިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ